Roadha Mihaaru
އިބްރަހިމޮވިޗް ޔުނައިޓެޑުގައި މަޑުކޮށްފާނެ: އޭޖެންޓް

އިބްރަހިމޮވިޗް ޔުނައިޓެޑުގައި މަޑުކޮށްފާނެ: އޭޖެންޓް

01 ޖޫން 2017

ލަންޑަން (ޖޫން 1) – މެންޗެސްޓާ ޔުނައިޓެޑުގައި މަޑުކުރަން ޒަލަޓާން އިބްރަހިމޮވިޗް ބޭނުންވާ ކަމަށާއި ކުރިމަގާ ބެހޭގޮތުން އެ ކްލަބާ މަޝްވަރާކުރާނެ ކަމަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (ޖޫން 1) – މެންޗެސްޓާ ޔުނައިޓެޑުގައި މަޑުކުރަން ޒަލަޓާން އިބްރަހިމޮވިޗް ބޭނުންވާ ކަމަށާއި ކުރިމަގާ ބެހޭގޮތުން އެ ކްލަބާ މަޝްވަރާކުރާނެ ކަމަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފި އެވެ.

ޔުރޮޕާ ލީގުގައި ކުޅެނިކޮށް އޭޕްރިލް މަހު އިބްރަހިމޮވިޗުގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ނުވަ މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާއިރު އޭނާ އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތް ނަމަވެސް، މި އަހަރު ދެން އޭނާ އަށް ކުޅެވުމުގެ ފުރުސަތު ކުޑަވުމުން ޔުނައިޓެޑުން ކޮންޓްރެކްޓް އާކުރަން ބޭނުންނުވާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަކު އިބްރަހިމޮވިޗް އަންނަނީ ހީކުރި ވަރަށް ވުރެ މާ އަވަހަށް ރިކަވާވަމުންނެވެ.

އެމެރިކާގެ މޭޖާ ލީގުގެ ކްލަބްތަކުން އިބްރަހިމޮވިޗަށް ޝައުގުވެރިވި ނަމަވެސް ރައިއޯލާ ވަނީ އިބްރަހިމޮވިޗް ބޭނުންވަނީ ޔުނައިޓެޑުގައި މަޑުކުރަންކަމުގެ އިޝާރާތެއް ދީފަ އެވެ.

"އިބްރަހިމޮވިޗް ބޭނުންވޭ އިންގްލެންޑުގައި މަޑުކުރަން. އޭނާ ބޭނުންވޭ އެންމެ މަތީ ފަންތީގައި ކުޅެން. އޭނާ އަށް ޔުނައިޓެޑުގައި މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށް ގަބޫލުކުރެވެންޏާ ކީއްވެ އެ ކްލަބުގައި މަޑުނުކުރަންވީ؟،" ޔުނައިޓެޑަށް 46 މެޗުން 28 ގޯލް ޖަހައިދީފައިވާ ފޯވާޑާ ބެހޭގޮތުން ރައިއޯލާ ބުންޏެވެ.

ރައިއޯލާ ބުނީ މަތީ ފަންތީގެ އެހެން ބައެއް ކްލަބްތަކުގައި ވެސް އިބްރަހިމޮވިޗަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށާއި އެކަމަކު ރަނގަޅު ގޮތަކީ މެންޗެސްޓާ ޔުނައިޓެޑާ ވެސް ވާހަކަދައްކައި ހުރިހާ އެންމެން ބޭނުންވާ ގޮތަކީ ކޮބައިކަން ބެލުން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 35 އަހަރުގެ އިބްރަހިމޮވިޗް ކުރިން ރާވާފައި އޮތީ މި ސީޒަނަށް ފަހު އެމެރިކާގައި ކުޅުމަށް ފަހު ކުޅުން ހުއްޓާލާށެވެ. އެކަމަކު އަނިޔާއާ އެކު އޭނާގެ ޕްލޭނަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.

އިބްރަހިމޮވިޗް ވަނީ ނެދަލެންޑްސްގެ އަޔަކްސް އާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ އަދި އޭސީ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސުގެ ޕީއެސްޖީ އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.