Roadha Mihaaru
ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށެއް ނުދިން

ރާއްޖެ ޓީވީގެ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދެވޭކަށް ނެތް: ބްރޯޑްކާސްޓިން ކޮމިޝަން

29 އޯގަސްޓް 2018

އިދިކޮޅު އިއްތިހާދުގެ މުޒާހަރާއެއްގައި ދެއްކި ވާހަކަތަކެއް ރާއްޖެ ޓީވީން ގެނެސްދިން މައްސަލާގައި، އެ ސްޓޭޝަންގެ މައްޗަށް ކޮށްފައިވާ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށް ދެވެން ނެތް ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިދިކޮޅު އިއްތިހާދުގެ މުޒާހަރާއެއްގައި ދެއްކި ވާހަކަތަކެއް ރާއްޖެ ޓީވީން ގެނެސްދިން މައްސަލާގައި، އެ ސްޓޭޝަންގެ މައްޗަށް ކޮށްފައިވާ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށް ދެވެން ނެތް ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާއިން މި މަހު ޖޫރިމަނާ ކުރީ މިދިޔަ މާޗް މަހު އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގައި ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅު ގެއްލޭ ގޮތަށް ދެެއްކި ވާހަކަތަކެއް އެ ސްޓޭޝަނުން ބްރޯޑްކާސްޓްކުރި ކަމަށް ބުނެ އެވެ. ޖޫރިމަނާ ދައްކަން އެ ސްޓޭޝަނަށް ދީފައިވާ 30 ދުވަހުގެ މުއްދަތު އަންނަ މަހުގެ އަށް ވަނަ ދުވަހު ހަމަވާނެ އެވެ.

ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދޭން ރާއްޖެ ޓީވީން އެދުމުން ބްރޯޑްކާސްޓިން ކޮމިޝަނުން އެ ސްޓޭޝަނަށް މިއަދު ފޮނުވި ސިޓީގައި ވަނީ ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށް ދެވެން ނެތް ކަމަށެވެ.

ޖޫރިމަނާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް އެ ކޮމިޝަނުން ނިންމިއިރު، ރާއްޖެ ޓީވީން ވަނީ ޖޫރިމަނާ ދެއްކުމަށް ފައިސާ ހޯދުމަށް ފަންޑު ފޮށިތައް ހުޅުވައިފަ އެވެ.

މީގެކުރިން ވެސް ތިން ފަހަރެއްގެ މަތިން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައިވެ އެވެ. އަބުރުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ އެ ސްޓޭޝަން ޖޫރިމަނާ ކުރީ ފުރަތަމަ މިދިޔަ އަހަރު 250،000ރ. އިންނެވެ. އޭގެ ފަހުން އެއް މިލިއަން ރުފިޔާއިން ވެސް ޖޫރިމަނާ ކުރި އެވެ. އަދި ފަހުން ފަސް ލައްކަ ރުފިޔާއިން ވެސް އެ ސްޓޭޝަން ޖޫރިމަނާކުރި އެވެ.

ޖޫރިމަނާ ކުރި މައްސަލަތައް ރާއްޖެ ޓީވީން ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލަތައް މިހާރު ދަނީ ހިނގަމުންނެވެ.