Roadha Mihaaru
އިބްރަހިމޮވިޗް ޔުނައިޓެޑުގައި މަޑުކުރުވަން ވާހަކަދައްކަނީ

އިބްރަހިމޮވިޗް ޔުނައިޓެޑުގައި މަޑުކުރުވަން ވާހަކަދައްކަނީ

10 އޯގަސްޓް 2017

ލަންޑަން (އޮގަސްޓް 10) - މެންޗެސްޓާ ޔުނައިޓެޑުން މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ސްވިޑެންގެ ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް މަޑުކުރުވަން އޭނާއާ ވާހަކަތައް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮގަސްޓް 10) - މެންޗެސްޓާ ޔުނައިޓެޑުން މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ސްވިޑެންގެ ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް މަޑުކުރުވަން އޭނާއާ ވާހަކަތައް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑާ އެކު އިބްރަހިމޮވިޗް ހަދާފައިވާ އެއްބަސްވުން މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވާއިރު އޭނާ އަންނަނީ މިދިޔަ އޭޕްރިލް މަހު ކަކުލަށް ލިބުނު އަނިޔާއިން ރިކަވާވަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން އެންމެ އަވަަހަށް އިބްރަހިމޮވިޗަށް ކުޅުމަށް އެނބުރި އާދެވޭނީ މި އަހަރު ނޮވެމްބަރު މަހުގަ އެވެ.

އިބްރަހިމޮވިޗް ވަނީ ނިމުނު ސީޒަނުގައި ޔުނައިޓެޑަށް 46 މެޗު ކުޅެދީ 28 ގޯލް ޖަހައިދީފަ އެވެ. އެ ޓީމުން ޔުރޮޕާ ލީގާއި ލީގު ކަޕް އަދި ކޮމިއުނިޓީ ޝީލްޑް ހޯދިއިރު އިބްރަހިމޮވިޗުގެ ދައުރު ބޮޑެވެ. ސްކައި ސްޕޯޓްސް ރިޕޯޓްތައް ބުނާގޮތުގައި ޔުނައިޓެޑުން ވަނީ އިތުރު އެއް އަހަރުގެ ކޮންޓްރެކްޓެއް އިބްރަހިމޮވިޗަށް ދޭން ނިންމައިފަ އެވެ.

އުމުރުން 35 އަހަރުގެ އިބްރަހިމޮވިޗްގެ އޭޖެންޓް މިނޯ ރައިއޯލާ ވަނީ ކުރިއަށް އޮތް ސީޒަނުގައި އިބްރަހިމޮވިޗް ފެންނާނީ ޔޫރަޕްގެ ކްލަބަކުން ކަމަށާއި ގިނަ ޓީމުތަކަކުން އޭނާ އަށް ހުށަހެޅުން ލިބިފައިވާ ކަމަށެވެ.

ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ދާދި ފަހުން އިބްރަހިމޮވިޗް އެ ޓީމުގައި މަޑުކޮށްފާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. ޔުނައިޓެޑްގެ ޕްރީ ސީޒަން އެމެރިކާ ޓުއާ ތެރެއިން ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެމުން މޮރީނިއޯ ބުނީ އިބްރަހިމޮވިޗަކީ ޔުނައިޓެޑަށް މިދިޔަ ސީޒަނުގައި ގިނަ ކާމިޔާބީތަކެއް ހޯދައިދޭން އެހީތެރިވި ކުޅުންތެރިއެއް ކަމަށާއި އެފަދަ ކުޅުންތެރިއަކަށް އަލުން ފުރުސަތު ދިނުމަކީ އެ ކްލަބުން ކުރާނެ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

އިބްރަހިމޮވިޗްގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ރިހެބިލިޓޭޝަން ކަންތައްތައް ކުރިއަށްގެންދަނީ ޔުނައިޓެޑްގެ މެޑިކަލް ސްޓާފުންގެ އެހީގަ އެވެ.