Roadha Mihaaru
މޫސުމީ މައްސަލަތަކަށް އިމެއް ނެތް: ތޯރިގު

މޫސުމީ މައްސަލަތަކަށް އިމެއް ނެތް: މިނިސްޓަރު ތޯރިގު

11 ޖޫން 2017

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތަކަށް އިމެއް ނެތް ކަމަށާއި ކޮންމެ އަހަރުތަކު ވެސް މައްސަލަތައް އަންނަނީ އިތުރުވަމުން ކަމަށްއެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޚަދީޖާ ހާޒިމާ ޚަދީޖާ ހާޒިމާ

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތަކަށް އިމެއް ނެތް ކަމަށާއި ކޮންމެ އަހަރުތަކު ވެސް މައްސަލަތައް އަންނަނީ އިތުރުވަމުން ކަމަށްއެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު އިޓަލީ ގައި ކުރިއަށްދާ ޖީ7 ގެ ތިމާވެށީގެ ވަޒީރުންގެ ބައްދަލުވުމުގައި ތޯރިގް ވިދާޅުވީ މޫސުމީ މައްސަލަތަކަށް އެންމެ ގައުމަކުން ނުވަތަ ބައެއް ގައުމުތަކުން މަސައްކަތްކޮށްގެން ހައްލެއް ނުހޯދޭނެ ކަމަށެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ބާއްވާ މިސަމިޓްގައި މިނިސްޓަރު ވިދާޅުވީ ހަނަފަސްކަމާއި ފެންބޮޑުވުމާއި ހޫނުމިން އިތުރުވުމާއި މޫސުމީ ކާރިސާތައް ކޮންމެ އަހަރަކު ވެސް އިތުރުވަމުން އަންނަ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގެ ސަބަބުން، ކުދި ޖަޒީރާ ގައުމުތަކަށް އިގުތިސާދީ ގޮތުންނާއި އެކި ދާއިރާތަކުން ގޮންޖެހުން ކުރިމަތިވާ ކަމަށްތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ރާއްޖޭގައި އިޓަލީ ސަރުކާރުގެ އެހީގައި ހިންގާ، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ޕްރޮގްރާމްތަކާއި މި ދާއިރާއިން އިތުރު އެހީ ހޯދުމާ ބެހޭ ގޮތުން އިޓަލީގެ ތިމާވެށީގެ ވަޒީރާ ބައްދަލުކުރެއްވުމަށް ހަމަޖެހިފަ އެވެ. މީގެ އިތުރުން އިންޓަނޭޝަނަލް ރިނިވްބަލް އެނާޖީން ހިންގާ ތަފާތު މަޝްރޫއުތަކާ ބެހޭ ގޮތުން އެ އޭޖެންސީގެ ޑިރެކްޓަރު ޖެނެރަލްއާ މަޝްވަރާކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓަރު ތޯރިގު ވާހަކަފުޅު ދެއްކެވި ބައްދަލުވުމަކީ ޖީ7 ގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓާ އިޓަލީން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުމެކެވެ. އެބައްދަލުވުމުގައި ޖީ7 ސަމިޓްގެ މެމްބަރު ގައުމުތައް ކަމަށްވާ އެމެރިކާ، އިގިރޭސިވިލާތް، ފްރާންސް، ޖަޕާން، ޖަރުމަން، ކެނެޑާ އަދި އިޓަލީގެ މިނިސްޓަރުން ބައިވެރިވި އެވެ. މީގެ އިތުރުންއީޔޫގެ އެންވަޔަރަމެންޓް އަދި ކްލައިމެޓް ޗޭންޖުގެ ކޮމިޝަނަރުން ވެސް ބައިވެރިވާނެ އެވެ.