Roadha Mihaaru
ދެ ވަނަ އޮޓޮޕްސީން ރައުދާގެ މަރާ މެދު ގޮތެއް ނުނިމޭ

ދެ ވަނަ އޮޓޮޕްސީން ރައުދާގެ މަރާ މެދު އަދި ގޮތެއް ނުނިންމޭ

25 އެޕްރީލް 2017

ބަންގްލަދޭޝްގައި މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފްގެ ގަބުރު ނަގައި، ދެ ވަނަ އޮޓޮޕްސީއެއް ހަދާފައި ވާއިރު މަރާ ބެހޭ ގޮތުން އަދި އެއްޗެކޭ ބުނަން ނޭނގޭ ކަމަށް މެޑިކަލް ބޯޑާ ހަވާލާދީ ބަންގްލަދޭޝްގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބަންގްލަދޭޝްގައި މަރުވި ދިވެހި ދަރިވަރު ރައުދާ އާތިފްގެ ގަބުރު ނަގައި، ދެ ވަނަ އޮޓޮޕްސީއެއް ހަދާފައި ވާއިރު މަރާ ބެހޭ ގޮތުން އަދި އެއްޗެކޭ ބުނަން ނޭނގޭ ކަމަށް މެޑިކަލް ބޯޑާ ހަވާލާދީ ބަންގްލަދޭޝްގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ބަންގްލަދޭޝްގެ ޑެއިލީ ސްޓާއަށް ދެއްވި އިންޓަވިއުއެއްގައި މެޑިކަލް ބޯޑުގެ ޗީފް އާމިރުލް ހުސެއިން ވިދާޅުވި ގޮތުގައި ފުރަތަމަ އޮޓޮޕްސީ ހެދި އިރު ރައުދާގެ ކަނދުރާ ކަފާލާފައި އޮތުމުން، އެ ހިސާބު ވަނީ ހަށިގަނޑުގެ އެހެން ހިސާބުތަކަށް ވުރެ އަވަހަށް ކުނިވެ ހަލާކުވެފަ އެވެ. އިއްޔެ ގަބުރު ނަގައިގެން ހެދި އޮޓޮޕްސީއަށް އިއްޔެ ތިން ގަޑިިއިރު ހޭދަވި ކަމަށް މެޑިކަލް ބޯޑުން ބުންޏެވެ.

މެޑިކަލް ބޯޑުން ވަނީ ދެ ވަނަ އޮޓޮޕްސީގެ ރިޕޯޓުތައް އެ ގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް (ސީއައިޑީ) އާ ހިއްސާކޮށްފަ އެވެ.

ރައުދާގެ ފުރަތަމަ އޮޓޮޕްސީ ރިޕޯޓުގައި ބުނެފައިވަނީ ރައުދާ ދަންޖެހިގެން މަރުވީ ކަމަށެވެ.

"މި ވަގުތަށް އެއްވެސް އެއްޗެއް ބުނާކަށް ނޭނގޭ،" ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައުދާ މަރުވީ ދަންޖެހިގެން ކަން ޔަގީންކުރަން އަދިވެސް ވަގުތު ބޭނުންވެ އެވެ. ރައުދާ މަރުވި ގޮތް އެނގޭނީ ކެމިކަލް ރިޕޯޓްތަކުގެ ނަތީޖާ ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެޑިކަލް ބޯޑުން ބުނީ ރައުދާގެ އެކްސްރޭއެއް ނަގައި ބެލިއިރު، އާދަޔާ ހިލާފު އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އެ ބޯޑުން ވަނީ ރައުދާގެ ހަށިގަނޑުން ސޮފްޓް ޓީޝޫ އާއި ބައެއް ކަށިތަކާއި އިސްތައްޓާއި ނިޔަފަތިތަކުގެ ސާމްޕަލްތައް ނަގައިފަ އެވެ.

ބަންގްލަދޭޝްގެ ރާޖްޝާހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި މެޑިސިން ކިޔަވަމުން ދިޔަ ރައުދާ އޭނާގެ ކޮޓަރީގައި މަރުވެފައި ހުއްޓާ މިދިޔަ މަހުގެ 29 ވަނަ ދުވަހު ފެނުމަށް ފަހު އާއިލާއިން ވަނީ މަރާ މެދު ސުވާލު އުފައްދައިފަ އެވެ. ރައުދާގެ ގަބުރު ނަގައިގެން އޮޓޮޕްސީއެއް މި ހެދީ މަރާ މެދު ސުވާލު އުފައްދާތީ އިތުރު އޮޓޮޕްސީއެއް ހަދަން އެ ގައުމުގެ ސީއައިޑީން ކޯޓުގެ އެދުމުންނެވެ.