Roadha Mihaaru
މި މީހާ ދަތް ނޫނގުޅައި 20 އަހަރު ހުރި

މި މީހާ ދަތް ނޫނގުޅައި 20 އަހަރު ހުރި

10 ޖުލައި 2017

މި ޒުވާނާ ބުނަނީ އެންމެ ކުޑައިރު ވެސް ދަތް އުނގުޅުމުގެ މުހިންމުކަން ބުނެދީ އެއްވެސް މީހަކު އޭނާ ލައްވައި އެކަން ކުރުވަން އުޅެފައި ނުވާ ކަމަށެވެ. ދަތް އުނގުޅުމުގެ މުހިންމުކަން އެނގުނު އިރު މާ ލަސްވެއްޖެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

މި ޒުވާނާ ބުނަނީ އެންމެ ކުޑައިރު ވެސް ދަތް އުނގުޅުމުގެ މުހިންމުކަން ބުނެދީ އެއްވެސް މީހަކު އޭނާ ލައްވައި އެކަން ކުރުވަން އުޅެފައި ނުވާ ކަމަށެވެ. ދަތް އުނގުޅުމުގެ މުހިންމުކަން އެނގުނު އިރު މާ ލަސްވެއްޖެ އެވެ.

ހަމައެކަނި ޖޭގެ ނަމުން މުޚާތަބުކުރާ މި މީހާ ވަނީ މަޝްހޫރު ޓީވީ ސިލްސިލާ "އެމްބެރެސިން ބޮޑީޒް"ގެ އެޕިސޯޑެއްގައި ބައިވެރިވެ އޭނާގެ ތަޖުރިބާ ހިއްސާ ކޮށްފަ އެވެ. އުމުރުން 21 އަހަރުގެ މި ޒުވާނާ ބުނަނީ ދަތް އުނގުޅުމަށާއި ފްލޮސް ކުރުމަށް އެއްވެސް މީހަކު އޭނާއަށް ހިތްވަރު ނުދޭތީ އެއްގޮތަކަށް ވެސް އެކަން ނުކުރާ ކަމަށެވެ.

އޭނާ އެއްބަސްވި ގޮތުގައި، ފާއިތުވި އަހަރުތަކުގައި އޭނާއަށް ގިނައިން ކެވިފައި ހުރީ ވެސް ދަތްތަކަށް ގެއްލުން ލިބޭ ކަހަލަ ކާނާ އެވެ. ފިޒީ އެއްޗެހި ބުއިމަށް އާދެވެފައިވާ ޖޭ ކުޑައިރުއްސުރެ ދަތް އުނގުޅުމަށް ސަމާލުކަން ނުދިނުމުގެ ސަބަބުން އޭނާގެ ދަތްތަކުން އޭގެ ހެކި ވަަރަށް ރަނގަޅަށް ފެންނަން ހުއްޓެވެ. އޭނާގެ ދަތްތައް ފަނިކަމުންދިޔަ ވަރަކަށް ޑެންޓިސްޓަކަށް ދައްކަން ވެސް ބިރުގަތެވެ. އޭނާގެ ދަތްތަކުގެ ހާލަތު އިތުރަށް ގޯސްވީ މި ސަބަބާ ހެދި އެވެ.

އެކަމަކު "އެމްބެރެސިން ބޮޑީޒް"ގެ އެޕިސޯޑެއްގައި ބައިވެރިވުމަށް ޖޭ އަށް ލިބުނު ހިތްވަރާ އެކު އޭނާގެ ދަތްތައް ޗެކްކުރުމުގެ ފުރުސަތު ޑެންޓިސްޓް ޖޭމްސް ރަސަލް އަށް ލިބުނެވެ. ޑރ. ޖޭމްސް ވިދާޅުވި ގޮތުގައި ޖޭގެ ހުރިހާ ދަތެއްގައި ވަނީ ކޮބަޑީގެ ފަށަލައެއް ލެވިފަ އެވެ. އަދި ދަތްތަކުގެ ދޭތެރެތަކަށް ވަދެ ހަރުލާފައި ހުރި ކާ އެއްޗެހި އެތައް އަހަރަކު އެހެން ހުރުމުގެ ސަބަބުން ހަރުވެފައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އެންމެ ކުރިން ޑެންޓަލް ހައިޖީނިސްޓަކީ ޖެހުނީ ޖޭގެ ދަތްތައް ވަރަށް ގަދަޔަށް ސާފުކޮށް ކޮބަޑިތައް ނައްޓާށެވެ. ދަތްތަކަށް ލިބިފައި ހުރި ގެއްލުން ބެލުނީ ވެސް އޭގެ ފަހުންނެވެ. އޭގެ ފަހުން ސީޓީ ސްކޭން ހަދައިގެން، އޭނާގެ ދަތްތަކަށް ލިބިފައި ހުރި ގެއްލުން ބެލިއިރު 11 ދަތެއް ހުރީ ރަނގަޅު ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެހެންވެ އެ ދަތްތައް ޖެހުނީ އުފުރާލާށެވެ.

ނަސީބަކުން ޖޭގެ ދަތްތައް ފަނިކައި ހަލާކުވެފައި ހުއްޓަސް ހިރުގަނޑުގެ އަޑީގައި ހުރި ބުޑުތައް ހުރީ ސަލާމަތުންނެވެ. އެހެންވެ މި ދަތްތަކުގެ ޑެންޓަލް އިމްޕްލާންޓް ހެދޭނެ ގޮތް މެދުވެރިވީ އެވެ.

ނަމަވެސް މިގޮތަށް ޖޭގެ ދަތްތަކަށް ފަރުވާ ކުރަން ފެށުމުގެ ކުރިން އޭނާއަށް ވައުދެއް ވާން ޖެހުނެވެ. އޭނާގެ ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް ކެއިން ބުއިމުގެ ކަންތައްތަކަށް ވެސް ބަދަލު ގެނައުމަށެވެ. ހަމައެއާއެކު ދަތްތައް ގަވާއިދުން އުނގުޅައި ސާފުކޮށް، ފޮނި އެއްޗެހި ކެއުމާއި ފިޒީ ޑްރިންކް ބުއިން މަދުކޮށްލުމެވެ.

މި ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޖޭ ވަނީ ފިޒީ ޑްރިންކް ބޯ މިންވަރު މަދުކޮށް ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ ވެސް ދަތް އުނގުޅަން އާދަކުރާނެކަމަށް ވައުދުވެފަ އެވެ.

މެޓަލް ޕޯސްޓްތަކެއް ހިރުގަނޑަށް ހެރުމަށްފަހު އުފުރި ދަތްތައް ހުރި ތަންތަނުގައި އާޓިފިޝަލް ދަތްތަކެއް ހަރުކުރި އެވެ. އެއާއެކު ޖޭގެ ސިފައަށް ބޮޑު ބަދަލެއް އައިތަން ފެނިގެން ދިޔަ އެވެ. އޭނާ ބުނި ގޮތުގައި މިހާރު އޭނާއަކީ ކުރިއަށް ވުރެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑު މީހެކެވެ.