Roadha Mihaaru
ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި

ގާސިމް ހޮސްޕިޓަލުން ދޫކޮށްލައިފި

24 ޖުލައި 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ފަރުވާ އަށް ފަހު އޭޑީކޭ ހޮސްޕިޓަލުން މިއަދު ދޫކޮށްލައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ފަރުވާ އަށް ފަހު އޭޑީކޭ ހޮސްޕިޓަލުން މިއަދު ދޫކޮށްލައިފި އެވެ.

މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޭޑީކޭގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދެވި ގާސިމް ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އޭނާގެ އާލާސްކަންފުޅާ ގުޅޭ އިތުރު ތަފުސީލެއް އަދިއެއް ނުލިބެ އެވެ.

ގާސިމް އެންމެ ފުރަތަމަ އެޑްމިޓް ކުރީ މެޑިކާ ހޮސްޕިޓަލްގަ އެވެ. އޮފީހަށް ވަޑައިގަތުމަށްޓަކައި މި މަހުގެ 16 ވަނަ ދުވަހު މެންދުރު އޯކިޑްމަގުން ބަންޑާރަ މިސްކިތާ ހިސާބުން ކާރުން ފައިބައި ވަޑައިގެން ހިންގަވާފައި ވަނިކޮށް، ނޭވާ ކުރުވެ މެއަށް ތަދުވާން ފެށުމުން މެޑިކާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް ގާސިމް ސްރީ ލަންކާ އަށް ގެންދަން އާއިލާ އިން ނިންމި އެވެ. އެކަމަކު އެ ރޭ އެއާޕޯޓަށް ގެންދިޔައިރު، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން އިތުރު ފަރުވާ އަށް ގާސިމަށް ފުރާވަޑައިގެންނެވޭ ގޮތެއް ނުވި އެވެ. ދެން އޭނާ އޭޑީކޭ އަށް ގެންގޮސް ހާލު ބޮޑުވެގެން އައިސީޔޫގައި ފަރުވާ ދޭން ފެށީ އެވެ.

ގާސިމްގެ ނޭވާ ކުރުވެ، މެއަށް ތަދުވާން ފެށީ، އޮފީހަށް ވަޑައިގަތުމަށްޓަކައި އޯކިޑްމަގުން ބަންޑާރަ މިސްކިތާ ހިސާބުން ކާރުން ފައިބައި ވަޑައިގެން ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. އެހެންވެ އެތަނާ އެންމެ ކައިރީގައި ހުރި ސިއްހީ ޚިދުމަތް ދޭ ތަން ކަމަށްވާ މެޑިކާ ހޮސްޕިޓަލަށް ގާސިމް ވަޑައިގަތީ އެވެ.

އެނގިފައިވާ ގޮތުގައި މެންދުރު 12:45 ހާއިރު ގާސިމް މެޑިކާގައި އެޑްމިޓްކުރީ ނޭވާ ކުރުވެ، މެއަށް އުނދަގޫވާތީ ޑޮކްޓަރަށް ދެއްކެވުމަށް ވަޑައިގަތުމުންނެވެ. އަދި ހޮސްޕިޓަލަށް ވަޑައިގެންނެވިއިރު ވެސް ގާސިމްގެ ޕްރެޝަރު ހުރީ ވަރަށް މަތީގައި ކަމަށް އެނގިފައިވެ އެވެ.

ރާއްޖޭގައި ހެދެން ނެތް ހިތުގެ ސްކޭނެއް ވަރަށް އަވަހަށް ހަދަން އޭޑީކޭގެ ހިތުގެ ބަލިތަކާ ބެހޭ ޑޮކްޓަރު ޕްރަތީކް ސިންގް ވެސް ލަފާދެއްވި އެވެ. އެއީ ގާސިމަށް ކުރިމަތިވެފައިވާ ފުއްޕާމޭގެ މައްސަލަތަކާއި އީސީޖީގެ ރިޕޯޓްތަކުގައި ވެސް މައްސަލަތަކެއް ފާހަގަކުރެވޭތީ އެވެ. އެކަމަކު ސަރުކާރުގެ ހުއްދަ ނުލިބުމުން ގާސިމަށް މިހާތަނަށް ވެސް އިތުރު ފަރުވާ އަށް ބޭރަށް ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.

ގާސިމް މިއަދު ހޮސްޕިޓަލުން ދޫކޮށްލިއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވަން ކްރިމިނަލް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ. އެ މައްސަލައިގެ ކުރީގެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ ގާސިމް ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުންނެވެ.