Roadha Mihaaru
ޓާޓާއާ ހަވާލު ކުރި ދެ ބިން ސަރުކާރުން އަތުލަނީ

ފްލެޓް އަޅަން ޓާޓާއާ ހަވާލުކުރި ދެ ބިން ސަރުކާރުން އަތުލަނީ!

19 އެޕްރީލް 2017

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރަން ޖެހޭ ފްލެޓްތަކުގެ މަސައްކަތް، ކަނޑައަޅާފައިވާ މުއްދަތުގައި ނުފެށުމުން، އެ އެއްބަސްވުން ބާތިލްކުރަން ސަރުކާރުން ނިންމައިފި އެވެ.

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރަން ޖެހޭ ފްލެޓްތަކުގެ މަސައްކަތް، ކަނޑައަޅާފައިވާ މުއްދަތުގައި ނުފެށުމުން، އެ އެއްބަސްވުން ބާތިލްކުރަން ސަރުކާރުން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޓާޓާ ކުންފުންޏާ ހަވާލުކޮށްފައިވާ އެ މަސައްކަތް ނިންމަން ދިން މުއްދަތު މީގެ ތިން މަސް ކުރިން ހަމަވެފައިވާ ކަމަށެވެ. އެކަމަކު އިތުރަށް ދިން 90 ދުވަހުގެ ތެރޭގައި ވެސް އެ މަސައްކަތް ފަށާފައި ނުވުމުން އެގްރީމެންޓް ބާތިލްކުރަން ނިންމައި އެ ކުންފުންޏަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.

ޓާޓާ ކުންފުންޏާ އެކު ނަޝީދުގެ ސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ ޖުމްލަ 280 ފްލެޓު އަޅަން ޖެހެ އެވެ. އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅާ ވިއްކަން ޓާޓާ އަށް ދިނީ އޯޑިއޯން އާއި ނާދީ ހުރި ބިމެވެ.

ޓާޓާ އިން ދާދި ފަހުން ވަނީ އެ ދެ ބިމުގައި މަސައްކަތް ފަށަން ބައެއް ތައްޔާރީތައް ވެސް ވެފަ އެވެ. އެގޮތުން ނާދީ ބިމުގައި ހުރި ބޮޑެތި ގަސްތައް ކޮށައި، ބިން ސާފުކޮށްފައިވެ އެވެ. އަދި އޯޑިއޯން ބިމުގައި ފްލެޓްތަކުގެ މަސައްކަތް ފެށުމުގެ ގޮތުން ހަފުލާއެއް ވެސް ބޭއްވި އެވެ. އެކަމަކު އަމަލީ މަސައްކަތް އަދިވެސް ނުފަށަ އެވެ.

އަރަބިއްޔާ އާއި ގާކޮށި ފްލެޓްތައް ނިންމައި، ސަރުކާރާ ހަވާލުކުރީ ވެސް މުއްދަތު ފާއިތުވެ، އަދި ސަަރުކާރުން ވެސް އެތައް ޕްރެޝަރެއްކޮށްގެންނެވެ. އަދި ފްލެޓްތައް ނިންމައި ހަވާލުކުރި އިރު، ފެންވަރު ދަށްވުމުގެ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.

ފްލެޓް ލިބުނު މީހުން ބުނަނީ އެތަނުގެ އަގާ ތަނުގެ ފެންވަރު އެކަށީގެން ނުވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ނަޝީދު ސަރުކާރުން ޓާޓާއާ ޕްރޮޖެކްޓްތައް ހަވާލުކުރީ ވަރަށް ދޯދިޔާކޮށް ކަމަށެވެ. ނަމަވެސް އެ މަޝްރޫއުތައް ނިންމަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓާޓާގެ އެއްބަސްވުން ބާތިލް ކުރަން ސަރުކާރުން ނިންމި ނަމަވެސް އެ ދެ ބިމުގައި ފްލެޓް ނާޅާނަމެކޭ މިނިސްޓަރު ސީދާ ވިދާޅެއް ނުވެ އެވެ. ވިދާޅުވީ "އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން" ކަމަށެވެ.

"އަޅުގަނޑު ނުބުނާނަން ފްލެޓް ނާޅާނަމޭ. އެކަމަކު އެތަނަކު ކޮންމެހެން ފްލެޓް އަޅާކަށް ނުވެސް ޖެހޭ. އަދި އެއަށް ވުރެ ރަނގަޅު ބިންތަކުގައި ފްލެޓް އެޅުމަށް ރައީސް ޔާމީން ވަނީ ނިންމަވާފައި،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖީދީމަގު އެންމެ ބާރު ބޮޑު ސަރަހައްދުގައި ހުންނަ އޯޑިއޯން ބިމުގައި ފްލެޓް އެޅުމަކީ ވަރަށް ދެކޮޅު ނުޖެހޭ އަދި ތާކުންތާކު ވެސް ނުޖެހޭ ކަމެއް ކަމަށެވެ.