Roadha Mihaaru
މޭ އަންދާތީ ދޭ ބޭހަކުން ސްޓްރޯކްގެ ނުރައްކާ

މޭ އަންދާތީ ދޭ ބޭހަކުން ސްޓްރޯކްގެ ނުރައްކާ

19 ނޮވެމްބަރ 2016

ގޭހުގެ މައްސަލަ ހުންނަ ވަރަށް ގިނަ ބަޔަކަށް ޑޮކްޓަރުން އާދަކޮށް ލިޔެދޭ މަޝްހޫރު ބޭހަކުން ސްޓްރޯކް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވާ ކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނެފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ގޭހުގެ މައްސަލަ ހުންނަ ވަރަށް ގިނަ ބަޔަކަށް ޑޮކްޓަރުން އާދަކޮށް ލިޔެދޭ މަޝްހޫރު ބޭހަކުން ސްޓްރޯކް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވާ ކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނެފި އެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕްރޮޓޮން ޕަމްޕް އިންހިބިޓާޒް އަކީ ވައިގެ އުނދަގުލާއި މޭ އެންދުން ފަދަ މައްސަލަތަކަށް އެމެރިކާގެ އެތައް މިލިއަން ބަޔަކު އާއްމުކޮށް ބޭނުންކުރާ އެއްޗެކެވެ. ޕީޕީއައިއެސްގެ ނަމުން މަޝްހޫރު ވެފައިވާ މި ވައްތަރުގެ ބޭސް ވައިގެ މައްސަލަތަކަށް އާދަކޮށް ޑޮކްޓަރުން ލިޔެދެއްވުމުގެ އިތުރުން ބޭސް ފިހާރަތަކުން ބޭސް ސިޓީއާ ނުލައި ލިބެން ވެސް ހުރެ އެވެ.

ނަމަވެސް ނިއު އޯލިއަންސްގައި އޮތް އެމެރިކަން ހާޓް އެސޯސިއޭޝަންގެ ކޮންފަރެންސަކަށް މިދިޔަ ބުދަ ދުވަހު ހުށަހެޅި ޕްރެލިމިނަރީ ރިސާޗަކުން ހާމަވެފައިވާ ގޮތުގައި މި ބޭސް ބޭނުންކުރުމުން އިސްކީމިކް ސްޓްރޯކްގެ ނުރައްކާ އިތުރުވެގެންދެ އެވެ. ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނާ ގޮތުގައި އިސްކީމިކް ސްޓްރޯކް އަކީ އެންމެ ގިނައިން މީހުންނަށް ޖެހޭ ސްޓްރޯކްގެ ވައްތަރެވެ. މި ވައްތަރުގެ ސްޓްރޯކްޖެހެނީ ލޭކޮޅެއް ގަނޑުގަނެ ސިކުނޑިއަށް ލޭ ދަތުރު ނުކުރުމުންނެވެ.

މި ބޭހުން ސްޓްރޯކްގެ އިތުރުން ހާޓް އެޓޭކާއި ކިޑްނީ ބަލިތައް އަދި ހަނދާން ނެތޭ ބަލިތައް ޖެހުން ފަދަ މައްސަލަތައް ވެސް ދިމާވާކަން މީގެ ކުރިން ވެސް ހާމަވެފައިވާކަމަށް މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ޑރ. ތޯމަސް ސެހެސްޓެޑް ވިދާޅުވެފައިވެ އެވެ. އެހެންކަމުން މި ބޭހަކީ ވަރަށް އާއްމުކޮށް ގިނަ ބަޔަކު ބޭނުންކުރާ ބޭސްތަކަށް ވާތީ މި ބޭސް ކެއުމާ ސްޓްރޯކް ޖެހުމާ ހުރި ގުޅުމާ ގުޅޭ ދިރާސާއެއް ހެދީ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

މި ރިސާޗް ހެދުމަށް ޑެންމާކްގެ 250،000 މީހުން ބައިވެރިކުރި އެވެ. މި އެންމެންނަކީ ވެސް ބަނޑުގައި ރިއްސުމާއި ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލަތައް އުޅޭތީ ޑޮކްޓަރަށް ދައްކާފައިވާ ބަލި މީހުންނެވެ. މި ދިރާސާގައި ސައިންސްވެރިން ދިރާސާކުރެއްވީ ޕީޕީއައިއެސްގެ ބޭސްތަކުގެ ތެރެއިން ހަތަރު ވައްތަރެއްގެ ބޭހެކެވެ. އެއީ ޕްރިލޯސެކް، ޕްރޮޓޮނިކްސް، ޕްރިވޭސިޑް ނުވަތަ ނެކްޒިއަމް އެވެ.

މި ދިރާސާއިން ދެއްކި ގޮތުގައި ޕީޕީއައިގެ ބޭސްތަކުގެ ތެރެއިން ބޭހެއް ބޭނުންކުރާ ބަލިމީހުންނަށް ސްޓްރޯކް ޖެހުމުގެ ނުރައްކާ 21 ޕަސެންޓް އިތުރު ވެފައިވެ އެވެ. މި ބޭހުގެ ދަށް ޑޯޒްތަކުން ސްޓްރޯކްގެ ނުރައްކާ އިތުރު ވެފައި ނުވިޔަސް މަތީ ޑޯޒް ބޭނުންކުރާ މީހުންގެ ތެރެއިން ޕްރިލޯސެކް އާއި ޕްރިވޭސިޑް ބޭނުންކުރި ބަލި މީހުންނަށް ސްޓްރޯކްގެ ނުރައްކާ 33 ޕަސެންޓަށް އިތުރުވީއިރު ނެކްޒިއަމް ބޭނުންކުރި މީހުންނަށް މި ނުރައްކާ 50 ޕަސެންޓަށް އިތުރުވި އެވެ. އަދި ޕްރޮޓޯނިކްސް ބޭނުންކުރި މީހުންނަށް 79 ޕަސެންޓަށް ނުރައްކާ އިތުރުވެފައިވެ އެވެ.

ވައިގެ އުނދަގޫ ވިޔަސް މާގިނައިން ބޭސް ކެއުން ރަނގަޅެއް ނޫން

ވައިގެ އުނދަގޫ ވިޔަސް މާގިނައިން ބޭސް ކެއުން ރަނގަޅެއް ނޫން

ޕްރިލޮސިކް އުފައްދާ ޕީއެންޑްޖީ އަށް މި ބޭހާ ގުޅޭ ސުވާލުތައް ސީއެންއެން އިން ފޮނުވުމުން ޖަވާބު ދީފައިވަނީ އެ ބޭހަކީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ދީގެން އުފައްދާ ބޭހެއް ކަމަށާއި މޭ އަންދާތީ އާއްމުކޮށް މީހުން ބޭނުންކުރަމުންދާ ބޭހެއް ކަމަށެވެ. އަދި ޕްރިލޮސިކް އަކީ ރައްކާތެރިކަމާ އެކު ގިނަ ޒަމާންތަކެއް ވަންދެން މީހުން ބޭނުންކުރަމުން އައިސްފައިވާ ބޭހެއްކަމަށް ވެސް ބުނެފައިވެ އެވެ.

ޕްރިވޭސިޑް އުފައްދާ ޓަކޭޑާ ކުންފުނިން ބުނެފައި ވަނީ އެންމެ ދިރާސާއެއްގެ ނަތީޖާއަށް ބަލާފައި އެއްޗެކޭ ބުނަން ބޭނުން ނުވާ ކަމަށެވެ.

ނެކްޒިއަމް އުފައްދާ އަސްޓްރާޒެނެކާ އިން ވެސް ބުނެފައި ވަނީ ބޭސް ބޭނުންކުރާ މީހުންގެ ރައްކާތެރިކަމަށް އިސްކަންދޭ ކަމަށާއި ޕީޕީއައިގެ ބޭސްތައް އާއްމުކޮށް ރައްކާތެރިކަމަށް އެ ކުންފުނިން ގަބޫލު ކުރާ ކަމަށެވެ. އަދި އިތުރަށް އެއްޗެއް ބުނެވޭނީ ދިރާސާގެ މައުލޫމާތު ލިބުމުންކަމަށް އެފަރާތުން ބުނެފައިވެ އެވެ. ޕްރޮޓޮނިކްސް އުފައްދާ ފައިޒާއިން ސީއެންއެންގެ ސުވާލަށް ޖަވާބެއް ނުދެ އެވެ.

މާ ގިނަ މީހުން އާއްމުކޮށް ވައިގެ ބޭސް ބޭނުންކުރާ ސަބަބުތަކާ ބެހޭ ގޮތުން ޑޮކްޓަރުން ވެސް ސުވާލުތައް އުފައްދާތާ އެތައް އަހަރެއް ވެއްޖެ އެވެ.

މީގެ ކުރިން 2011 ގައި ކޮށްފައިވާ މިފަދަ ދިރާސާއެއްގައި ވެސް ޕީޕީއައިއެސް ބޭނުންކުރުމުން ސީރިއަސް ބެކްޓީރިއަލް އިންފެކްޝަންތައް ޖެހުމުގެ ނުރައްކާ އިތުރުވާކަމަށް ބުނެފައިވެ އެވެ.

އަހަރެމެންގެ ބަނޑުގައި ހުންނަ އެސިޑްތަކުން ރަނގަޅު އަދި ގޯސް ޖަރާސީމުތައް މަރާލުމުގައި މުހިއްމު ދައުރެއް އަދާ ކުރެ އެވެ. މީހަކު ޕީޕީއައިއެސް ގެ ބޭހެއް ބޭނުންކުރަން ފެށުމާއެކު ބަނޑުގައިވާ ގޭސްތައް މަދުވެ އެވެ. އަދި ޖަރާސިމު އިތުރުވެގެން ދާނެ މާހައުލެއް ބަނޑުގެ ތެރޭގައި އުފެދެ އެވެ.

ކިރިޔާ ބަނޑުގައި ވައި ހެދޭގޮތްވާއިރަށް ބޭސް ގުޅައެއް ކާލުމަކީ ގިނަ ބަޔެއްގެ ސަގާފަތަކަށް މިހާރު ވަނީ ވެފަ އެވެ. މޭ އަންދާ ގޮތް ވުމުން ކެއުން މަދުކޮށްލައި ކުޅި އެއްޗިއްސާއި ގޭސް އުފެދޭ ކަހަލަ ކާނާ މަދުކުރަން ވިސްނަނީ މަދު ބައެކެވެ.

މިދިޔަ އެޕްރީލް މަހު ޖާނަލް އޮފް ދަ އެމެރިކަން ސޮސައިޓީ އޮފް ނެފްރޮލޮޖީއިން ޝާއިއުކުރި ދިރާސާއެއްގައިވާ ގޮތުން ޕީޕީއައިއެސް ބޭނުންކުރާ ބަލި މީހުންގެ ކިޑްނީ ފޭލްވުމުގެ ފުރުސަތު 96 ޕަސެންޓް އިތުރުވެ އެވެ. އަދި ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުސަތު 28 ޕަސެންޓް އިތުރުވެ އެވެ. އެއީ މިފަދަ ބޭސްތައް ބޭނުންނުކުރާ މީހުންނާ އަޅާ ބަލާއިރު އެވެ.

މިކަމަށް އޮތް ހައްލަކީ ކޮބާ؟

ސިއްހީ ތަޖުރިބާކާރުންގެ ގިނަ ބޭފުޅުން ގަބޫލުކުރާ ގޮތުގައި މޭ އެންދުމާއި ބަނޑުގައި ގޭސް އުފެދުން ކަހަލަ މައްސަލަތައް ކުރިމަތިވާ ގިނަ މީހުން އާދަކޮށް ކުރަމުންދާ ކަންތައްތަކަށް ބަދަލުތަކެއް ގެނެސްގެން އެ މައްސަލަ ހައްލުކުރެވިދާނެ އެވެ. މިސާލަކަށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން، ބަރުދަން ލުއިކުރުން، ހަވާދު ނުވަތަ ކުޅި އެއްޗެހި ކެއުން މަދުކޮށްލުން އަދި ތެއްލާފައި ހުންނަ އެއްޗެހި ކެއުން ހުއްޓާލުން ފަދަ ކަންތަކުންނެވެ.

ކޮންމެހެން ވައިގެ ބޭހެއް ކާން ޑޮކްޓަރުންނަށް ފެނިވަޑައިގެން އެގޮތަށް އިރުޝާދު ދެއްވައިފި ނަމަ އެންޓޭސިޑެއް ބޭނުންކުރުން ރަނގަޅުކަމަށް އެފަރާތުން ދެކެ އެވެ. ހަފުތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށް ވައިގެ އުނދަގޫވާ ނަމަ އެންޓޭސިޑަކުން ފުދިދާނެ އެވެ.