Roadha Mihaaru
ގާސިމްގެ މައްސަލާގައި ޕީޖީން އަދި ގޮތެއް ނުނިންމާ

ގާސިމަށް ދައުވާކުރަން ފޮނުވި މައްސަލާގައި އަދި ގޮތެއް ނުނިންމަން: ޕީޖީ އޮފީސް

06 އެޕްރީލް 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވި މައްސަލާގައި އަދި ގޮތެއް ނުނިންމާ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވި މައްސަލާގައި އަދި ގޮތެއް ނުނިންމާ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

ގާސިމަށް ދައުވާކުރަން ފޮނުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް އިނާޔަތް ދެއްވާނެ ކަމަށް ގާސިމް ވިދާޅުވި މައްސަލައިގަ އެވެ. މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވެފައިވާ ގޮތުގައި މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުން އިތުރު ދައުރަކަށް ހޮވަން އޭނާ މަސައްކަތް ކޮށްދެއްވާނެ އެވެ.

ގާސިމަށް ދައުވާކުރަން ފޮނުވި މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި ރޭ ގާސިމް ވިދާޅުވި އެވެ.

އެކަމަކު ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ މައްސަލަ މިހާތަނަށް ކޯޓަކަށް ނުފޮނުވަ އެވެ. އެ މައްސަލަ އަދިވެސް އަންނަނީ ދިރާސާ ކުރަމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ގާސިމަށް ތުހުމަތު ކުރާ މައްސަލާގައި ދެ ފަހަރެއްގެ މަތިން ފުލުހަށް ހާޒިރު ކޮށްފައިވާއިރު، އޭނާގެ ފޮޓޯ އާއި އޯޑިއޯ ސާމްޕަލް ވެސް ފުލުހުން ނެގި އެވެ. އެތަކެތި ނެގީ ގާސިމް ދެއްކެވި ވާހަކަތަކުގެ އޯޑިއޯ އެނަލިސިސް ރިޕޯޓެއް ހެދުމަށެވެ.

އެ މައްސަލާގައި ގާސިމް ފުރުން މަނާކޮށް، ކޯޓުން އަމުރު ނެރެފައިވާތީ އެ މައްސަލަ ގާސިމްގެ ވަކީލުން ވަނީ އިސްތިއުނާފް ކުރަން ނިންމައިފަ އެވެ.

ގާސިމަށް ދައުވާ ކުރަން ފޮނުވުމުގެ އިތުރުން ގާސިމްގެ ވިލާ ކުންފުނިން 18 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ވަނީ އަންގައި، އެ ފައިސާ ހޯދަން ވިލާގެ އެކައުންޓްތައް ވަނީ ފްރީޒްކޮށްފަ އެވެ. އެކަމަކު ގާސިމް ވިދާޅުވާ ގޮތުން ވިލާ އިން ދައުލަތަށް ދޭންޖެހޭ ފައިސާއެއް ނޯންނާނެ އެވެ.