Roadha Mihaaru
ޔުނައިޓެޑް ދޫކޮށް އިބްރަހިމޮވިޗް އެލްއޭ ގެލެކްސީ އަށް

ޔުނައިޓެޑް ދޫކޮށް އިބްރަހިމޮވިޗް އެލްއޭ ގެލެކްސީ އަށް

23 މާޗް 2018

ލޮސް އެންޖެލެސް، ޔުނައިޓެޑް ސްޓޭޓްސް (މާޗް 23) - މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް ސްވިޑެންގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އެމެރިކާގެ ކްލަބް އެލްއޭ ގެލެކްސީ އަށް ބަދަލުވާން ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލޮސް އެންޖެލެސް، ޔުނައިޓެޑް ސްޓޭޓްސް (މާޗް 23) - މެންޗެސްޓާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް ސްވިޑެންގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އެމެރިކާގެ ކްލަބް އެލްއޭ ގެލެކްސީ އަށް ބަދަލުވާން ނިންމައިފި އެވެ.

ޔުނައިޓެޑުން ވަނީ އުމުުރުން 36 އަހަރުގެ އިބްރަހިމޮވިޗާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ބުނެފަ އެވެ. ޔުނައިޓެޑާ އެކު އިބްރަހިމޮޗް ހަދާފައިވާ އެއްވަސްވުން ހަމަވާނީ މި ސީޒަނުގެ ނިޔަލަށެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުމަށް ފަހު އިބްރަހިމޮވިޗް ވަނީ އެ ޓީމަށް 28 ލަނޑު ޖަަހައިދީފަ އެވެ. އަދި އެ ޓީމުން އިނގިރޭސި ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދޭން އެހީތެރިވި އެވެ. އިބްރަހިމޮވިޗަށް މިދިޔަ ސީޒަނުގައި އެންމެ ބޮޑު މައްސަލައެއް ދިމާވީ މިދިޔަ އޭޕްރީލް މަހު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހުމުންނެވެ.

ބޮޑު އަނިޔާއާ ގުޅިގެން އިބްރަހިމޮވިޗަށް ސީޒަން ނިމި އޭނާ އަލުން ޔުނައިޓެޑަށް ކުޅުމާ މެދު ސުވާލު އުފެދުނެވެ. އެއީ އޭރު އޭނާ ޔުނައިޓެޑާ އެކު ހަދާފައި އޮތް އެއްބަސްވުން މިދިޔަ ސީޒަނުގެ ނިޔަަލަށް ހަމަވުމުންނެވެ. އަދި ޔުނައިޓެޑުން 75 މިިލިއަން ޕައުންޑަށް ލުކާކޫ ގެނައީ އިބްރަހިމޮވިޗްގެ ބަދަލެއްގެ ގޮތުގަ އެވެ. އެކަމަކު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ އެދުމުގެ މަތިން އިބްރަހިމޮވިޗަށް އިތުރު އެއް އަހަރުގެ އެއްބަސްވުމެއް ދިނެވެ.

އަނިޔާއިން ރަނގަޅުވެ މި ސީޒަނުގައި އިބްރަހިމޮވިޗް ވަނީ ކުޅެފަ އެވެ. އެހެން ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން އިބްރަހިމޮވިޗް އަނެއްކާ ކުޅުމާ ދުރަށްދާން ޖެހުނެވެ.

ގައުމީ ޓީމުން އިބްރަހިމޮވިޗް ރިޓަޔަކޮށްފައިވާއިރު، ރިޕޯޓްތައް ބުނާގޮތުގައި ޖޫން މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕަށްދާ ސްވިޑެން ޓީމުގައި އިބްރަހިމޮވިޗް ހިމެނުމުގެ ފުރުސަތު އެބައޮތެވެ. އޭނާ އެލްއޭ ގެލެކްސީއާ ގުޅުމުގެ އެންމެ ބޮޑު ބޭނުމަކީ އެއީ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ. އެއީ ޔުނައިޓެޑަށް ވުރެ ބޮޑަށް ކުޅުމުގެ ފުރުސަތު އެލްއޭ ގެލެކްސީ އަށް ކުޅުމުގެ ފުރުސަތު އިބްރަހިމޮވިޗަށް ލިބޭނެތީ އެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި މަހު 31 ވަނަ ދުވަހު އެލްއޭ ގެލެކްސީން އެލްއޭ އެފްސީއާ ދެކޮޅަށް ކުޅޭ މެޗުގައި އިބްރަހިމޮވިޗް ކުޅުމުގެ ފުރުސަތު އެބައޮތެވެ.