Roadha Mihaaru
އާ ރިސޯޓްތައް ހަދާނީ އެއާޕޯޓަށް އަމާޒުކޮށްގެން

އާ ރިސޯޓްތައް ހަދަނީ އެއާޕޯޓަށް އަމާޒުކޮށްގެން: މިނިސްޓަރު

23 ޖޫން 2016

ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހާއެކު އާ ރިސޯޓްތައް ހަދަން ހުޅުވާލާ މައިގަނޑު އެއް ސަބަބަކީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމާ އެކު ރާއްޖެ އަށް ގެންނަން ޖެހޭ ޓޫރިސްޓުންގެ އަދަދު ވެސް އިތުރު ކުރުމުގެ ގާބިލްކަން އޮތުމުން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހާ ގުޅޭ ގޮތުން މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއާޕޯޓް ތަރައްގީކޮށް ނިމޭއިރު މިހާރަށް ވުރެ އިތުރަށް ފަސް މިލިއަނެއްހާ ޓޫރިސްޓުން ގެންނަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން ރަށްތައް ހުޅުވާލާނީ އެއާޕޯޓަށް ބޭނުންވާ ވަރަށް ބަލައިގެން. ހަތް މިލިއަން ޕެސެންޖަރުންނަށް އެއާޕޯޓް ހެދުމަށްފަހު ދެ މިލިއަން ޕެސެންޖަރުން ގެންނާކަށް ވޯތެއް ނޫން،" ޒަމީރު ވިދާޅުވި އެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މެމްބަރު އީވާ އަބްދުﷲ ޓޫރިޒަމް މިނިސްޓަރު ޒަމީރާ މިއަދު ސުވާލުކުރައްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މެމްބަރު އީވާ އަބްދުﷲ ޓޫރިޒަމް މިނިސްޓަރު ޒަމީރާ މިއަދު ސުވާލުކުރައްވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު

މިނިސްޓަރު ވިދާޅުވީ އޭގެ އިތުރުން ޓޫރިޒަމް ތަރައްގީކުރަން ބޭނުންވާ ސަރަހައްދުތަކެއް ވެސް އެބަހުރި ކަމަށެވެ. އެގޮތުން ހދ. އަތޮޅަށް ޓޫރިޒަމް ފުޅާކުރުމަކީ މިހާތަނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

އަޅުގަނޑުމެން ބޭނުން ޓޫރިޒަމް ނެތް ސަރަހައްދުތަކަށް ފުޅާކުރަން. އެހެންވީމަ އިކުއިޒިޝަން ކޮސްޓް ވެސް އެ ސަރަހައްދުތަކަށް ކުޑަކުރަން ޖެހޭ، -- ޒަމީރު

"އަޅުގަނޑުމެން ބޭނުން ޓޫރިޒަމް ނެތް ސަރަހައްދުތަކަށް ފުޅާކުރަން. އެހެންވީމަ އިކުއިޒިޝަން ކޮސްޓް ވެސް އެ ސަރަހައްދުތަކަށް ކުޑަކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ޓޫރިޒަމް ފުޅާކުރާއިރު ސަރަހައްދީ އިތުރު އެއާޕޯޓްތަކެއް ހުޅުވަން ޖެހޭ ކަމަށެވެ. އެގޮތުން އުތުރުގެ ބައެއް ރަށްތަކުގައި އެއާޕޯޓް ހަދަން ނިންމާފައިވާކަން ދާދިފަހުން އިއުލާންކޮށްފައިވާ ކަމަށާއި އޭގެ އިތުރުން ގދ. އަތޮޅާއި ރ. އަދި މ. އަތޮޅުގައި އެއާޕޯޓް ހަދަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް ގާނޫނަށް އަލަށް ގެންނަ އިސްލާހާ ގުޅިގެން ބިޑް ނުކޮށް އެ އަހަރަކު އިއުލާންކުރާނެ ރަށްތައް ކަނޑައަޅާނީ ރައީސް އޮފީހުންނެވެ. އަދި އެ ރަށްތައް ދޫކުރާނީ ސަރުކާރުން ކަނޑައަޅާ ވަކި އިކުއިޒިޝަން ފީއެއް ދެއްކުމުން ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.