Roadha Mihaaru
ކެމިކަލް ހަމަލާގައި މަރުވާ މީހުން އިތުރުވާތީ ޝޮކުގައި

ކެމިކަލް ހަމަލާގައި މަރުވާ މީހުން އިތުރުވާތީ ޑޮކްޓަރުން ވެސް ޝޮކުގައި

05 އެޕްރީލް 2017

ދިމިޝްގު (އެޕްރީލް 5) - ސީރިއާގެ އިދްލީބުގެ އިދިިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ ހިސާބުތަކަށް ދިން ކެމިކަލް ހަމަލާގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ޑޮކްޓަރުން ވެސް ކަންބޮޑުވާން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އެޕްރީލް 5) - ސީރިއާގެ އިދްލީބުގެ އިދިިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ ހިސާބުތަކަށް ދިން ކެމިކަލް ހަމަލާގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ޑޮކްޓަރުން ވެސް ކަންބޮޑުވާން ފަށައިފި އެވެ.

އަންގާރަ ދުވަހު ހެނދުނު ޚާން ޝެއިޚޫން އަށް ދިން ހަމަލާގައި މިހާތަނަށް ވަނީ 74 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އޭގެ ތެރޭގައި 10 ކުޑަކުދިން ވެސް ހިމެނެ އެވެ. ކެމިކަލް ހަމަލާގައި ޒަޚަމްވި މީހުންނަށް ފަރުވާ ދެމުންދިޔަ ހޮސްޕިޓަލަކަށް ވެސް މިއަދު ވަނީ ވައިގެ ހަމަލާތައް ދީފަ އެވެ.

އިދްލީބުގެ ހެލްތު ޑައިރެކްޓަރޭޓް މުންޒިރް ޚަލީލް ވިދާޅުވީ މަރުވާ މީހުންގެ އަދަދު އިތުރުވާތީ ފަރުވާ ދިނުމަށް ޑޮކްޓަރުންނަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބައެއް މީހުން ގެއްލިފައިވުމާ އެކު މަރުވި މީހުންގެ އަދަދު 107 އަށް ވުރެ މައްޗަށް ދާނެ ކަމަށް ހޮސްޕިޓަލްތަކުން ލަފާކޮށްފައިވާ ކަމަށެވެ. އަދި މި ހަމަލާގައި ވަނީ 557 މީހުން ޒަޚަމްވެފަ އެވެ. ނަމަވެސް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ކެމިކަލް ހަމަލާގައި މިހާތަނަށް 99 މީހުން މަރުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި 37 ކުޑަ ކުދިން ވެސް ހިމެނެ އެވެ.

ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނީ ޒަޚަމްވި މީހުންގެ ކިބައިން ފެނުނު އަސަރުތަކަށް ބަލާ އިރު ނާވް އެޖެންޓެއްގެ އަސަރުކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.