Roadha Mihaaru
ޕާޓީތަކުން ދެގުނަ މަސައްކަތް ކުރަންޖެހޭ: ގާސިމް

މިއީ ހިތާމަވެރި ދުވަހެއް، ޕާޓީތަކުން ދެ ގުނަ މަސައްކަތް ކުރަންޖެހޭ: ގާސިމް

11 މެއި 2018

އިއްޔެ އަކީ ހިތާމަވެރި ދުވަހެއް ކަމަށާއި އިތުރު ހިތްވަރަކާ އެކު، އިދިކޮޅު ޕާޓީތަކުން ދެ ގުނަ މަސައްކަތް ކުރަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިއްޔެ އަކީ ހިތާމަވެރި ދުވަހެއް ކަމަށާއި އިތުރު ހިތްވަރަކާ އެކު، އިދިކޮޅު ޕާޓީތަކުން ދެ ގުނަ މަސައްކަތް ކުރަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖޭޕީ އަށް މެމްބަރުން އިތުރު ކުރުމަށްޓަކައި "ހޭވައްލާ ޖޭޕީ"ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިން އިފުތިތާހު ކުރުމަށް، އެ ޕާޓީގެ ޖަގަހަ، މ. ކުނޫޒްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ހާލަތު އެންމެންނަށް ވެސް އެނގޭ ކަމަށެވެ. އަދި ޝަރުއީ ދާއިރާގެ ކަންކަން ހިނގާ ގޮތް އޮޅިފައި ނެތަސް، އެއްވެސް ކަމަކާ މެދު ހިތްހަމަނުޖެހުމެއް ނުބޭއްވުމަށް އޭނާ އެދިވަޑައިގަތެވެ.

އިއްޔެ އަކީ ހިތާމަވެރި ދުވަހެއްގެ ގޮތުގައި ގާސިމް އެ އިޝާރާތް ކުރެއްވީ، ދަށު ކޯޓުތަކުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރުމުން ކަމަށް ބެލެވެ އެވެ.

އެ ދެ ފަނޑިޔާރުން ހައްޔަރުކުރީ، ސިޔާސީ އިދިކޮޅު ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް މިދިޔަ ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ހާލަތުގަ އެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ދޫކޮށްލަން އެންގި އިދިކޮޅު ބޭފުޅުންގެ ތެރޭގައި، ޖަރުމަނަށް އަމިއްލަ އަށް އަރުވާލެވިގެން ހުންނެވި ގާސިމް ވެސް ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ އަމުރު އެ އެ ބައި ފެބްރުއަރީ ހަ ވަނަ ދުވަހު ވަނީ ބާތިލް ކޮށްފަ އެވެ. އެހެންވެ، ނުވަ ގައިދީއަކު ދޫކުރަން އަންގައި ފެބްރުއަރީ 1 ގައި ނެރުނު އަމުރުގެ އެ ބަޔަށް ދެން އަމަލު ކުރަން ނުޖެހޭ ކަމަށް ސަރުކާރުން ބުނެ އެވެ.

"ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތް އަދި ޝަރުއީ ދާއިރާގެ ކަންކަން ހިނގާ ގޮތް އަޅުގަނޑުމެން އެކަކަށް ވެސް އޮޅިފައެއް ނެތް. މިއަދަކީ އެއް އުސޫލަކުން ބަލާ ނަމަ ހިތާމަވެރި ދުވަހެއް. އެ ހިތާމައާ ގުޅިގެން އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުން ކުރަމުން ގެންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށް އަދި އިތުރު ހިތްވަރެއް ލައި ދެ ގުނަ މަސައްކަތް ކުރަން ޖެހޭކަން މި އަންގައި ދިނީ،" ޖަރުމަނުގައި ހުންނަވައިގެން ރޭގެ ޖަލްސާގައި ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.

މެލޭޝިއާގައި މިދިޔަ ބުދަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގެ ނަތީޖާ އިން ރާއްޖެ އަށް ދައްކައިދިނީ ވަރަށް ރަނގަޅު އިބުރަަތެއް ކަމަށާއި އެކަމުން ރަނގަޅު ފިލާވަޅެއް ލިބިއްޖެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އުމުރުފުޅުން 92 އަހަރުގައި، މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރު މުހައްމަދު އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވީ އަލަށް އުފެއްދި ޕާޓީ އަކުން ކަން ގާސިމް ފާހަގަކުރެއްވި އެވެ. އެހެންވެ، މިއީ ދިވެހިން ހިތްވަރާ އެކު ސާބިތުކަންމަތީ މަސައްކަތް ކުރަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތާ ގުޅިގެން ހިތާމަކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރިކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އެތައް ހާސް ރައްޔިތުންނެއް ތަމްސީލް ކުރާ މެމްބަރުންގެ ގޮނޑިއާ މެދު ވެސް ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އެ މައްސަލަ އަށް އަހަރެއް ވާން ކައިރިވެފައިވާއިރު، އިދިކޮޅު މެމްބަރުންގެ ގޮނޑިއާ މެދު ގޮތެއް ނިންމައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ދާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެކަމަކު ގާނޫނީ ގޮތުން ބަލާއިރު އެއްވެސް މެމްބަރެއްގެ ގޮނޑިއެއް ނުގެއްލޭ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ރާއްޖެ އަމާން އައްސޭރި އަކަށް ގެންދިއުމަށްޓަކައި ޖޭޕީން ވަނީ ގިނަ މަސައްކަތްތަކެއް ފަށައިފަ އެވެ. އަދި އެ ޕާޓީއާ ގުޅިގެން ސިޔާސީ ދާއިރާ އިން ކުރިއަށް ދިއުމުގެ ފުރުސަތު އެންމެންނަށް ވެސް ހުޅުވާފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން، ޖޭޕީއާ ވަރަށް މުހިއްމު ބޭފުޅަކު ގުޅިވަޑައިގަންނަވާނެ ކަމަށް ގާސިމް ރޭ އިއުލާން ކުރެއްވި އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ރޯދަ މަހަށް ފަހު ޖޭޕީގެ ކޮންގްރެސް ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އިންސާފުވެރިކަމާއި އެއްވެސް ފޮރުވުމެއް ނެތި ކޮންގްރެސް ބާއްވާއިރު، މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮތް ކަން ގާސިމް ފާހަގަކުރެއްވި އެވެ.

ޕާޓީ ކުރިއަށް ދަނީ ވެސް ރައްޔިތުން ބޭނުންވާ ކަންކަމާއި ތަރައްގީ އާއި އިސްލާހުތައް ގެނައުމުގެ މަސައްކަތުގެ ތެރެއިން ކަމަށް ވުމުން ވީހާ ވެސް ގިނަ ބަޔަކު ޖޭޕީއާ ގުޅުމަށް ގާސިމް އެދިވަޑައިގަތެވެ.