Roadha Mihaaru
ޖޭޕީގެ ގަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ދީފި

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 އޮކްޓޯބަރ 2017

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އަސާސީ ގަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އަސާސީ ގަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ އިސް ދައުރެއް އަދާކުރި، އެކަމަކު ފަހުން އުފެދުނު ޚިޔާލު ތަފާތުވުންތަކާ ހެދި، މި ސަރުކާރުގެ ކޯލިޝަނުން ވަކިވެފައިވާ ޖޭޕީން ކުރި އިއުލާނެއްގައި ބުނީ، އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް މިވަގުތު ކުރަމުން އަންނަ ކަމަށެވެ. އެހެންވެ ހެޔޮ އެދޭ މީހުން، އެ ގަވާއިދަށް ޚިޔާލު ހުށަހެޅުމަށް މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ޖޭޕީން ބުންޏެވެ.

ޚިޔާލު ހުށަހަޅަން ބޭނުންވާ މީހުން ޖޭޕީގެ އީމެއިލް ނުވަތަ ނަންބަރަށް އެ ޚިޔާލުތައް ފެކްސް ކުރުމަށް އެ ޕާޓީން އެދެ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ކެންޑިޑޭޓެއް ވާދަކުރުމަށް އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވާއިރު، އަސާސީ ގަވައިދުގައިވާ ގޮތުން އެ އިންތިޚާބުގައި ވާދަކުރަން ޖެހެނީ އެ ވަގުތެއްގައި ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅެކެވެ.

ޖޭޕީގެ ލީޑަރަކީ ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ކަމަށް ވާއިރު، އޭނާ އަށް ވަނީ ދާދި ފަހުން ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފަ އެވެ. ގާނޫނުއަސާސީ އަށް ދާދި ފަހުން ގެނެސްފައިވާ އިސްލާހަކާ ގުޅިގެން ވެސް އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުން ގާސިމަށް ފުރުސަތު ގެއްލެ އެވެ. ސަބަބަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ކަނޑައަޅައި ގާނޫނުއަސާސީ އަށް އިސްލާހު ގެނެސްފައިވާތީ އެވެ. ގާސިމްގެ މިހާރުގެ އުމުރަކީ 66 އެވެ.

ޖޭޕީގެ އަސާސީ ގަވައިދަށް އިސްލާހު ގެންނައިރު، އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭ ޝަރުތުތަކަށް ބަދަލެއް ގެންނާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދިއެއް ނޭނގެ އެވެ.

އިދިކޮޅު ހަރަކާތުގައި މިހާރު އެންމެ އިސް ދައުރެއް އަދާކުރާ ޖޭޕީން ބުނީ އެއީ މިހާރަށް ވުރެ ބޮޑަށް ގައުމާއި ދިވެހިންނަށް އެންމެ ފައިދާކުރުވަނިވި ގޮތުގައި ހިންގާ، ރައްޔިތުންގެ އިހުސާސްތަކާއި ހައްގުތައް ހިމާޔަތްކޮށްދީ، އެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް މަސައްކަތް ކުރާ ޕާޓީއަކަށް ހެދުމަށް ބޭނުންވާ ކަމަށެވެ.

އަދި އެއީ ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް ބޭނުންވާ ހުރިހާ އެންމެންނަށް ހަމަހަމަ ފުރުސަތު ލިބޭނެ ޕާޓީއަކަށް ހަދަން ބޭނުންވާ ކަމަށް ވެސް އިއުލާނުގައިވެ އެވެ.