Roadha Mihaaru
ޔާމީން ރަޝީދުގެ ގާތިލުންގެ ނަންތައް އާންމު ކޮށްފި

ޔާމީން ރަޝީދުގެ ގާތިލުންގެ ނަންތައް އާންމު ކޮށްފި

18 ޖޫން 2017

މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު، މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ ގާތިލުން ކަމަށް ބުނެ ތިން މީހެއްގެ ނަން ނަން ފުލުހުން މިރޭ އާންމުކޮށްފި އެވެ.

މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު، މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ ގާތިލުން ކަމަށް ބުނެ ތިން މީހެއްގެ ނަން ނަން ފުލުހުން މިރޭ އާންމުކޮށްފި އެވެ.

ސ. ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދު މާލޭގައި ދިރިއުޅޭ މ. ސްޕެޓިއުލާ ކިޔާ ގޭގެ ސިޑި ކައިރީގައި އޭނާ އަށް ހަމަލާދީ މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ފުލުހުން ބުނެފައިވާ ތިން މީހެކެވެ. އެއީ މ. ޠާއިފް އިސްމާއީލް ރަޝީދު، 25، އާއި ހ. އަންނާރު މާގޭ އިސްމާއީލް ހައިޝަމް ރަޝީދު، 21، އާއި މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއީލް އެވެ.

ޔާމީން ރަޝީދު

ޔާމީން ރަޝީދު

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޔާމީން ރަޝީދުގެ މަރުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުން ހަތް މީހަކު ހައްޔަރު ކޮށްފައި އެބަ ތިއްބެވެ. އަދި ޔާމީންގެ މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހުންނަކީ ވެސް މީގެ ކުރިން ކުށުގެ ރެކޯޑް ހުރި މީހުންނެވެ.

"ޔާމީން ރަޝީދު މަރުގެ މައްސަލައިގެ ތަހުގީގަށް އެކުލަވައިލި ހާއްސަ ޓީމުން ގެންދިޔައީ، މައްސަލަ ރިޕޯޓް ކުރެވުނު ވަގުތުން ފެށިގެން ތަހުގީގަށް ބޭނުންވާ ހެއްކާ ގަރީނާ ހޯދައި، މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތައް ހޯދައި، ސުވާލު ކުރަންޖެހޭ ފަރާތްތަކާ ފުލުހުން ދިޔައީ ސުވާލު ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ޔާމީންގެ މަރުގައި ތުހުމަތު ކުރެވޭ ދެ މީހުން ސްޕެޓިއުލާގޭގެ ސިޑިކައިރީގައި އުޅެނިކޮށް ފެންނަ ސީސީޓީވީ ފުޓޭޖްގެ ފޮޓޯއެއް

ޔާމީންގެ މަރުގައި ތުހުމަތު ކުރެވޭ ދެ މީހުން ސްޕެޓިއުލާގޭގެ ސިޑިކައިރީގައި އުޅެނިކޮށް ފެންނަ ސީސީޓީވީ ފުޓޭޖްގެ ފޮޓޯއެއް

އޭގެ އިތުރުން، އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ގޮތުން ކުރެވުނު މަސައްކަތުގައި މާލޭގެ އެކި ތަންތަނުން ނެގި ސީސީޓީވީ ފުޓޭޖާއި މާލޭގައި ހަރުކޮށްފައި ހުރި ފުލުހުންގެ ސީސީޓީވީ ހުރިހާ ކެމެރާތަކުގެ ފުޓޭޖްތައް ހިމެނޭ ގޮތަށް ޖުމްލަ 1،850 ގަޑިއިރަށް ވުރެ ގިނަ ވަގުތުގެ ސީސީޓީވީ ފުޓޭޖް ފުލުހުން އެނަލައިޒް ކުރި އެވެ.

އޭގެ އިތުރުން 20-40 އަހަރުގެ 40،000 އަށް ވުރެ ގިނަ މީހުންގެ ފޮޓޯތައް ބަލައި އެނަލައިޒް ކުރި ކަމަށާއި ކަމާ ގުޅޭ މާހިރުންގެ ލަފަޔާއި އިދާރާތަކުގެ ޑޭޓާބޭސްތަކުގައިވާ މައުލޫމާތު ވެސް ހޯދާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ. އަދި މި ކަމުގައި އިސްކޮށް ތިބި މީހުން ދެނެގަނެވި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.

ޔާމީން މަރާލާފައި އޮއްވާ ފެނުނު ތަން.-. ފޮޓޯ: ފަޒީނާ އަހުމަދު/ މިހާރު

ޔާމީން މަރާލާފައި އޮއްވާ ފެނުނު ތަން.-. ފޮޓޯ: ފަޒީނާ އަހުމަދު/ މިހާރު

ފުލުހުން ބުނެފައިވާ ގޮތުގައި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް މިހާރު ވެސް ތަފާތު އުނދަގޫތަކާއި ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ. އެ ގޮތުން މި ހާދިސާއާ ގުޅުން ހުރި މައުލޫމާތުތައް، ތަހުގީގާ ގުޅުން ނެތް ފަރާތްތަކުން އެ ބައެއްގެ އަމިއްލަ ރައުޔު މީޑިއާ މެދުވެރިކޮށް އާންމުންނާ ހިއްސާ ކުރުމުންނާއި ބައެއް ގާނޫނީ ވަކީލުންގެ ފަރާތުން މައްސަލައިގެ ތަހުގީގަށް ކުރިމަތިވަމުން ދިޔަ ހުރަސްތަކުގެ ސަބަބުން ފުލުހުންގެ ތަހުގީގަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި އެވެ.

"ނަތީޖާއެއްގެ ގޮތުން، ގާނޫނީ ވަކީލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ޖެހިފައިވެ އެވެ."

ޔާމީން ރަޝީދުގެ މަރަށް އެއް މަސް ފުރުމާ ގުޅިގެން މެއި 23، 2017 ގައި ޔާމީންގެ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ދުއާ ކުރަނީ. --މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޔާމީން ރަޝީދުގެ މަރަށް އެއް މަސް ފުރުމާ ގުޅިގެން މެއި 23، 2017 ގައި ޔާމީންގެ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ދުއާ ކުރަނީ. --މިހާރު ފޮޓޯ: ހުސެއިން ވަހީދު

"މި ދެންނެވި ދަތިތަކާއި ހުރަސްތައް ފުލުހުންނަށް ކުރިމަތި ކުރުވި ނަމަވެސް، ފުލުހުން މަސައްކަތް ކުރަމުން ގޮސްފައިވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ޝާމިލްވާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް، ފުލުހުންގެ މުއައްސަސާގައި ހުރި ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން ކުރުމަށެވެ. މި ގޮތުން މި ނުބައި އަމަލު ހިންގި ހުރިހާ މީހުން ހޯދައި އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރުގެ ހެއްކާއި ގަރީނާ މިހާރު ވަނީ ހޯދިފަ އެވެ،' ފުލުހުންގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކޮށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.