Roadha Mihaaru
އެމެރިކާ އެކަނި ނަމަވެސް ސީރިއާ އަށް ފިޔަވަޅު އަޅަންޖެހޭ

އެމެރިކާ އެކަނި ނަމަވެސް ސީރިއާ އަށް ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިންޒާރު ދީފި

06 އެޕްރީލް 2017

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 6) - ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން 80 އަށް ވުރެ ގިނަ މީހުން މަރާލި ހާދިސާގައި އދ. އިން ފިޔަވަޅު ނާޅައިފި ނަމަ އެމެރިކާ އެކަނި ނަމަވެސް ސީރިއާ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 6) - ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން 80 އަށް ވުރެ ގިނަ މީހުން މަރާލި ހާދިސާގައި އދ. އިން ފިޔަވަޅު ނާޅައިފި ނަމަ އެމެރިކާ އެކަނި ނަމަވެސް ސީރިއާ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފި އެވެ.

"އދ. ގެ ވާޖިބު އަދާކުރަން ނުކުޅެދިއްޖެ ނަމަ އެމެރިކާ އަށް ފިޔަވަޅު އަޅަން މަޖްބޫރުވާނެ ހާލަތު އަންނާނެ،" އދ. އަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު ނިކީ ހޭލީ ވިދާޅުވި އެވެ.

އެމެރިކާ އިން މި އިންޒާރު ދީފައި ވަނީ ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދަކަށް އަންގާރަ ދުވަހު ދިން ކެމިކަލް ހަތިޔާރުގެ ހަމަލާއާ ގުޅިގެން ސަލާމަތީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމުގަ އެވެ. ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އިނގިރޭސި ވިލާތް، ފްރާންސް އަދި އެމެރިކާ އިން ވަނީ ކެމިކަލް ހަމަލާ ތަހުގީގު ކުރުމަށް ގަރާރެއް ހުށަހަޅައިފަ އެވެ. ނަމަވެސް ގަރާރަށް ވޯޓަށް އެހުމާ ހަމައަށް ނުދިޔައީ ރަޝިޔާ އިން އެކަމާ ދެކޮޅު ހަދަން ފެށުމުންނެވެ.

ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން، ސީރިއާ އަށް ދިން ކެމިކަލް ހަމަލާގައި ގެއްލުން ލިބުނު ކުޑަ ކުދިންގެ ފޮޓޯތައް އެމެރިކާ ސަފީރު ހޭލީ ދައްކާލައްވަނީ. --ފޮޓޯ:އޭއެފްޕީ

ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން، ސީރިއާ އަށް ދިން ކެމިކަލް ހަމަލާގައި ގެއްލުން ލިބުނު ކުޑަ ކުދިންގެ ފޮޓޯތައް އެމެރިކާ ސަފީރު ހޭލީ ދައްކާލައްވަނީ. --ފޮޓޯ:އޭއެފްޕީ

ކެމިކަލް ހަމަލާ ދިނީ ސީރިއާ ސަރުކާރުން ކަމަށް އެމެރިކާ އިން ބުނެ އެވެ. އެކަމަކު ރަޝިޔާ އާއި ސީރިއާ އިން ބުނަމުން ދަނީ ކެމިކަލް ލީކުވެފައި ވަނީ އިދިކޮޅު ހަނގުރާމަވެރިން ކެމިކަލް ރައްކާކޮށްފައިވާ ގުދަނަކަށް ހަމަލާ ދިނުމުން ކަމަށެވެ.

ކެމިކަލް ހަމަލާގައި ގެއްލުން ލިބުނު ކުޑަ ކުދިންގެ ފޮޓޯތައް ދައްކާލަމުން ހާލޭ ވަނީ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ރަޝިޔާ އަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ. އަދި ރަޝިޔާ އިން ސަމާލުވުމުގެ ކުރިން ކިތައް ކުޑަކުދިން މަރުވަން ޖެހޭތޯ އޭނާ ވަނީ ސުވާލު ކުރައްވައިފަ އެވެ.

"ރަޝިޔާ އިން ސީރިއާ އަށް ނުފޫޒު ފޯރުވާ ކަމަށް ވަންޏާ އެ ނުފޫޒުގެ ބޭނުންކޮށްގެން މި އަނިޔާވެރި ކަމަށް ނިމުން ގެންނަން ޖެހޭ،" ހޭލީ ވިދާޅުވި އެވެ.

އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ އިދްލީބުގެ ޚާން ޝެއިޚޫން އަށް ދިން ހަމަލާގައި މިހާތަނަށް 86 މީހުން މަރުވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެ އެވެ. މަރުވި މީހުންގެ ތެރޭގައި 30 ކުޑަ ކުދިން ވެސް ހިމެނެ އެވެ.