Roadha Mihaaru
ޚަތިމުން ފޮތެއް ކިޔަވައިގެން ދެ ލިޓަރު ޕެޓްރޯލް ހިލޭ!

ޚަތިމުން ފޮތެއް ކިޔަވައިގެން ދެ ލިޓަރު ޕެޓްރޯލް ހިލޭ!

18 ޖޫން 2016

ޖަކާޓާ (ޖޫން 18) - މި ރޯދަ މަހު އިންޑޮނީޝިއާގެ މުސްލިމުންނަށް ދޭ ހަދިޔާއެއްގެ ގޮތުން ގުރުއާން ކިޔަވައިގެން ހިލޭ ޕެޓްރޯލް ލިބޭ އުސޫލެއް ހަމަޖައްސައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖަކާޓާ (ޖޫން 18) - މި ރޯދަ މަހު އިންޑޮނީޝިއާގެ މުސްލިމުންނަށް ދޭ ހަދިޔާއެއްގެ ގޮތުން ގުރުއާން ކިޔަވައިގެން ހިލޭ ޕެޓްރޯލް ލިބޭ އުސޫލެއް ހަމަޖައްސައިފި އެވެ.

މި ގޮތުން ފަސް ޕެޓްރޯލް ސްޓޭޝަނަކުން ވަނީ ޚަތިމުން ފޮތެއް ކިޔެވުމުން ދެ ލިޓަރު ޕެޓްރޯލް ދޭން ނިންމައިފަ އެވެ. އިންޑޮނީޝިއާގައި ގިނަ ބަޔަކު އެއް ތަނުން އަނެއް ތަނަށް ދިއުމަށް ބޭނުން ކުރަނީ މޮޓޯ ސައިކަލެވެ.

ގުރުއާން ކިޔަވައިގެން ހިލޭ ޕެޓްރޯލް ލިބޭ ވާހަކަ ވެރިރަށް ޖަކާޓާގެ އެކި ހިސާބުތަކުގައި އިޝްތިހާރު ކުރަން ފެށުމާ އެކު ގިނަ ބަޔަކު ވަނީ ތެޔޮ އަޅަން ޕެޓްރޯލް ސްޓޭޝަންތަކުގައި ކިޔޫ ހަދައިފަ އެވެ. ބައެއް ޕެޓްރޯލް ސްޓޭޝަންތަކުގައި ވަނީ ނަމާދުކޮށް ގުރުއާން ކިޔެވުމަށް ވަކި އިންތިޒާމްތަކެއް ހަމަޖައްސައިފަ އެވެ.

ޖަކާޓާގައި ދިރިއުޅޭ މުތަވައްކިރު ކިޔާ މީހަކު ބުނީ ހިލޭ ލިބޭ ތެޔޮ ހޯދަން އޭނާ ކެތްމަދުވެފައިވާ ކަމަށެވެ. އަދި ރޯދަ މަސް ނިމެންވާ އިރަށް ޚަތިމެއް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެން އެންމެންނަށް ވެސް އެނގޭ ހެޔޮ ކަމެއް ކޮށްފި ނަމަ އޭގެ ހެޔޮ ބަދަލު ލިބޭނެކަން. ކޮންމެ ދުވަހަކު ގުރުއާން ކިޔަވައިގެން ރޯދަ މަސް ނިމެންވާއިރަށް ޚަތިމެއް ކުރެވޭނެ. އަދި އަނެއްކޮޅުން އަހަރެމެންގެ ސައިކަލަށް ހިލޭ ތެޔޮ ވެސް އެޅޭ،" މުތަވައްކިރު ބުންޏެވެ.

ސަރުކާރުގެ ތެޔޮ ކުންފުނި ޕާޓަމިނާ އިން ބުނީ މިއީ މުސްލިމުން ގުރުއާން ކިޔެވުމަށް ބާރު އެޅުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. އަދި ރޯދަ މަސް ނިމެންދެން މި ޕްރޮމޯޝަން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.