Roadha Mihaaru
މަސް ނިމިއްޖެ، ބޮޑު ހިޔާނާތުގެ ރިޕޯޓެއް ނުނެރުނު!

މަސް ނިމިއްޖެ، ބޮޑު ހިޔާނާތުގެ ރިޕޯޓެއް ނުނެރުނު!

30 އެޕްރީލް 2017

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ރިޕޯޓު މި މަހު ނެރޭނެ ކަމަަށް ބުނި ނަމަވެސް މަސް ނިމުނުއިރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރިޕޯޓް ފެންނަ ވަރެއް ނުވި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ރިޕޯޓު މި މަހު ނެރޭނެ ކަމަަށް ބުނި ނަމަވެސް މަސް ނިމުނުއިރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރިޕޯޓް ފެންނަ ވަރެއް ނުވި އެވެ.

ގައުމު ސިއްސުވާލި 1.2 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގެ ތަހުގީގު ރިޕޯޓް މި މަހު އާއްމުކުރާނެ ކަމަށް އޭސީސީން ބުނީ އެ ރިޕޯޓު ނެރުން ލަސްވެގެން އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދު ދެމުންނެވެ.

މީގެ ދޮޅު އަހަރު ކުރިން ތަހުގީގު ކުރަން ފެށި މައްސަލަ ލަސްވަނީ، އޭސީސީން ތަކުރާރުކޮށް ބުނެފައިވާ ގޮތުގައި، އެއީ މިހާތަނަށް އެ ކޮމިޝަނުން ތަހުގީގުކުރާ އެންމެ ބޮޑު މައްސަލައަށް ވެފައި ގިނަ ބަޔަކާ ސުވާލުކޮށް މައުލޫމާތު ހޯދަން ޖެހޭތީ އެވެ. އެކަމަކު އެ ރިޕޯޓް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް މިދިޔަ މަހު ވެސް އޭސީސީން ވަނީ ބުނެފަ އެވެ.

އެކަމަކު އެ ރިޕޯޓް މި މަހު ނުނެރުނީ ކީއްވެ ކަމެއް އޭސީސީން މިއަދު ސާފުވާ ގޮތެއް ނުވި އެވެ.

އޭސީސީގެ އަހަރީ ރިޕޯޓް އާއްމުކުރަން މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ލަސްވީ އެ މައްސަލައިގެ ބާވަތުން ކަމަށެވެ. އެކަމަކު މި މަހު ރިޕޯޓް އާއްމުކުރާނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި އޭނާ ދެއްވި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތް ހިންގިކަން ފަޅާއެރުމާ އެކު ފުލުހުންނާއި ސިފައިން އެ އޮފީހުގެ ދޮރުމަތީގައި ފޯރިމަރަނީ

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތް ހިންގިކަން ފަޅާއެރުމާ އެކު ފުލުހުންނާއި ސިފައިން އެ އޮފީހުގެ ދޮރުމަތީގައި ފޯރިމަރަނީ

ރިޕޯޓް ނުނެރިގެން ފާޑުކިޔާ ބައެއް މީހުން ދެކޭ ގޮތުގައި، ރިޕޯޓް ނެރެން އޭސީސީ ޖެހިލުން ވަނީ އެވެ. ސަބަބަކީ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ސަރުކާރުގެ އިސް ބައެއް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންފައިވާ ކަން ތަހުގީގުން އެނގޭތީ އެވެ. ފައިސާ ބޭނުން ކުރެއްވި ކަމަށް ބައެއް މެމްބަރުން ފާޅުގައި ވިދާޅުވެފައިވާއިރު ވެސް ހެކިތަކާ އެކު ރިޕޯޓު ނެރުމުގެ ހިތްވަރެއް، އެ މިނިވަންކަމެއް ވެސް އެ ކޮމިޝަންގައި ނެތް ކަމަށް، އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ދައުލަތަށް ގެއްލުނު އެހާ ބޮޑު އަދަދެއްގެ ފައިސާގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ އިސް ގިނަ ބޭފުޅުންތަކަކާ އޭސީސީން ވަނީ ސުވާލުކޮށްފަ އެވެ.

އެ ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ތަހުގީގު ލަސްވިއަސް އެ ތަހުގީގާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ އެެވެ.

ސަބަބަކީ، އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވި ގޮތުގައި، ތަހުގީގު ވަކި ގޮތަކަށް ކުރިއަށް ގެންދަން ތަހުގީގު ޓީމަށް އޭސީސީން އަންގާފައިނުވުމާއި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ވެސް އެފަދަ ނުފޫޒެއް ފޯރުވާފައި ނުވުމެވެ.

މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ބެހޭ ގޮތުން އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ފައިސާގެ އަދަދާއި އޭސީސީން އަށް ހޯދުނު އަދަދުގައި މާ ބޮޑު ތަފާތެއް ނެތް ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.