Roadha Mihaaru
އާ ކައުންސިލަރުން ހުވާކުރާނެ ތަނެއް އަދިވެސް ނުލިބޭ

މާލޭގެ އާ ކައުންސިލަރުން ހުވާކުރާނެ ތަނެއް އަދިވެސް ނުލިބޭ: ޝިފާ

28 މެއި 2017

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ބޭފުޅުން ހުވާ ކުރައްވާނެ ތަނެއް އަދިވެސް ހަމަނުޖެހޭ ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ބޭފުޅުން ހުވާ ކުރައްވާނެ ތަނެއް އަދިވެސް ހަމަނުޖެހޭ ކަމަށް ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އަދި އާ ކައުންސިލަށް އިންތިޚާބު ކޮށްފައިވާ ޝިފާ މުހައްމަދު ވިދާޅުވީ އަންނަ ހޮނިހިރުދުވަހު ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތަށް މާލެއިން ތަނެއް ލިބޭތޯ މިހާތަނަށް ކުރި މަސައްކަތް ވެފައި ވަނީ ނާކާމިޔާބު ކަމަށެވެ.

އެކަމުގެ ހުއްދަ އަށް އެދި ޣިޔާސުއްދީން ސްކޫލަށް މިހާރު ސިޓީ ހުށަހަޅާފައިވާ ކަމަށާއި އެ ސިޓީގެ ޖަވާބު މިއަދު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުވާކުރުމުގެ ރަސްމިއްޔާތު އެންމެ ފުރަތަމަ ބާއްވަން ސިޓީ ކައުންސިލުން ނިންމީ ދަރުބާރު ގޭގަ އެވެ. އެކަމަށް ހައުސިން މިނިސްޓްރީން ފުރަތަމަ ހުއްދަ ދިން ވެސް މެ އެވެ. އެކަމަކު ކުލީގެ ގޮތުގައި 13،000 ރުފިޔާ ދެއްކުމަށް އެންގި ފަހުން، އެތަން ނުދޭން ވަނީ ނިންމައިފަ އެވެ.

ދަރުބާރުގެ ނުލިބުމުން މިހާރު ނިންމާފައި ވަނީ ކޮންމެވެސް ސްކޫލެއްގައި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެ އެވެ. އެތަނުން ބުނިގޮތުގައި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތަށް ތަނެއް ހޯދާތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ އެވެ.

ޝިފާ ފާހަގަކުރެއްވި ގޮތުގައި ތަނެއް ހަމަނުޖެހުނު ނަމަވެސް ހަމަޖެހިފައިވާ ދުވަހަށް ހުވާކުރަން ޖެހެ އެވެ. އަދި އެ ދުވަހާ ހަމައަށް ތަނެއް ނުލިބިއްޖެ ނަމަ އެކަން ކުރަން ޖެހޭނީ ސިޓީ ކައުންސިލްގެ ކޮޓަރިއެއްގައި ކަމަށް ވިދާޅުވި އެވެ.

"އެކަމަކު ގަވައިދުގައި އޮންނަ ގޮތުން ހުވާކުރުމުގެ ރަސްމިއްޔާތަށް ސަރުކާރުގެ އިސްވެރިންނާއި އިތުރު ބޭފުޅުންނަށް އެބަ ދައުވަތު ދޭން ޖެހޭ. ގިނަ މީހުން ތިބޭކަށް އެތަނުގައި ޖާގައެއް ވެސް ނޯންނާނެ،" ޝިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ކަންކަމަށް ސްކޫލުތައް ދޫނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް ބުނެ ސްކޫލުތަކުން ދެކޮޅު ހަދާ ކަމަށެވެ. އެކަމަކު މިއީ ސިޔާސީ ކަމެއް ނޫން ކަމަށް ޝިފާ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

މި މަހުގެ ހަވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ.