Roadha Mihaaru
ހާލު ބޮޑުވެ ގާސިމް އަނެއްކާވެސް އެޑްމިޓްކޮށްފި

ހާލު ބޮޑުވެ ގާސިމް އަނެއްކާވެސް އެޑްމިޓްކޮށްފި

06 އޯގަސްޓް 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހާލުކޮޅު ސީރަސްވެ، އަނެއްކާވެސް މިއަދު ފަތިހުން ފެށިގެން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހާލުކޮޅު ސީރަސްވެ، އަނެއްކާވެސް މިއަދު ފަތިހުން ފެށިގެން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

ހިތުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ގާސިމަށް، މީގެ ކުރިން ވެސް ވަނީ އޭޑީކޭ އާއި މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފަ އެވެ. ގާސިމްގެ ހާލު ދުވަހެއް ދުވަހަކަށް، ދަށްވަމުން ދާތީވެ، އައިޖީއެމްއެޗްގެ ހިތުގެ ޑޮކްޓަރަކަށް ދެއްކުމުން އީޕީއޭ + އާރުއެފްޕީ ނަމަކަށް ކިޔާ އޮޕަރޭޝަނެއް ކުރުމަށް ލަފާ ދީފައިވާ ކަމަށް އޭނާގެ ވަކީލުން ބުނެފައިވެ އެވެ.

އެއީ ރާއްޖެ އިން ކުރެވެން ނެތް އޮޕަރޭޝަނަކަށް ވުމުން، ފަރުވާ ހޯދެއްވުމަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ތަކުރާރުކޮށް ހުއްދަ އަށް އެދިފައިވީ ނަމަވެސް ސަރުކާރުން އަދި އެ ހުއްދައެއް ނުދެ އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، އަހްމަދު ސަމީރު ވިދާޅުވީ އިއްޔެ އިން ފެށިގެން ގާސިމްގެ ހާލު ދަށްވަމުން ގޮސް، މިއަދު ހެނދުނު އެޑްމިޓްކުރީ ހާލު ވަރަށް ބޮޑަށް ސީރިއަސްވުމުން ކަމަށެވެ.

"ބޮލަށް އެނބުރުން އަރައިގެން، ވެއްޓޭވަރު ވީމަ ހޮސްޕިޓަލަށް ވަޑައިގަތީ ވެސް. އެ މަނިކުފާނުގެ ހިތްޕުޅުގެ އާލާސްކަންފުޅަށް ފަރުވާ ނުދެވި، ހާލު ދުވަހެއް ދުވަހަކަށް ދަށްވަމުން މިދަނީ،" ސަމީރު ވިދާޅުވި އެވެ.

ގާސިމް އެޑްމިޓް ކޮށްފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ވެސް މިއަދު ހެނދުނު 10:30 އަށް ވަނީ ތާވަލުކޮށްފަ އެވެ.

ގާސިމްގެ ހިތްޕުޅުގެ އާލާސްކަންފުޅު ބޮޑުވެ، މިދިޔަ މަހުގެ 16 ވަނަ ދުވަހު މެޑިކާގައި އެޑްމިޓް ކުރުމާ އެކު، އެ ދުވަހު ކޯޓު އަމުރެއް ހޯދައިގެން ފުލުހުން ވަނީ ގާސިމްގެ ޕާސްޕޯޓު ހިފަހައްޓައި، ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުން ވަނީީ މަނާކޮށްފަ އެވެ.

"ބޭސްފަރުވާ ކުރުމަކީ ކޮންމެ އިންސާނަކަށް ވެސް ލިބިގެންވާ ހައްގެއް. އެކަމަކު އެ ހައްގު ވެސް ނިގުޅައިގަންނަމުން ދާއިރު އެއްވެސް ރައްޔިތަކާ ދޭތެރޭ އިންސާނިއްޔަތު ކަމެއް ވެސް މި ސަރުކާރުން ނުގެންގުޅޭ. ބައްލަވާ، މެމްބަރު ސައުދުގެ މަންމަ އެ ނިޔާވީ، ރާއްޖެ އިން ބޭރަށް ފަރުވާ އަށް ދާން އުޅެނިކޮށް ސައުދު ބަންދުކޮށްފައި ހުއްޓާ،" ސަމީރު ވިދާޅުވި އެވެ.

ސަރުކާރުން މި ގޮތަށް އަމަލު ކުރަމުން ދިއުމަކީ އިންތިހާ އަށް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

ގާސިމްގެ ހާލުކޮޅާ ގުޅޭ ގޮތުން ވަކީލުން އިއްޔެ ނެރުނު ނޫސް ބުނީ ގާސިމްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖައާ ކޮށްދިނުމަށް އެދި، ކްރިމިނަލް ކޯޓުގެ ކޮންމެ އަޑުއެހުމެއްގައި އެދެމުން އަންނަ ކަމަށެވެ. އަދި އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އަޑުއެހުމުގައި، އައިޖީއެމްއެޗްގެ މެޑިކަލް ރިޕޯޓުތަކާއި ޑޮކްޓަރުގެ ލިޔުން ކޯޓަށް ހުށަހެޅުމުން އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ކޯޓުން ބުނެފައިވާ ކަމަށް ވެސް ބުންޏެވެ.

"ގާސިމް އިބްރާހިިމްގެ ހިތުގެ ކޮންޑިޝަނަކީ އަވަސް ފަރުވާއެއް ނުދެވިއްޖެނަމަ، ކުއްލިއަކަށް ފުރާނަ އަށް ނުރައްކަލެއް ދިމާވެދާނެ ހާލަތެއް މެދުވެރިވާ ފަދަ ކަމަކަށްވާތީ، ކްރިމިނަލް ކޯޓުގެ، ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު މުރާޖައާ ކޮށްދެއްވައި، ސަރުކާރު ހޮސްޕިޓަލް، އައިޖީއެމްއެޗުން ދެއްވާފައިވާ ލިޔުމުގައި އޮތް ލަފައާ އެއްގޮތަށް އަމަލު ކުރުމަށް މަގު ފަހި ކޮށްދެއްވުން އެދި، ކްރިމިނަލް ކޯޓަށް އަވަސް ސިޓީއެއް އިއްޔެ ވާނީ ހުށަހަޅައިފަ އެވެ" ބަޔާނުގައިވެ އެވެ.