Roadha Mihaaru
ހިޔާނާތުގެ ތަހުގީގުގައި އެންމެންގެ މައްސަލަތައް ބަލާނެ

ބޮޑު ޚިޔާނާތުގެ ތަހުގީގުގައި އެންމެންގެ މައްސަލަތައް ވެސް: ޕޮލިސް

14 ޖުލައި 2019

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރާއިރު، ވަކި ފަރުދަކަށް ޓާގެޓް ނުކުރާނެ ކަމަށާއި ތުހުމަތު ކުރެވޭ އެންމެންގެ މައްސަލަތައް ވެސް ތަހުގީގު ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރާއިރު، ވަކި ފަރުދަކަށް ޓާގެޓް ނުކުރާނެ ކަމަށާއި ތުހުމަތު ކުރެވޭ އެންމެންގެ މައްސަލަތައް ވެސް ތަހުގީގު ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަހުގީގުތައް ކުރިއަށްދާ ގޮތް އޮޅުންފިލުވުމަށް ފުލުހުންގެ ބައެއް ވެރިން ކޮމިޓީ އަށް ހާޒިރު ކުރުމުން ގިނަ މެމްބަރުން އަމާޒު ކުރެއްވި ސުވާލަކީ އެ މައްސަލައިގައި ޔާމީންގެ ބައިވެރިވުމެއް އޮތްތޯ އެވެ.

އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގަކީ އެއްވެސް ފަރުދަކަށް ނުވަތަ ވަކި ފަރާތަކަށް ޓާގެޓްކޮށްގެން ހިންގާ ތަހުގީގެއް ނޫން ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާ އެކު ފައިސާގެ މުއާމަލާތް ހިންގި ހުރިހާ އެންމެންގެ ތަހުގީގުތައް ވެސް ހިންގާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ތަހުގީގު ރިޕޯޓުގައިވާ ގޮތުން 155 ފަރާތަކަށް އެސްއޯއެފުން ވަނީ ލައްކަ އިންނާއި މިލިއަނުން ޑޮލަރު ޖަމާކޮށްފަ އެވެ. ލިސްޓުގައި ހިމެނޭ މީހުންނަށް ފައިސާ ޖަމާވި ސަބަބު ދެނެގަތުމަށް އޭސީސީން ވެސް އަންނަނީ ތަހުގީގެއް ކުރަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި މަޝްހޫރު ބައެއް ކުންފުނިތައް ހިމެނެ އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

"މި މައްސަލައާ ގުޅިގެން ތަހުގީގު މަރުހަލާގައި ފުލުހުން ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ނުބާއްވާނެ ކަމަށް ދަންނަވަން،" ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ވެރިޔަކަށް ހުންނެވި ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި އެއްވެސް މީހަކަށް ނޭނގި، އެ މީހެއްގެ އެކައުންޓަށް ފައިސާއެއް ރައްދުވެފައި އޮވެއްޖެ ނަމަ، އެ ފަރާތަކަށް ފައިސާ ހަވާލު ކުރުމަކީ އެ މީހެއްގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެކެވެ. އަދި ފައިސާ ރައްދު ނުކޮށް، ފައިސާ ބޭނުން ކުރުމަކީ ކުށްވެރިވެދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން މަނީ ލޯންޑްރިންގެ މައްސަލަތަކެއް ކުރިން ތަހުގީގު ކުރިއިރު، އެ މައްސަލައިގެ އިތުރު ތަހުގީގުތަކެއް ކުރަން ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެ މައްސަލަތަކުގެ އެއްވެސް ތަފްސީލެއް ރިޔާޒް ނުދެއްވަ އެވެ. ރިޔާޒް ވިދާޅުވީ ފުލުހުންނަށް ދެވެން ހުރި މައުލޫމާތެއް އޮވެއްޖެ ނަމަ، ސިއްރުކޮށްގެން ބާއްވާ ބައްދަލުވުމުގައި ހާމަކުރައްވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ތަހުގީގު ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެގޮތުން ސަރުކާރުގެ އިދާރާއަކުން މައުލޫމާތު ހޯދުމުގައި ދައްޗެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު، ކޯޓުން ކުރި ހުކުމަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓްރާންސެކްޝަނަލް ރިކޯޑްސް ހޯދަން ދަތިތަކެއް ދިމާވެފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ކޯޓު އަމުރު ހޯދައިގެން އައުމަށް ބީއެމްއެލް އިން އަންގާފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ ގޮތުން އޭސީސީން އާންމު ކުރި ތަފްސީލީ ރިޕޯޓްގައި ބުނެފައިވާ ގޮތުން 57 ރަށެއްގެ މައްސަލަ އެ ކޮމިޝަނުން ވަނީ ބަލައިފަ އެވެ. ރިޕޯޓުން އެނގޭ ގޮތުގައި އެ ރަށްރަށާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަށް ވަނީ ވަރަށް ބޮޑު ޚިޔާނާތެއް ވެފަ އެވެ. އެގޮތުން، އެ ރަށްރަށާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީ އަށް ވަދެފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ.

އެކަމަކު، ރިޔާސީ ކޮމިޝަނާއި އޭސީސީއާ ފުލުހުން ގުޅިގެން ކުރި ތަހުގީގުތަކުން އެނގޭ ގޮތުގައި 30 އާ ގާތްކުރާ އަދަދަށް ރަށްތައް ހުންނާނީ ދިހައެއް ނުވަތަ އެއަށް ވުރެ މަދު އަދަދެއްގެ މީހުންގެ ބެލުމުގެ ދަށުގައި ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަތައް، ރިޔާސީ ކޮމިޝަނާއި އޭސީސީ އާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަން ޓީމެއް ހަދަން ވަނީ ނިންމައިފަ އެވެ. އަދި ތަހުގީގު ޓީމު އެކުލަވާލުމުގެ އެމްއޯޔޫގައި މި ހަފްތާ ތެރޭގައި ސޮއިކުރަން މަސައްކަތް ކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.