Roadha Mihaaru
ދަތެއްގައި ރިއްސާތީ ދެއްކުމުން ޖެހުނީ ލޮލެއް ނަގަން

ދަތެއްގައި ރިއްސާތީ ދެއްކުމުން ޖެހުނީ ލޮލެއް ނަގަން

21 ޖޫން 2017

ދަތަކަށް ތަދުވާތީ ޑެންޓިސްޓަކަށް ދެއްކި 22 އަހަރުގެ އަންހެނެއްގެ ލޮލެއް ނަގަން ޖެހިއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ދަތަކަށް ތަދުވާތީ ޑެންޓިސްޓަކަށް ދެއްކި 22 އަހަރުގެ އަންހެނެއްގެ ލޮލެއް ނަގަން ޖެހިއްޖެ އެވެ.

ކެރީ ޖޯންސް ޑެންޓިސްޓަށް ދެއްކުމުން އެނގުނީ ނާދިރު ވައްތަރެއްގެ ކެންސަރެއް ޖެހިފައިވާ ކަމެވެ. މި ކެންސަރު ޖެހުމުން މަސްތައް "ކާލަނީ" އެވެ. އެހެންވެ އޭނާގެ އެއް ލޮލާއި އެހިސާބުގައިވާ ހުރިހާ ހަމަކާއި މަހެއް ނަގައިގެން މޫނު ޖެހުނީ މަރާމާތު ކުރާށެވެ.

ކެރީގެ އަނގައިގައި ލަމްޕެއް ނުވަތަ ގޮނޑިއެއް ކަހަލަ އެއްޗެއް އިނީ ދަތަކާ ދިމާލުން ތަލީގަ އެވެ. އެޑިނޮއިޑް ސިސްޓިކް ސާކިނޯމާ ކިޔާ މި ކެންސަރަކީ ކަރާއި ބޮލަށް އަދި ކުޅު އުފައްދާ ގްލޭންޑްތަކަށް ކެންސަރުގެ އަސަރު ކުރުވާ ބައްޔެކެވެ.

ކެންސަރު ޓިއުމަރާއި އެއް ލޯ ނެގުމަށް ކެރީ ވަނީ 36 ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. މިހާރު އޭނާގެ ކޯ ކަށިގަނޑުން ބަޔަކާއި މޫނުގެ މަތީ ބައިގެ ކަށިތައް ވަނީ ނަގާ ޓައިޓޭނިއަމް މެޓަލް ލައްވައިގެން އަލުން ރިކޮންސްޓްރަކްޓް ކޮށްފަ އެވެ. ސަބަބަކީ ކެންސަރު މާބޮޑަށް އެހިސާބަށް ފެތުރިފައި ވާތީ އެވެ.

މީގެ އިތުރުން އަނގައިގެ ވާތް ފަރާތުގައި ހުރި ހުރިހާ ދަތަކާއި އެހިސާބުގައި ހުރި މަސްތަކާއި ހަންތައް ވެސް ނަގައި ވާތު ފަލަމަސްގަނޑުން ހަމާއި މަސް ނަގައިގެން އެ ބައިތައް ވެސް ވަނީ އަލުން ގްރާފްޓް ކޮށްފަ އެވެ.

ކެރީ ބުނި ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކުއްލިއަކަށް އޭނާގެ ބޮލުގައި ވަރަށް ގަދަޔަށް ރިއްސަން ފެށީ އެވެ. އަދި އަނގައިގައި ތަންކޮޅެއް އުފުލިފައި އިންނަކަން ވެސް އޭރު އެނގުނެވެ. އެހެންވެ ދަތެއްގައި އިންފެކްޝަނެއް އުފެދުނީ ކަމަށް ހިތާ ޑެންޓިސްޓަކަށް ދެއްކީ އެވެ. ނަމަވެސް އެކްސްރޭ އަކުން ދަތުގައި މައްސަލައެއް ހުރި ކަމަކަށް ނުދެއްކި އެވެ. އެހެންވެ ސުންޑަލެންޑް ރޯޔަލް ހޮސްޕިޓަލަށް ދެއްކުމުން އެތަނުން ހެދި ބައޮޕްސީ އިން ކެންސަރު ހުރިކަން ޔަގީން ކުރެވުނީ އެވެ.