Roadha Mihaaru
ދިރާސާތަކުގައި މީދާ ގުރުބާންކުރަނީ ކީއްވެ؟

ދިރާސާތަކުގައި މީދާ ގުރުބާންކުރަނީ ކީއްވެ؟

06 މެއި 2017

ސައިންސް ލެބޯޓަރީތަކުގައި މީދާ ބޭނުންކޮށްގެން ނުކުރާކަށް ދިރާސާއެއް ނެތެވެ. މިއީ އިންސާނުންނަށްޓަކައި މީދަލާއި ހިކަނދި ގުރުބާންކުރެވޭ ގޮތުގެ ވާހަކަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސައިންސް ލެބޯޓަރީތަކުގައި މީދާ ބޭނުންކޮށްގެން ނުކުރާކަށް ދިރާސާއެއް ނެތެވެ. މިއީ އިންސާނުންނަށްޓަކައި މީދަލާއި ހިކަނދި ގުރުބާންކުރެވޭ ގޮތުގެ ވާހަކަ އެވެ.

އިންސާނުންނަށް ބޭނުންޖެހޭ ސިއްހީ ދިރާސާތަކުގައި، ސައިންސްވެރިން އާންމުކޮށް މީދާ ބޭނުންކުރަނީ އިންސާނުންނާއި މީދަލުގެ ނިޒާމުތައް ދާދި އެއްގޮތް ކަމަށް ބުނެ އެވެ. ސައިންސް ލެބޯޓަރީތަކުގައި، ބައެއް ކަހަލަ ޓެސްޓްތަކުގައި، މުސަޅާއި ބުޅާ ބޭނުންކުރިޔަސް، "ބަޔޯމެޑިކަލް" ދިރާސާތަކުގައި މީދަލާއި ހިކަނދި ބޭނުންކުރާ ނިސްބަތް 90 ޕަސެންޓަށް ވުރެ މައްޗެވެ.

ބޮޑު ބައްޔަކަށް ފަރުވާއެއް، ބޭހެއް ހޯދުމުގައި ނުވަތަ އާ ބާވަތެއްގެ ކާއެއްޗެއް އުފެއްދުމުގައި، އެ އެއްޗެއް އިންސާނުން ބޭނުންކުރުމުގެ ކުރިން އަޖުމަބެލުމަށްޓަކައި މީދަލަށް ދެވެ އެވެ. ޝޭމްޕޫ، ޝަވާޖެލް، އަތަރު އަދި ސެންޓް ފަދަ ގައިގައި މީރުވަސް ދުއްވަން ބޭނުންކުރާ ތަކެތި ވެސް ފުރަތަމަ އުނގުޅަނީ އެ ސޮރުމެންގެ ގައިގަ އެވެ. ވަރަށް މީރު ވަސް ދުވާނެ ކަމަށް ހީވެދާނެ އެވެ. އެކަމަކު އެ ސޮރުމެންގެ ގައިގައި އަލާނެ ވޭނެއް ހިތަކަށް ނާރާ ހެއްޔެވެ؟

ބަޔޯމެޑިކަލް ލެބޯޓަރީތަކުގައި ދިރާސާތަކަށް އެންމެ ގިނައިން ގުރުބާންކުރެވޭ ޖަނަވާރު

ބަޔޯމެޑިކަލް ލެބޯޓަރީތަކުގައި ދިރާސާތަކަށް އެންމެ ގިނައިން ގުރުބާންކުރެވޭ ޖަނަވާރު

ބަޔޯމެޑިކަލް ލެބޯޓަރީތަކުގައި ސައިންސްވެރިން މީދާ ބޭނުންކުރަނީ ގިނަ ބޭނުންތަކަށް ފުދޭތީ އެވެ. ގެންގުޅެން ފަސޭހަވެފައި ހުރިހާ މާހައުލަކަށް ފަރިތަވެ އާދަވުމަށް ގިނައިރުތަކެއް ނުނަގަ އެވެ. މީދަލަކީ އުމުރު ކުރު ޖަނަވާރެކެވެ. އެހެންކަމުން ސައިންސްވެރިންނަށް ލިބޭ ފައިދާ އަކީ ކުރު މުއްދަތެއްގެ ތެރޭގައި މީދަލުގެ ގިނަ ޖީލުތަކެއް ތަޖުރިބާކުރަން ފުރުސަތު ލިބުމެވެ. މީދަލަކީ ރުޅި މަޑު އަދި ބުނާ ކަންތައްތައް ވަރަށް ފަސޭހައިން ކުރާ ޖަނަވާރެކެވެ. ސައިންސްވެރިންނަށް ދެން ލިބޭ ފައިދާ އަކީ މީދަލުގެ އަގު ހެޔޮ ވުމެވެ.

ބަޔޯމެޑިކަލް ލެބޯޓަރީތަކަށް ވިޔަފާރި އުސޫލުން މީދާ އުފައްދައިދޭ ފާމްތަކުގެ މަސައްކަތަކީ ތަފާތު ލެބޯޓަރީތަކުން ދޭ އޯޑަރުތަކަށް މީދާ "ތައްޔާރު"ކުރުމެވެ.

ބޭސްވެރިކަމުގައި ކުރިއަރައި ތަޖުރިބާކޮށްފައި ހުރި "އުކުޅު"ތައް ބޭނުންކޮށްގެން މީދާ އުފެއްދުމުގައި، އެ ސޮރުމެންގެ ގައިން ބައެއް ފަހަރު ގުނަވަންތައް އުނިކުރެވެ އެވެ. އަދި އިންސާނުންނަށް ޖެހޭ ބަލިތައް އެސޮރުމެންނަށް ޖައްސުވައި، ބަލި ފަސޭހަކުރުމަށް ފަރުވާކުރެވެ އެވެ. އެ ގޮތުގައި އެ ބޭހަކުން މީދާ ގަދަވެއްޖެ ނަމަ، މީދަލުގެ އެހެން ޖީލަކަށް ވެސް ބޭސް ދެ އެވެ. އިންސާނުން ބޭނުންކުރާ ފެންވަރަށް ބޭހެއް އުފެއްދެނީ މި ފަދަ މަރުހަލާތަކަކަށް ފަހު އެވެ.

އިންސާނުން މުސްކުޅި ނުވެ ގިނަ ދުވަހު ތިބެވޭނެ ގޮތެއް ހޯދުމުގައި ވެސް މީދާ ބޭނުންކުރެ އެވެ. ކަސްރަތުކުރުމާއި ޑައިޓްކުރުން އަދި ނުނިދާ ހުރުމުން ހަށިގަނޑަށް ލިބޭ ގެއްލުން ދެނެގަތުމަށް ވެސް މީދާ ބޭނުންކުރެވެ އެވެ.