Roadha Mihaaru
ޔާމީންގެ މަރުގެ މައްސަލަ މަޖިލިހުގެ ސަމާލުކަމަށް

ޔާމީންގެ މަރުގެ މައްސަލަ މަޖިލިހުގެ ސަމާލުކަމަށް

25 އެޕްރީލް 2017

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރާލި މައްސަލައިގެ ތަހުގީގު މިނިވަން ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ވައްދައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރާލި މައްސަލައިގެ ތަހުގީގު މިނިވަން ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ވައްދައިފި އެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ސ. ފޭދޫ އަށް އުފަން ޔާމީން 29، މަރާލުމުގެ ކުރިން ދިން އިންޒާރުތަކާ ދެކޮޅަށް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. އަދި ޔާމީނަށް ފުލުހުން އެއްވެސް ވަރަކަށް ޖަވާބުދާރީވެފައި ނުވާ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

އެހެންވެ، ޔާމީންގެ މަރުގެ ތަހުގީގު އިންސާފުވެރިކަމާއެކު އެންމެ ފުރިހަމަ އަށް ދިވެހި ފުލުހުންނަށް ހިންގިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީންގެ އިތުރުން މަޖިލިހުގެ މެމްބަރުންނަށާއި ސިޔާސީ އެކިއެކި ބޭފުޅުންނަށާއި ނޫސްވެރިންނަށާއި އާންމު ރައްޔިތުންނަށް އިންޒާރުތައް ލިބި، ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އެ ފަދަ މައްސަލަތައް ފުލުހުން ބަލާފައި ނުވާ ކަމަށް ވެސް ނިޒާރުގެ މައްސަލައިގައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހަރާކޮށްލިތާ ފަސް އަހަރު ވީއިރު ވެސް މިހާތަނަށް ފުލުހުންނަށް ފުރިހަމަ ތަހުގީގެއް ކުރެވިފައެއް ނުވެ އެވެ. އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގިތާ ތިން އަހަރު ހަމަވާން ގާތްވިއިރު ވެސް އެކަން ކުރި ބަޔަކާ އެކަން ހިނގި ގޮތް ވެސް ފުލުހުންނަށް ހޯދިފައި ނުވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ޔާމީން ބްލޮގުގައި ލިޔާ ލިޔުންތަކާއި ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތަކާ ގުޅިގެން އޭނާ އަށް އިންޒާރު ދިން މައްސަލަތައް ފުލުހުންނަށް ހުށަހެޅުމުން، އެ މައްސަލަތައް ބަލައި ތުހުމަތުކުރެވޭ ބަޔަކާ ސުވާލުކުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު އެޅީ ކޮން ފިޔަވަޅެއް ކަމެއް ނުބުނެ އެވެ.

ރަހުމްކުޑަ ހަމަލާތަކެއްގައި މިދިޔަ ހޮނިހިރުދުވަހުގެ ރޭ ދަންވަރު މަރާލި ޔާމީންގެ މަރުގެ މައްސަލައިގައި އިތުބާރު ހިފޭ ތަހުގީގެއް ހިންގޭނީ ބައިނަލްއަގުވާމީ ފެންވަރުގެ ތަހުގީގީ ތަޖުރިބާކާރުންގެ ބައިވެރިވުމާ އެކު ކަމަށް އޭނާގެ އާއިލާ އިން ވެސް ވަނީ ބުނެފަ އެވެ.

ފުލުހުން މިއަދު ނޫސްވެރިންނަށް ބުނީ ޔާމީން މަރާލުމުގައި ބައިވެރި މީހުންނާ ބެހޭ މައުލޫމާތު ލިބިފައިވާ ކަމަށާއި ވީޑީއޯތައް ވެސް އެބަހުރި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ވީޑިއޯ ފުލުހުން ވަނީ މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ދައްކާލައިފަ އެވެ.