Roadha Mihaaru
ހަދާ ގޯހަކުން އަދުގެ ހާލަތު ބަދަލު ވެދާނެ: ގާސިމް

އަޅުގަނޑުމެން ހަދާ ގޯހަކުން އަދުގެ ހާލަތު ބަދަލު ވެދާނެ: ގާސިމް

18 މެއި 2017

ސިޔާސީ ގޮތުން ހެދޭ ގޯހަކުން މިއަދުގެ ހާލަތު ބަދަލުވެގެން ހިނގައިދާނެ ކަމަށާއި ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން އިދިކޮޅު ފަރާތްތަކަށް ލިބުނު ނަތީޖާއާ މެދު ބޮޑާވެ ނުގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ގޮވާލައްވައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ސިޔާސީ ގޮތުން ހެދޭ ގޯހަކުން މިއަދުގެ ހާލަތު ބަދަލުވެގެން ހިނގައިދާނެ ކަމަށާއި ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން އިދިކޮޅު ފަރާތްތަކަށް ލިބުނު ނަތީޖާއާ މެދު ބޮޑާވެ ނުގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ގޮވާލައްވައިފި އެވެ.

ވިއްސަކަށް ދުވަހު ދޫނިދޫ ޖަލުގެ ކުޑަގޮޅީގައި ހުންނެވުމަށް ފަހު، ބޮޑެތި ޝަރުތުތަކާ އެކު މިދިޔަ ހަފުތާގެ ބުދަދުވަހު ކްރިމިނަލް ކޯޓުން ގާސިމް މިނިވަން ކޮށްފައިވާއިރު، އެ ޝަރުތުތައް އެ ކޯޓުން ވަނީ އިއްޔެ އުވާލައިފަ އެވެ.

ކޯޓުން ކުރިމަތި ކުރި ހަތް ޝަރުތު އުވައިލުމާ ގުޅިގެން، އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާ އަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވަޑައިގެންނެވި ވަގުތު، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން އެތަނަށް އެއްވެ ތިއްބެވެ. އޭނާ ހަރުގެ އަށް ވަޑައިގަތުމުން އިދިކޮޅު ފަރާތްތަކުން ވަރަށް ހޫނު މަރުހަބާއެއް ގާސިމަށް ދަންނަވައި އޭނާއާ އެކު ފޮޓޯ ނަގައި ހެދި އެވެ.

ދެވަނަ ފަހަރަށް ޖަލުން މިނިވަންވެވަޑައިގަތުމަށް ފަހު، އަދި ކޯޓުން ކަނޑައެޅި ޝަރުތުތައް އުވައިލުމާ ގުޅިގެން ފުރަތަމަ ފަހަރަށް އާއްމުންނާ މުޚާތަބު ކުރައްވައި ގާސިމް ވިދާޅުވީ، މި ފަހަރުގެ ލޯކަލް އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށާއި މިނިވަން ކެންޑިޑޭޓުންނަށް ދިން ވޯޓަށް ބަލާއިރު ސަރުކާރަށް ތާއީދު ކުރާ ކެންޑިޑޭޓުންނަށް ލިބުނީ މަދު މިންވަރެއް ކަމަށެވެ.

އެމްޑީޕީގެ ހަރުގެ އަށް ގާސިމް މިރޭ ވަޑައިގެން އާއްމުންނާ ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އެމްޑީޕީގެ ހަރުގެ އަށް ގާސިމް މިރޭ ވަޑައިގެން އާއްމުންނާ ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"މި ފަހަރު އާދާޔާ ޚިލާފަށް ފާހަގަކުރެވޭ މިނިވަން ކެންޑިޑޭޓުން ގިނަވެގެންދިޔަ ތަން. އެހެންވީމަ ރައީސް މައުމޫނަށާއި އަޅުގަނޑުމެންނަށް ވެސް ވަރަށް ގިނަ ތަންތަނަށް ކުރިމަތި ނުލެވި ދިޔަ. އަދާލަތު ޕާޓީގެ އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލާ. އެކި ޕާޓީތަކަށް ތާއީދުކޮށްގެން ވަރަށް ގިނަ ބަޔަކު ކުރިމަތިލައިގެން ހޮވުނު. މި ބައިތައް ވަކިކޮށްލީމަ ސަރުކާރަށް އޮތީ ކިތައް ޕަސެންޓްތޯ ބަލާލަން ޖެހޭ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޯކަލް އިންތިޚާބުން އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބާ މެދު އުފާފާޅުކުރުމުގެ ބަދަލުގައި ﷲ އަށް ޝުކުރުވެރިވެ، އެކަން އިޚުލާސްތެރިކަމާ އެކު ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯދުމަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"މިއަދުގެ ސިޗުއޭޝަން [ހާލަތު] ބަދަލުވެއްޖެ. އަޅުގަނޑުމެންނަށް ހެދޭ ގޯހަކުން މިއަދުގެ ހާލަތު ބަދަލުވެދާނެ. އެހެންވީމަ އަޅުގަނޑު އެދެން އިންތިޚާބުން ލިބުނު ކާމިޔާބަށް ބޮޑާވެ ނުގަތުމަށް،" ލޯކަލް އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކަށް ލޯކަލް އިންތިޚާބުން ލިބުނު ކާމިޔާބީން ދައްކައި ދެނީ ރައްޔިތުންގެ ވިސްނުން ތަރައްގީވި މިންވަރެވެ. އަދި ރައްޔިތުންނަކީ އަނިޔާވެރިކަމާއި މީހުންނަށް ދޭ ނިކަމެތިކަމާ ދެކޮޅު ބައެއްް ކަން ވެސް އިންތިޚާބުގެ ނަތީޖާ އިން ހާމަވި ކަމަށް ގާސިމް ވިދާޅުވި އެވެ.

"ކާކުތޯ ހީކުރީ މިވަރުގެ ނަތީޖާއެއް ހުރިހާ ދިމާއަކުން އަންނާނެ ކަމަށް؟ އެކަމަކު މިއަދު އަޅުގަނޑުމެން ބަލައިގަންނަން ޖެހޭ މި ހަގީގަތް. މާދަމާ ވެސް އެ ނަތީޖާ ވާނީ އެހެން. އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުން އަނެއްކާ ވެސް މިސްޓޭކެއް [ގޯހެއް] ހަދާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ސަރުކާރާ ދެކޮޅު ސިޔާސީ މަސައްކަތްތަކުގައި މިވަގުތު މާލޭގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ލީޑަރު ވިދާޅުވި އެވެ.

ގާސިމް ޖަލުން މިނިވަންވެޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އެމްޑީޕީގެ ހަރުގޭގައި.--- މިހާރު ފޮޓޯ: ހުސެއިން ވަހީދު

ގާސިމް ޖަލުން މިނިވަންވެޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އެމްޑީޕީގެ ހަރުގޭގައި.--- މިހާރު ފޮޓޯ: ހުސެއިން ވަހީދު

ގާސިމް ވިދާޅުވީ އިދިކޮޅު ހުރިހާ ފަރާތްތަކަށް ކުރިއަށް ދާން ޖެހޭނީ އެކުވެރިކަމާ އެކީ ކަމަށެވެ.

އޭނާގެ ވާހަކައިގައި ވަނީ ލޯކަލް އިންތިޚާބުގެ ނަތީޖާ މި މަހުގެ ހަވަނަދުވަހުގެ ރޭ އިއުލާން ކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް އާސަންދަގެ ޚިދުމަތް އަމިއްލަ ތަންތަނުން މެދުކަނޑައިލުމުން އެކަމަށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެފަދަ "މޮޔަ ކަންތައް" ނުކުރެއްވުމަށް ރައީސް ޔާމީނަށް ގާސިމް ގޮވައިލެއްވި އެވެ.

"އަޅުގަނޑުމެން ވެސް މަސައްކަތް ކޮށްދީގެން މަނިކުފާނު ހޮވައިދީފައި ތިހިރީ. އެހެންވީމަ އެ ކަހަލަ ކަންތައްތައް ނުކުރައްވާ. މިއީ ކޮން ކަމަކާ ރުޅި އައިސްގެންތޯ، އާސަންދަ ކަނޑާލި ވާހަކަ ވިދާޅުވެފަ، އަނެއްކާ އަނެއް ދުވަހު އިރު އެރިއިރު ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުންނޭ، އެ ލާރި ޑަންލާފައި އައީތޯ؟ އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ސަރުކާރުން ކަންތައްތައް ކުރަން ޖެހޭނީ ވިސްނުންތެރިކަމާ އެކު ކަމަށެވެ.

"އަޅުގަނޑުމެންގެ އެއްވެސް މީހަކު ނޫޅޭ ގާނޫނާ ޚިލާފަށް މަނިކުފާނު [ރައީސް ޔާމީން] ވެރިކަމުން ބާލާކަށް. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވިޔަސް އަދި އެހެން ބޭފުޅަކު ކަމަށް ވިޔަސް ގާނޫނުގެ ހަމަތަކުގެ މަތިން، ގާނޫނުއަސާސީގައިވާ އުސޫލްތަކުގެ ތެރެއިން އެ ކަންކުރުމުގެ މަސައްކަތް ކުރުމަށް، ޒިންމާ ހަވާލުކޮށްފައިވާ ފަރާތްތަކުން އެ މަސައްކަތް ކުރުމަކީ ގާނޫނާ ޚިލާފު ކަމަކަށް ހައްދަވަން ބަޔަކު މީހުން އުޅުނަސް އެކަމެއް އެހެނެއް ނުވާނެ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އުޅޭ މައްސަލަ އަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.