Roadha Mihaaru
"ވަރަށް ހިތްދަތި، އެކަމަކު ވެސް ފަހަތަށް ނުޖެހޭނަން"

މިހުރީ ވަރަށް ހިތްދަތިކަމުގައި، އެކަމަކު ވެސް ފަހަތަކަށް ނުޖެހޭނަން: ގާސިމް

31 ޑިސެމްބަރ 2017

ނުހައްގުން ބޮޑެތި އަނިޔާތަކެއް ލިބި ހިތްދަތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށާއި މި ހާލަތު މެދުވެރިވެފައިވީ ނަމަވެސް އިސްލާހީ މަސައްކަތުގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ނުހައްގުން ބޮޑެތި އަނިޔާތަކެއް ލިބި ހިތްދަތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށާއި މި ހާލަތު މެދުވެރިވެފައިވީ ނަމަވެސް އިސްލާހީ މަސައްކަތުގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާ އަހަރުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުއްވައި ނެރުއްވި ބަޔާނުގައި ގާސިމް ވިދާޅުވީ، ދިވެހިންނާ ކިތަންމެ ދުރުގައި މިވަގުތު ހުންނެވި ނަމަވެސް ރައްޔިތުންގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހަދަން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. އެ މަސައްކަތުގައި، އޭނާ ހުންނެވީ ރޫހީ ގޮތުން ކޮންމެ ރައްޔިތަކާ ވެސް އެންމެ ގާތުގައި ކަމަށް ވިދާޅުވި އެވެ.

ރިޝްވަތުގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް ހުންނެވީ ޖަރުމަނުވިލާތުގަ އެވެ. އޭނާ އެ ގައުމަށް ވަޑައިގަތީ، ހިތުގެ އާލާސްކަންފުޅެއްގައި، ރާއްޖެ އިން ދެވެން ނެތް ފަރުވާ އަށް ސިންގަޕޫރަށް ފޮނުވުމުންނެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރަކީ ރައްޔިތުންގެ އެދުމާއި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެންމެ މުހިއްމު ނިންމުން ނިންމުމަށް ރައްޔިތުންނަށް ލިބޭ އެންމެ ތަނަވަސް ފުރުސަތު ލިބޭނެ އަހަރެވެ،" ގާސިމް ވިދާޅުވި އެވެ.

އެއީ، ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސާނެ ވެރިއަކު އިންތިހާބު ކުރުމުގެ ފުރުސަތުކަން ފާހަގަކުރައްވައި ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކު އެ ފުރުސަތަށް ތައްޔާރުވުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ އުއްމީދަކީ ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި އިގްތިސާދީ ގޮތުންނާއި ޚާރިޖީ ގޮތުން ރާއްޖެ ތަހައްމަލްކުރަމުންދާ ނުތަނަވަސްވެރިކަމުން އަރައިގަނެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ކަށަވަރުވުމެވެ. އަދި ނުހައްގުން ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހުއްޓޭނެ ގޮތެއް ވުމެވެ.

"ޒަމާނީ ތައުލީމުގެ ފުރުސަތުތައް ހުރިހާ ކުދިންނަށް ފަހި، އިތުބާރު ހުރި ފުރިހަމަ ސިއްހީ ނިޒާމެއްގެ ފަސޭހަކަން ލިބި ނާޖާއިޒު ފައިދާތަކުގެ އަޅުންނަށް ދިވެހިން ވުމަށް މަޖުބޫރުނުކުރާ، ހަރުދަނާ ޖީލެއް ބޮޑެތިވާ ތަނަކަށް ރާއްޖެ ވުމެވެ،" ގާސިމް ވިދާޅުވި އެވެ.