Roadha Mihaaru
މައުތުވޮޝް އިން ހަކުރުބަލީގެ ނުރައްކާ ބޮޑުވޭ: ދިރާސާ

މައުތުވޮޝް އިން ހަކުރުބަލީގެ ނުރައްކާ ބޮޑުވޭ: ދިރާސާ

26 ނޮވެމްބަރ 2017

ކޮންމެ ދުވަހަކު މައުތުވޮޝް ބޭނުންކުރާ މީހުންނަށް ހަކުރުބަލި ޖެހުމުގެ ނުރައްކާ އިތުރުވާ ކަމަށް ބުނެ ސައިންސްވެރިން އިންޒާރު ދީފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ކޮންމެ ދުވަހަކު މައުތުވޮޝް ބޭނުންކުރާ މީހުންނަށް ހަކުރުބަލި ޖެހުމުގެ ނުރައްކާ އިތުރުވާ ކަމަށް ބުނެ ސައިންސްވެރިން އިންޒާރު ދީފި އެވެ.

އެމެރިކާގެ ހާވާޑް ޔުނިވަސިޓީގެ ސައިންސްވެރިން ބުނާ ގޮތުގައި އެންޓި-ބެކްޓީރިއަލް ދިޔާ އެއްޗެހިން އަނގަ ދޮވުމަކީ އަނގައިގައި ހުންނަ ޖަރާސީމުގެ އިތުރުން އަނގައިގެ ދިފާއުގަ އާއި ހަކުރުބައްޔާއި ފަލަބަލީގެ ދިފާއުގައި މަސައްކަތްކުރާ މައިކްރޯބްސް ވެސް މަރާލާ ކަމެކެވެ.

ސައިންސްވެރިންގެ ހޯދުމުން ހާމަވި ގޮތުގައި ދުވާލަކު ދެ އިރު މައުތުވޮޝް އިން އަނގަ ދޮންނަ މީހުންނަށް ތިން އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ހަކުރުބަލި ޖެހުން ނުވަތަ ކުއްލިއަކަށް ހަކުރު މާ މައްޗަށް ދިއުން ފަދަ މައްސަލަތައް ދިމާވުން 55 ޕަސެންޓް އިތުރެވެ.

"މައުތުވޮޝްގައި ހިމަނާފައި ހުންނަ ޖަރާސީމާ ދެކޮޅަށް މަސައްކަތްކުރާ ގިނަ އެއްޗިއްސަކީ ވަކި ގޮތެއް ބަލައިގެން ހިމަނާފައި ހުންނަ އެއްޗެއް ނޫން،" ހާވާޑް ޔުނިވަސިޓީގެ ޕްރޮފެސަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ މައުތުވޮޝް ޓާގެޓް ކޮށްފައި ހުންނަނީ އަނގައިގައި ހުންނަ ވަކި ވައްތަރެއްގެ ޖަރާސީމަކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މައުތުވޮޝްގައި ހުންނަނީ ތަފާތު އެކި ވައްތަރުގެ ޖަރާސީމަށް އަަސަރުކުރާނެ މާއްދާތައް ހިމަނައިފަ އެވެ.

ޖާނަލް ނައިޓްރިކް އޮކްސައިޑްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި 1،206 މީހަކު ބައިވެރިކުރި އެވެ. މިއީ ބަރުދަން ހުންނަންވާ ވަރަށް ވުރެ އިތުރު އުމުރުން 40 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނެވެ. އަދި ހަކުރުބަލި ޖެހިދާނެކަމުގެ ނުރައްކާ އިތުރުވެފައިވާ ބައެކެވެ.

ދިރާސާގެ މުއްދަތުގެ ތެރޭގައި މީގެ ތެރެއިން 17 ޕަސެންޓް މީހުންނަށް ހަކުރުބަލި ޖެހުނެވެ. ނުވަތަ ހަކުރުބަލީގެ އަލާމާތްތައް ފެންނަން ފެށި އެވެ. މި މީހުންގެ ތެރެއިން ހަކުރުބަލި ޖެހުނު 20 ޕަސެންޓް މީހުންނަކީ ދުވާލަކު އެއް ފަހަރު މައުތުވޮޝް ބޭނުންކުރާ މީހުންނެވެ. އަދި 30 ޕަސެންޓް މީހުންނަކީ ހެނދުނާއި ހަވީރު މައުތުވޮޝް އިން އަނގަ ދޮންނަ މީހުންނެވެ.ލ

ޕްރޮފެސަރު ވިދާޅުވީ އަނގައިގައި ހުންނަ ބޭނުންތެރި ޖަރާސީމުން ހަކުރުބައްޔާއި ފަލަބަލިން ދިފާއުކޮށްދޭ ކަމަށެވެ. މީގެ ތެރޭގައި މައިކްރޯބްސް ވެސް ހިމެނެ އެވެ. މައިކްރޯބްސް އިން ހަށިގަނޑުން ނައިޓްރިކް އޮކްސައިޑް އުފައްދަން އެހީތެރިވެދެ އެވެ. މިއީ އިންސިއުލިން ހުންނަ މިންވަރު ރެގިއުލޭޓްކުރާ އެއްޗެކެވެ.

ނައިޓްރިކް އޮކްސައިޑަކީ ސަރުބީ ވިރުވުމުގެ މަސައްކަތާއި އެނާޖީ ބެލެންސްކުރުން އަދި ހަކުރު ހުންނަ މިންވަރު ރެގިއުލޭޓްކުރުމަށް މުހިއްމު އެއްޗެކެވެ.