Roadha Mihaaru
ބްރޯޑޮކޮމް އިން މީޑިއާތަކާ މެދު ތަފާތުކުރޭ: ޓީއެމް

ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާތަކާ މެދު ތަފާތުކުރުން ގެންގުޅޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް

10 އެޕްރީލް 2017

ބްރޯޑްކާސްޓިން ކޮމިޝަނުން މިނިވަން މީޑިއާގެ މާހައުލެއް ގާއިމުކުރުމުގެ ބަދަލުގައި، ވަކިވަކި މީޑިއާގެ މަސައްކަތަށް ހުރަސްއަޅާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން އެކަން ކުށްވެރިކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ބްރޯޑްކާސްޓިން ކޮމިޝަނުން މިނިވަން މީޑިއާގެ މާހައުލެއް ގާއިމުކުރުމުގެ ބަދަލުގައި، ވަކިވަކި މީޑިއާގެ މަސައްކަތަށް ހުރަސްއަޅާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން އެކަން ކުށްވެރިކޮށްފި އެވެ.

އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާނޫނުއަސާސީ އާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި މީޑިއާގެ މިނިވަންކަމުގެ ހައްގަށް ބުރޫއަަރައި، މީޑިއާގެ މަސައްކަތަށް ހީނަރުކަން އަންނަ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަމަލުކުރާ ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޓީއެމް އިން ބުންޏެވެ.

"ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ގާނޫނުގައިވާ ގޮތަށް މިނިވަންކަމާ މުސްތަގިއްލުކަންމަތީ، ވަކި ފަރާތަކަށް ބުރަނުވެ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ގޮތެއްގައި ބްރޯޑްކޮމްއިން މަސައްކަތް ނުކުރާކަމުގެ ފާޅުކަން ބޮޑު ހެކިތައް ދަނީ ފެންނަމުން. އެގޮތުން މީޑިއާތަކުގެ އަމަލުތައް ހުންނަގޮތުން ކަމުގައި ބުނެ ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖުރިމަނާކުރަމުން ދާއިރު މިފަދަ އަމަލުތައް ރައްދުވަނީ ވަކި މީޑިއާތަކަކަށްކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެ ޖަމިއްޔާއިން ބުނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަކިން ހާއްސަކޮށް، ރާއްޖެ ޓީވީއަށް އަމާޒުކޮށްގެން ވަރަށް ގިނަ ނިންމުތަކެއް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކުންނާއި، އެ ސްޓޭޝަނުން ގެންނަ ޕްރޮގްރާމުތަކުގައި ގެނެސްދޭ މަންޒަރާއި އަޑުގެ ސަބަބުން ތަފާތު އަދަދުތަކުން ޖުރިމަނާކޮށް ބައެއް ހާލަތްތަކުގައި މައާފަށް އެދުމަށް ވެސް މަޖުބޫރުކުރުވާފައިވާ ކަމަށް ބުންޏެވެ.

ރާއްޖެ ޓީވީ 250،000 ރުފިޔާއިން ކޮށްފައިވާ ޖުރިމަނާ އެ ސްޓޭޝަނުން ދެއްކި ދުވަހު އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި ވާތީ އެކަން ޓީއެމް އިން ފާހަގަކުރި އެވެ. އެ ޖަމިއްޔާއިން ބުނީ އެމްޔޫއޯއިން ބޭއްވި ޖަލްސާއެއްގައި ދެއްކި ވާހަކަތަކަކުން ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތް ގެއްލިދާނެކަމުގެ ފުރުސަތު އޮތް ކަމަށް ބުނެ ރާއްޖެޓީވީ ކުރި ޖުރިމަނާއަކީ، އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިހާ ބޮޑު އަދަދަކުން ޖުރިމަނާކުރި ފުރަތަމަ ފަހަރު ކަމަށެވެ.

"ބްރޯޑްކާސްޓިން ކޮމިޝަނުގެ މިފަދަ އަމަލުތަކުން ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ދިމިގުރާތީ ނިޒާމުގެ ބާރުކެނޑި، މިނިވަން މީޑިއާއެއް ގާއިމުކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅެމުންދާ ކަމަށް މި ޖަމިއްޔާއިން ދެކެން. އަދި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް ފޯރުކޮށްދިނުމުގައި، އިންސާނީ ހައްގުތަކުގެ އެންމެ މުހިއްމު އަސާސްތައް ކަމުގައިވާ ހަމަހަމަކަމާއި ތަފާތު ނުކުރުމުގެ މަފްހޫމާ މުޅިން ހިލާފަށް ބްރޯޑްކޮމްއިން އަމަލުކުރުން ހުއްޓާލުމަށް ވެސް މި ޖަމްއިއްޔާއިން ގޮވާލަން،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ޓްރާންސްޕޭރަންސީން ބުނީ ބްރޯޑްކާސްޓިން ކޮމިޝަނަކީ މީޑިއާތަކުގެ މަސައްކަތްތަކަށް އުސޫލީ ގޮތުން ބާރުވެރިކަންދިނުމުގެ މަގުސަދުގައި އުފައްދާފައިވާ މުއައްސަސާއެއްކަމުގައި ވީނަމަވެސް، އެ ކޮމިޝަނުގެ މަސައްކަތްތައް ބޮޑަށް ބައްޓަން ކުރެވިފައި ވަނީ މީޑިއާތަކުގެ މަސައްކަތްތަކަށް ނަހަމަގޮތުގައި ނުފޫޒުފޯރާގޮތަށް ކަމަށެވެ. އަދި ސަރުކާރަށް ފާޑުކިޔާ މީޑިއާތަކަށް ތަފާތުކުރުވަނިވި ގޮތެއްގައި އަދަބުތައް ކަނޑައެޅުމާއި އެފަދަ މީޑިއާތަކުގެ މަސައްކަތަކަށް ހުރަސް އަޅަމުން ދިޔުމުގެ ނަތީޖާއަކީ، ރައްޔިތުންގެ ކުރިމަތީގައި ކޮމިޝަނުގެ މުސްތަގިއްލުކަމާމެދު ބޮޑެތި ޝައްކުތައް އުފެދި، ކޮމިޝަނުގެ ނިންމުންތަކަކީ ސިޔާސީ ނުފޫޒުން ކުލަޖެހިފައިވާ ނިންމުންތަކެއްކަމުގައި ބަލައިގަތުމުގެ ފުރުސަތު އޮތުން ކަމަށް ވެސް ބުނެފައިވެ އެވެ.