Roadha Mihaaru
ފުވައްމުލަކު މުވައްޒަފުންނަށް ނޯޓިސްދީފި

ފުވައްމުލަކު ކައުންސިލްތަކުގެ މުވައްޒަފުންނަށް ނޯޓިސްދީފި

14 ޖޫން 2017

ފުވައްމުލަކުގެ އަވަށު ކައުންސިލްތަކުގައި މަސައްކަތް ކުރި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ނޯޓިސްއެއް ހައުސިން މިނިސްޓްރީން ފޮނުވައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ފުވައްމުލަކުގެ އަވަށު ކައުންސިލްތަކުގައި މަސައްކަތް ކުރި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ނޯޓިސްއެއް ހައުސިން މިނިސްޓްރީން ފޮނުވައިފި އެވެ.

އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު މާހިދު ޝަރީފް ސޮއިކުރައްވައި މިދިޔަ ހޯމަދުވަހު މުވައްޒަފުނަނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ފުވައްމުލަކު ސިޓީ ކައުންސިލް އުފައްދައި، ރަށު ކައުންސިލްތައް އުވާލުމާ ގުޅިގެން، އެ އިދާރާތަކުގައި މަސައްކަތްކުރި މުވައްޒަފުންނަށް ތިން މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމާފައިވާ ކަމަށެވެ. އަދި އެ ކައުންސިލްތަކުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ދޭންޖެހޭ ނޯޓިސް އެ މިނިސްޓްރީ މެދުވެރިކޮށް ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ސިޓީގައިވެ އެވެ.

"މި ގޮތުން، ސިވިލް ސާވިސްގެ ގަވައިދާ އެއްގޮތަށް 2017 ޖޫން 3 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ނޯޓިސްއެއް ތިޔަ ފަރާތަށް ދެމެވެ. އަދި ނޯޓިސްގެ މުއްދަތުގައި މުސާރަ އާއި އިނާޔަތްތައް ދިނުމުގެ މަސައްކަތް މި މިނިސްޓްރީން ކުރިޔަށް ގެންދާނެ ވާހަކަ ދެންނެވީމެވެ،" ހައުސިން މިނިސްޓްރީގެ ސިޓީގައިވެ އެވެ.

އެ ސިޓީގައި ވަނީ އުވާލާފައިވާ ރަށު ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރި މުވައްޒަފުންގެ ތެރެއިން ފުވައްމުލަކުގައި ސަރުކާރުގެ މިނިސްޓްރީތަކުން އަލަށް ގާއިމުކުރާ އިދާރާތަކުގައި އުފައްދާ މަގާމުތަކަށް ޝަރުތު ހަމަވާ މުވައްޒަފުން، ކަނޑައެޅޭ އުސޫލުގެ ދަށުން އެ އިދާރާތަކަށް ބަދަލުކުރުމަށް ވެސް ސީއެސްސީން ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ސަރުކާރުގެ މިނިސްޓްރީތަކުން މިހާރު ވެސް ކުރަމުން އަންނަ ކަމަށް ހައުސިންގެ ސިޓީގައި ވެ އެވެ.

"މިގޮތުން މަގާމުތަކަށް ހަމަނުޖެހޭ މުވައްޒަފުން ނޯޓިސްގެ މުއްދަތު ހަމަވުމުން ސިވިލް ސާވިސްގެ ގަވައިދާ އެއްގޮތަށް ވަކިކުރެވޭނެ ކަމުގައި ވެސް ދެންނެވީމެވެ،" ހައުސިން މިނިސްޓްރީން ބުނެ އެވެ.

އެ ސިޓީ ލިބުނު މުވައްޒަފަކު ބުނީ އެ މީހުންނަށް ހައުސިން މިނިސްޓްރީއަށް ބަދަލުކުރިކަން އެނގުނީ ޕާމަނަންޓް ސެކްރެޓަރީގެ ސިޓީއަކުން ކަމަށެވެ. ނަމަވެސް މީގެ ކުރިން މި ފަދަ ބަދަލުތައް ގެންނައިރު ސީދާ ސިވިލް ސާވިސް އިން ޗިޓް ފޮނުވާ ކަމަށް އޭނާ ބުންޏެވެ.

"މިހާތަނަށް ސިވިލް ސާވިސް އިން މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވޭ. މީގެ ފޮރުވިފައިވާ ކަންތައްތަކެއް އެބައުޅޭ،" އޭނާ ބުންޏެވެ.

ލޯކަލް ކައުންސިލްތަކުގެ އާ ދައުރަކަށް އިންތިހާބު ކުރިއިރު ފުވައްމުލަކުގައި އޮންނަނީ ތިން ދާއިރާ އިން އިންތިހާބުކުރާ ތިން ކައުންސިލަރުން ހިމެނޭ ސިޓީ ކައުންސިލެކެވެ. އެހެންވެ އެ ރަށުގެ އަށް އަވަށުގައި އުފައްދާފައިވާ އަށް ކައުންސިލް އިދާރާ ވަނީ އުވާލައިފަ އެވެ. ފުވައްމުލަކު އަށް އަވަށު ކައުންސިލް އިދާރާގައި ކައުންސިލަރުން ނުހިމަނައި 75 ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރެ އެވެ. ސިޓީ ކައުންސިލް އިންތިހާބާ ގުޅިގެން އެ ރަށުގެ އަށް އަވަށުން އިންތިހާބުކޮށްފައިވާ 24 ކައުންސިލަރުންގެ މަގާމު ވެސް ވަނީ އުވިގެން ގޮސްފަ އެވެ.

އަށް އަވަށުގެ މައްޗަށް އެކުލެވިގެންވާ ރަށުގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ ދަޑިމަގު ކައުންސިލް އިދާރާގަ އެވެ. އެތަނުގައި 11 މުވައްޒަފުން މަސައްކަތް ކުރާއިރު ހޯދަޑު އަދި މާދަޑު ކައުންސިލް އިދާރާގައި 10 މުވައްޒަފުން އަދި ދިގުވާނޑު، ދޫނޑިގަން، ފުނާޑު، މިސްކިތްމަގު ކައުންސިލް އިދާރާގައި ނުވަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ އިތުރުން މާލެގަން ކައުންސިލްގައި އަށް މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ ވެސް މިހާރު ވަނީ ރައީސްގެ ގަރާރަކުން އުފައްދަވައިފަ އެވެ.

ފުވައްމުލަކަށް ސިޓީއެއް ދަރަޖަ ދިންއިރު ސިޓީއެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ވެފައެއް ނެތެވެ. އެ ރަށުގެ ބައެއް މީހުން ދެކޭ ގޮތުގައި ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ހަމައެކަނި ނަމަކަށެވެ.