Roadha Mihaaru
މައިކްރޮސޮފްޓް ވީއާރް ދޫކޮށް މިކްސްޑް ރިޔަލިޓީ އަށް

މައިކްރޮސޮފްޓް ވީއާރް ދޫކޮށް މިކްސްޑް ރިޔަލިޓީ އަށް

15 ޖޫން 2017

މައިކްރޮސޮފްޓްގެ އެހީއާ އެކު ކޮމްޕިއުޓަރު ކުންފުނިތަކުން ތައްޔާރުކުރި މިކްސްޑް ރިއަލިޓީ ހެޑްސެޓްތައް ދާދި އަވަހަށް ބާޒާރަށް ނެރޭނެ ކަމަށް މައިކްރޮސޮފްޓުން ބުނެފި އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

މައިކްރޮސޮފްޓްގެ އެހީއާ އެކު ކޮމްޕިއުޓަރު ކުންފުނިތަކުން ތައްޔާރުކުރި މިކްސްޑް ރިއަލިޓީ ހެޑްސެޓްތައް ދާދި އަވަހަށް ބާޒާރަށް ނެރޭނެ ކަމަށް މައިކްރޮސޮފްޓުން ބުނެފި އެވެ.

މިކްސްޑް ރިއަލިޓީ ހެޑްސެޓްތައް ހަދާފައި ވަނީ އޭސާ، އެޗްޕީ، ޑެލް، އަދި ލެނޯވޯއިންނެވެ. މައިކްރޮސޮފްޓާ ގުޅިގެން އެ ކުންފުނިތަކުން ތައްޔާރުކުރި ހެޑްސެޓްތައް މައިކްރޮސޮފްޓުން އާންމުކުރީ މި މަހު ކުރީކޮޅު ބޭއްވި "ކޮމްޕިއުޓެކްސް 2017" ކޮންފަރެންސްގަ އެވެ.

މައިކްރޮސޮފްޓުގެ އޮފިޝަލުން ބުނީ މި ޓެކްނޮލޮޖީއާ އެކީ ވިންޑޯސް 10 އަކީ މިކްސްޑް ރިއަލިޓީއަށް ސަޕޯޓް ކުރެވޭނޭ އެންމެ އެކަށީގެންވާ ޕްލެޓްފޯމަކަށް ހަދާނެ ކަމަށެވެ. އެ ޓެކްނޮލޮޖީ ބޭނުންކުރާ މީހުންނަށާއި ޑިވެލޮޕަރުންނަށް ވެސް އެންމެ އެކަށޭނެ ގޮތަށް ވިންޑޯސް 10 ވަރުގަދަ ކުރަމުންދާނެ ކަމަށް އޮފިޝަލުން ބުންޏެވެ. މި ޓެކްނޮލޮޖީ ބޭނުން ކޮށްފައިވާ މައިކްރޮސޮފްޓްގެ އަމިއްލަ އުފެއްދުމަކީ މި އަހަރު ކުރީ ކޮޅު ބާޒާރަށް ނެރުނު ހޮލޮލެންސެވެ.

"ކޮމްޕިއުޓެކްސް 2017" ގައި ޑިވެލޮޕަރުންނަށް ހާއްސަކޮށް ދައްކާލި ހެޑްސެޓްތަކުގެ ތެރެއިން 299 ޑޮލަރަށް ހުރި އޭސާގެ ހެޑްސެޓާއި 329 ޑޮލަރަށް ހުރި އެޗްޕީ ހެޑްސެޓަށް ލިބުނު ތާއީދު ބޮޑެވެ. މި ދެ ހެޑްސެޓުން ވެސް އިންފްރާރެޑް އަދި ކެމެރާ ނުލައި "އިންސައިޑް-އައުޓް ޓްރެކިކްގް" ޓެކްނޮލޮޖީ ހިމަނާފައިވެ އެވެ. މި ހެޑްސެޓުތަކުގެ ކްރިސްޓަލް ޑިސްޕްލޭ 90 ހާޓްޒް ގައި ރިފްރެޝް ކުރެވެ އެވެ. އަދި މަންޒަރުގައި 1،440 ގުނަ 1،440 ރިޒޮލިއުޝަން ހުރެ އެވެ.

އަސޫސްގެ ހެޑްސެޓް ބަލާލަން ވަރަށް ރީއްޗެވެ. ޕޮލީގަން ތްރީ-ޑީ ކަވާ ޕެނަލްއާ އެކީ ފަރުމާކޮށްފައިވާ މި ހެޑްސެޓް ބޭނުންކުރަން ފަސޭހަވެފައި މީހާގެ ހަރަކާތްތައް ދެނެގަތުމުގައި ހަލުވިކަން ފާހަގަވެ އެވެ. ލެނޯވޯގެ ހެޑްސެޓް ބާޒާރަށް ނެރޭނީ މި އަހަރު ފަހުކޮޅު އެވެ.

މައިކްރޮސޮފްޓް އާ ގުޅިގެން އަސޫސް އިން ތައްޔާރު ކުރި މިކްސްޑް ރިއަލިޓީ ހެޑްސެޓް

މައިކްރޮސޮފްޓް އާ ގުޅިގެން އަސޫސް އިން ތައްޔާރު ކުރި މިކްސްޑް ރިއަލިޓީ ހެޑްސެޓް

މައިކްރޮސޮފްޓާ ގުޅިގެން މި ކުންފުނިތަކުން މިކްސްޑް ރިއަލިޓީ ބާޒާރަށް ނެރުމާ އެކު ވާދަވެރިކަން އިތުރުވާނެ އެވެ. މިހާރު ބާޒާރުގައި އެންމެ ބޮޑު މަގްބޫލުކަމެއް ހޯދާފައި ވަނީ އޮކިއުލަސް ރިފްޓް އަދި އެޗްޓީސީ ވައިވް އެވެ. ސްމާޓް ފޯނު ކުންފުނިތަކާއި ފޭސްބުކް ވެސް މި ޓެކްނޮލޮޖީ ބޭނުން ކުރަމުން އަންނަ އިރު، އެއާ ގުޅޭ ހާޑްވެއާ ވަރަށް އަވަހަށް ބާޒާރަށް ނެރޭނެ ކަމަށް ބެލެވެ އެވެ.