Roadha Mihaaru
އެޕް ސްޓޯރްގެ އާމްދަނީ އަށް އެޕަލް ބަރޯސާއެއް ނުވޭ

އެޕް ސްޓޯރްގެ އާމްދަނީ އަށް އެޕަލް ބަރޯސާއެއް ނުވޭ

17 ޖޫން 2020

އެޕަލްގެ އެޕް ސްޓޯރަކީ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިއަކަށް ވިޔަސް، އެއިން ލިބޭ އެއްޗަކަށް ކުންފުނި ބަރޯސާނުވާ ކަމަށް އެޕަލް އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލްގެ އެޕް ސްޓޯރަކީ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިއަކަށް ވިޔަސް، އެއިން ލިބޭ އެއްޗަކަށް ކުންފުނި ބަރޯސާނުވާ ކަމަށް އެޕަލް އިން ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން މިދިޔަ އަހަރު އެކަނި ވެސް އެޕް ސްޓޯރަށް އާމްދަނީގެ ގޮތުގައި 519 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ނަމަވެސް ދުނިޔޭގެ އެންމެ ވަރުގަދަ ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޕަލް އިން ބުނިގޮތުގައި އެޕް ސްޓޯރުން ލިބޭ އާމްދަނީ އަށް އެ ކުންފުނިން އެއްވެސް އިރެއްގައި ބަރޯސާއެއް ނުވެ އެވެ. އޭގެ ބަދަލުގައި އެޕަލްގެ މައިގަނޑު އާމްދަނީ ބިނާވެފައި އޮންނަނީ އެޕަލްގެ މުދަލާއި ސޮފްޓްވެއާތަކުގެ ވިޔަފާރި އަށް ކަމަށް ބުންޏެވެ. އަދި އެޕް ސްޓޯރަށް ލިބޭ އާމްދަނީގެ 85 ޕަސެންޓަކީ އެޕަލްއާ އެކު ވިޔަފާރިކުރާ ތިން ވަނަ ޕާޓީތަކުގެ މަސައްކަތްތަކަށް ހޭދަކުރާ ފައިސާ ކަމަށް ބުންޏެވެ.

އެޕަލް އިން މިގޮތަށް ބުނެފައި ވަނީ އެޕް ސްޓޯރާއި ގޫގުލް ޕްލޭސްޓޯރު ފަދަ ޕްލެޓްފޯމްތަކުން އާންމުން ދޫކުރާ އެޕްތަކުގެ ވާދަވެރިކަމާ ދޭތެރޭ، ދާދި ފަހުން ސުވާލުތަކެއް އުފައްދާފައި ވަނިކޮށެވެ. އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރަކީ ސްމާޓްފޯނު ބޭނުންކުރާ މީހުން އެންމެ ބޮޑަށް ބަރޯސާވާ ދެ ތަނެވެ.

މިދިޔަ ހަފުތާގައި އެޒިއޯސް މީޑިއާ އިންކުން ބުނިގޮތުގައި އެމެރިކާގެ އެންޓި-ޓްރަސްޓް އިންވެސްޓިގޭޓާޒުން ވަނީ އެޕް ސްޓޯރުގެ ވިޔަފާރި ފުޅާވެފައި އޮތް މިންވަރާއި އެ ވިޔަފާރީގެ ވާދަވެރިކަން އޮތް މިންވަރާ ގުޅޭ ގޮތުން ކުންފުނީގެ ސީއީއޯ ޓިމް ކުކާ ސުވާލުކުރަން ވެސް ނިންމައިފަ އެވެ. އަދި މީގެ ކުރިން ވެސް މިކަމާ ގުޅިގެން އެޕަލް އާއި ކުކް ވަނީ އެޕަލްގެ ވިޔަފާރިތަކާ ބެހޭ ހުރިހާ މައުލޫމާތެއް ހިއްސާކުރަން ތައްޔާރަށް ތިބި ކަމަށް ބުނެފަ އެވެ.

ބައެއް ކުންފުނިތަކުން ބުނާގޮތުގައި އެޕްތައް ޑައުންލޯޑްކުރުމުގެ ވިޔަފާރި އަށް ބަލާ އިރު، އެޕަލް އަދިވެސް ގެންގުޅެނީ "މޮނޮޕޮލީ" ގެ އުސޫލެވެ. އެހެންވެ މި ވިޔަފާރީގެ ތެރޭގައި ހަމަ ވާދަވެރިކަމެއް ނެތެވެ.

ހަމަމިއާ އެކު އެޕަލް އިން ބައިއަޅާ މިންގަނޑާ މެދު ވެސް ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ ބައެއް ކުންފުނިތައް ވަނީ އެޕް ސްޓޯރް ދޫ ވެސްކޮށްލައިފަ އެވެ. އޭގެ ތެރޭގައި ސްޓްރީމިންގެ ހިދުމަތުގައި އެންމެ މަގުބޫލު ދެ ކުންފުނި ކަމަށްވާ ނެޓްފްލިކްސް އާއި އެމެޒޯން ޕްރައިމް ވީޑިއޯ ހިމެނެ އެވެ.

އެފަދަ ކުންފުނިތަކުން ބުނާގޮތުގައި ވިޔަފާރީގެ 30 ޕަސަންޓް އެޕަލް އަށް ދިނުމަކީ އެންމެ ރަނގަޅު އުސޫލެއް ނޫނެވެ.