Roadha Mihaaru
މޮރީނިއޯ ހެދި ގޯސް ހަދަން ބޭނުމެއް ނޫން: ކޮންޓޭ

މޮރީނިއޯ ހެދި ގޯސް ހަދަން ބޭނުމެއް ނޫން: ކޮންޓޭ

30 ޖުލައި 2017

ލަންޑަން (ޖުލައި 30) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައި ޖެހިގެން އައި ސީޒަނުގައި ހޯސޭ މޮރީނިއޯ ހެދި ކަހަލަ ގޯހެއް ހަދަން ބޭނުންނުވާ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖުލައި 30) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައި ޖެހިގެން އައި ސީޒަނުގައި ހޯސޭ މޮރީނިއޯ ހެދި ކަހަލަ ގޯހެއް ހަދަން ބޭނުންނުވާ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

މޮރީނިއޯ ވަނީ ޗެލްސީއާ އެކު 2014/15 ވަނަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ. އެހެން ނަަމަވެސް ޖެހިގެން އައި ސީޒަނުގައި އޭނާގެ ކޯޗުކަމުގައި ޗެލްސީން ލީގުގައި ކުޅުނު ފުރަތަމަ 12 މެޗުން ލިބުނީ 10 ޕޮއިންޓެވެ. ނަތީޖާ ދަށްވުމުން ޗެލްސީން ވަނީ މޮރީނިއޯ ވަކިކޮށްފަ އެވެ. ޗެލްސީ އެ ސީޒަން ނިންމާލީ 10 ވަނައިގަ އޮވެ އެވެ.

މިދިޔަ ސީޒަނުގައި ޗެލްސީއާ ހަވާލުވެ ފުރަތަމަ ސީޒަނުގައި ކޮންޓޭ ވަނީ އެޓީމާ އެކު ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ. ސިންގަޕޫރުގައި އިއްޔެ އިންޓަ އަތުން 2-1 އިން ބަލިވި މެޗަށް ފަހު ކޮންޓޭ ބުނީ އުނދަގޫ ސީޒަން އަބަދުވެސް ކުރިމަތިވާނީ ޗެމްޕިއަންކަން ހޯދުމަށް ފަހު ކަމަށެވެ.

"ކުރިއަށް އޮތް ސީޒަނުގެ އުނދަގޫކަން އަހަންނަށް އެނގޭ. ހުރިހާ ޓީމެއް ވެސް އަހަރެމެންނަަށް ސަމާލުވާނެ. މޮރީނިއޯ ހެދި ގޯސް ތަކުރާރުކުރަން ބޭނުމެއް ނޫން،" ކޮންޓޭ ބުންޏެވެ.

ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ދެ ކޯޗުން ކަމަށްވާ މޮރީނިއޯ އާއި ލެސްޓާ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ވަނީ ޖެހިގެން އައި ސީޒަނުގައި މަގާމުން ދުރުކޮށްފަ އެވެ. ކޮންޓޭ ބުނީ މިއީ ވެސް އޭނާ ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

"އަހަރެން އަމިއްލަ ނަފްސަށް ވިސްނަންޏާ ބޭނުންވަނީ ފާއިތުވި ދެ ސީޒަނުގައި ވެދިޔަ ކަންތައް ތަކުރާރު ވިޔަ ނުދެން. އެއީ ޗެމްޕިއަންކަން ހޯދި ދެ ކޯޗުންނަށް ވަޒީފާ ގެއްލިއްޖެ. އަހަރެން ބޭނުމެއް ނޫން އެ ލިސްޓަށް އިތުރުވާން،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިންގެ އަގު ހީނުކުރާ ވަރަށް އުފުލިގެން ގޮސްފި ކަމަށާއި ބޭނުންވަނީ ދައްކާ އަގުގެ ބަދަލު ދެވޭނެ ފެންވަރުގެ ކުޅުންތެރިންނަށް ބޮޑު ހަރަދުކުރަން ކަމަށެވެ.

ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލް މެޑްރިޑްގެ އަލްވާރޯ މޮރާޓާގެ އިތުރުން މަލާގާ އާއި ސިޓީގެ ކުރީގެ ކީޕަރު ވިލީ ކަބަލޭރޯ، ރޯމާގެ ޑިފެންޑަރު އެންޓޯނިއޯ ރުޑީގާ އަދި މޮނާކޯގެ މިޑްފީލްޑަރު ޓިއެމް ބަކަޔޯކޯ ގެނެސްފަ އެވެ.