Roadha Mihaaru
ރައީސަށް އެލްޖީއޭގެ ބާރު ލިބޭ ގޮތަށް ފާސްކޮށްފި

ރައީސަށް ބާރު ލިބޭ ގޮތަށް އެލްޖީއޭ އަށް ބަދަލު ގެންނަން ފާސްކޮށްފި

12 އެޕްރީލް 2017

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އެކުލަވާލުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު އެކުލަވާލުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ގޮތަށް ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި އިސްލާހު މަޖިލިހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުންނެވެ. އިސްލާހާ ދެކޮޅަށް 17 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެ ބިލް ފާސްކުރީ ގާނޫނު ތަސްދީގުކޮށް، އަމަލްކުރަން ފެށުމާ އެކު މިހާރުގެ އެލްޖީއޭ ބޯޑު އުވޭ ގޮތަށެވެ. އަދި ބިލްގައި ބުނެފައި ވަނީ ތަސްދީގުކޮށް، ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން އެއަށް އަމަލްކުރާ ގޮތަށެވެ.

މިހާރު އޮތް ގޮތުން އެލްޖީއޭގައި، ހަ ކައުންސިލަރުންނާ އެކު، ނުވަ މެމްބަރުން ތިބެ އެވެ. އެކަމަކު އާ އިސްލާހުގައި އެ އަދަދު ވަނީ ފަހަކަށް ބަދަލުކޮށް، އެ ހުރިހާ އެންމެންނަކީ ވެސް ރައީސް އައްޔަންކުރާ ބަޔަކަށް ހަދައިފަ އެވެ.

ކުރިން ނަމަ އަތޮޅު ކައުންސިލްތަކުން ހަތަރު ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކުން ދެ ކައުންސިލަރަކު، ކައުންސިލަރުންގެ ވޯޓުން އިންތިޚާބުކުރެ އެވެ. އާ ބިލާ އެކު އެލްޖީއޭ ބޯޑުގައި އެއްވެސް ކައުންސިލަަރަކު ނުހިމެނޭނެ އެވެ.

އިސްލާހުގައިވާ ގޮތުން އެލްޖީއޭގެ ބޯޑުގައި ދެން ތިބޭނީ ރައީސް އައްޔަންކުރައްވާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާގެ އަންހެން ތަޖުރިބާކާރަކާއި މަދަނީ ޖަމިއްޔާގެ މެމްބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ މީހެއްގެ އިތުރުން ޗީފް އެގްޒެކްޓިވް އޮފިސަރެވެ.

މި ފަސް މީހުން އަައްޔަންކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދަން ފޮނުއްވަން ޖެހެ އެވެ. އެކަމަކު މިހާރު އޮތީ ސަރުކާރުން ކޮންޓްރޯލްކުރާ މަޖިލިހަކަށް ވެފައި، މިހާތަނަށް ސަރުކާރުން ފޮނުވި އެއްވެސް ކަމެއް ފޭލްވެފައި ނުވާތީ، ރައީސް އަބްދުﷲ ޔާމީން ފޮނުއްވާ ކޮންމެ ނަމެއް އުނދަގުލެއް ނެތި ފާސްވާނެ ކަމަށް ބެލެވެ އެވެ.

ބޯޑުގެ މެމްބަރުންނަށް ލިބޭ އިނާޔަތްތައް ކަނޑައަޅުއްވާނީ ވެސް، ބިލް ބުނާ ގޮތުން، ރައީސެވެ. މެންބަރުންގެ މުއްދަތަކީ ފަސް އަހަރެވެ.

ލާމަރުކަޒީ ގާނޫނުގައި މިހާރު އޮތް ގޮތުން އެލްޖީއޭގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ އެލްޖީއޭގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެކަމަކު އަލަށް ގެންނަ އިސްލާހުގައި ބުނަނީ އެލްޖީއޭގެ ރައީސް ވެސް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެކަމަކު އެލްޖީއޭގެ ނައިބު ރައީސް އިންތިޚާބު ކުރާނީ ކޮމިޓީގައި ހިމެނޭ، ޗީފް އެގްޒެކްޓިވް ފިޔަވައި، އެހެން މެމްބަރުން ވޯޓު ލައިގެންނެވެ.

ލޯކަލް އިންތިޚާބު ކުރިމަތީގައި އޮއްވާ މި ގެނައި ބަދަލަކީ، އިދިކޮޅު ބޭފުޅުން ވިދާޅުވާ ގޮތުގައި، ރައްޔިތުން އިތުރަށް އަޅުވެތިކުރުމެވެ.