Roadha Mihaaru
ޔާމީންގެ ގާތިލުންގެ ބަންދަށް 15 ދުވަސް

ޔާމީންގެ މަރުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދަށް 15 ދުވަސް އިތުރު ކޮށްފި

22 ޖޫން 2017

މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު ޔާމީން ރަޝީދު މަރާލަން އަމަލީ ގޮތުން ބައިވެރިވި ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރު ކޮށްދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު ޔާމީން ރަޝީދު މަރާލަން އަމަލީ ގޮތުން ބައިވެރިވި ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރު ކޮށްދީފި އެވެ.

ސ. ފޭދޫ، ޗަނބޭލީގޭ ޔާމީން 29، މަރާލަން އަމަލީ ގޮތުން ބައިވެރިވީ، ފުލުހުން ބުނެފައިވާ ގޮތުގައި، މ. ޠާއިފް އިސްމާއީލް ރަޝީދު، 25، އާއި ހ. އަންނާރު މާގޭ އިސްމާއީލް ހައިޝަމް ރަޝީދު، 21، އާއި މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއީލް އެވެ.

ފުލުހުން ބުނީ މި ތިން މީހުންގެ ބަންދަށް މިއަދު 15 ދުވަސް ޖެހީ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ. މި ތިން މީހުންނަކީ ވެސް މީގެ ކުރިން ކުށުގެ ރެކޯޑް ހުރި މީހުން ކަމަަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޔާމީން ރަޝީދުގެ މަރުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުން ހަތް މީހަކު ހައްޔަރު ކޮށްފައި އެބަ ތިއްބެވެ. އެމީހުން ޔާމީނަށް ހަމަލާދީ މަރާލީ ކޮން މަގްސަދެއްގައި ކަމެއް އަދި ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ޔާމީންގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލާފައި އޮތީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގެ، މ. ސުޕެޓިއުލާގެ ތިރީބުރީގައި ސިޑި އާއި ލިފްޓު ކައިރީގަ އެވެ. އޭނާގެ ހަށިގަނޑުގެ 32 އަށް ވުރެ ގިނަ ތަނަށް ވަޅި ހަރާފައިވެ އެވެ.