Roadha Mihaaru
ރާއްޖޭގެ އުރީދޫ ނުހުއްޓޭނެ: ހޯމް މިނިސްޓަރު

ރާއްޖޭގެ އުރީދޫ ނުހުއްޓޭނެ: ހޯމް މިނިސްޓަރު

06 ޖޫން 2017

ގަތަރާ އެކު އޮންނަ ސިޔާސީ ގުޅުން މެދުކަނޑާލި ނަމަވެސް އުރީދޫގެ ހިދުމަތް ރާއްޖޭގައި މެދުނުކެނޑި ލިބޭނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު ދެއްވައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ގަތަރާ އެކު އޮންނަ ސިޔާސީ ގުޅުން މެދުކަނޑާލި ނަމަވެސް އުރީދޫގެ ހިދުމަތް ރާއްޖޭގައި މެދުނުކެނޑި ލިބޭނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު ދެއްވައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މިނިސްޓަރު އަހުމަދު އަޒްލީން އާއި އުރީދޫގެ ސީއީއޯ ނަޖީބް ޚާން މިއަދު ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ކުންފުންޏާއި ރާއްޖެއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ ތަފުސީލެއް އެ މިނިސްޓްރީ އާއި އުރީދޫން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ހޯމް މިނިސްޓަރު ބޭއްވެވި ބައްދަލުވުމުގައި އުރީދޫގެ ސީއީއޯގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ޗީފް އެގްޒެކްޓިވް އިލްޔާސް ހުސެއިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގެ މުއާސަލާތާ ގުޅުންހުރި ސިޔާސަތު ކަނޑައެޅުމާއި ކޭމްގެ ބެލެނިވެރި ފަރާތަކީ ހޯމް މިނިސްޓްރީ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫ މޯލްޑިވްސްއަކީ ގަތަރު ސަރުކާރުގެ އުރީދޫ ގްރޫޕްގެ ހިއްސާވާ ބޮޑު ކުންފުންޏެކެވެ. ކުރީގެ ކިއު ޓެލް ނުވަތަ އުރީދޫ ގްރޫޕަކީ ގަތަރު ސަރުކާރާއި ޝާހީ އާއިލާގެ ހިއްސާވެގެން އުފެއްދި ކުންފުންޏެކެވެ.

ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ރާއްޖެ އިން ކަނޑާލިޔަސް ވިޔަފާރީގެ ގުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ސަރުކާރުން ވެސް އިއްޔެ ވަނީ ބުނެފަ އެވެ.

މެދުއިރުމަތީގައި ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގައުމާއެކު އޮތް ސިޔާސީ ގުޅުން ރާއްޖެއިން ކަނޑާލި ނަމަވެސް އެ ގައުމުގެ ގައުމީ އެއާލައިން، ގަތަރު އެއާވޭސް ދަތުރުތައް ރާއްޖެއަށް ކުރަމުންގެންދެ އެވެ.