Roadha Mihaaru
ދެވަނަ އޮޓޮޕްސީ ހަދަން ރައުދާގެ ގަބުރު ނަގައިފި

ދެވަނަ އޮޓޮޕްސީ ހަދަން ރައުދާގެ ގަބުރު ނަގައިފި

24 އެޕްރީލް 2017

ބަންގްލަދޭޝްގައި މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފްގެ ދެ ވަނަ އޮޓޮޕްސީއެއް ހެދުމަށް އޭނާގެ ގަބުރު މިއަދު ނަގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބަންގްލަދޭޝްގައި މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފްގެ ދެ ވަނަ އޮޓޮޕްސީއެއް ހެދުމަށް އޭނާގެ ގަބުރު މިއަދު ނަގައިފި އެވެ.

ރައުދާގެ ގަބުރު ނަގާފައި މިވަނީ، އެ މަރާ މެދު ސުވާލުތަކެއް އުފެދޭތީ އެކަން ބެލުމަށް އިތުރު އޮޓޮޕްސީއެއް ހަދަން އެ ގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް (ސީއައިޑީ) އިން ކޯޓުގެ އެދުމުންނެވެ. މިދިޔަ އަންގާރަ ދުވަހު ކޯޓުން ވަނީ ގަބުރު ނަގައިގެން އޮޓޮޕްސީ ހެދުމުގެ ހުއްދަ ދީފަ އެވެ.

ބަންގްލަދޭޝްގެ ޑާކާ ޓްރިބިއުން ނޫހުގައި ބުނެފައިވާ ގޮތުގައި ހެނދުނު 10 ޖެހިއިރު ރައުދާގެ ގަބުރު ނެގީ ސީއައިޑީ އިންސްޕެކްޓަރު އަސްމައުލް ހޯކު އާއި ކޯޓުގެ އެގްޒެކެޓިވް މެޖިސްޓްރޭޓް ޑރ. ރަކްތިމް ޗައުދޯރީ އަދި ރައުދާގެ ބައްޕަ ޑރ. މުހައްމަދު އާތިފްގެ ހާޒިރުގައި ކަމަށެވެ.

އަސްމައުލް ހޯކް އާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ ރައުދާ ކިޔެވި ރާޖްޝާހީ މެޑިކަލް ކޮލެޖުގެ ގަބުރު ރައްކާކުރާ ތަނަށް އޭނާގެ ހަށިގަނޑު ފޮނުވާލާފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ރާޖްޝާހީގެ އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖްގައި މެޑިސިން ކިޔަވަމުން އަންނަ ރައުދާގެ މަރުގައި އާދަޔާހިލާފު ކަމެއް ފާހަގަ ނުކުރެވޭ ކަމަށް ދިވެހި ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު ދަރިފުޅު މަރާލީ ކަމަށާއި އެކަން އަދިވެސް ތަހުގީގު ކުރުމަށް އެދި ރައުދާގެ ބައްޕަ ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.