Roadha Mihaaru
އިއްސެގެ މަރުގެ މައްސަލާގައި ދައުވާ ކުރަން ޕީޖީއަށް

އިއްސެގެ މަރުގެ މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި

30 ޖުލައި 2017

ހއ. އިހަވަންދޫ އައިސްޕްލާންޓު ހިންގާ އިމާރާތުގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު އިސްމާއިލް އުމަރު (އިއްސެ)ގެ މަރުގެ މައްސަލާގައި ހިމެނޭ ފަސް މީހުންނަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހއ. އިހަވަންދޫ އައިސްޕްލާންޓު ހިންގާ އިމާރާތުގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު އިސްމާއިލް އުމަރު (އިއްސެ)ގެ މަރުގެ މައްސަލާގައި ހިމެނޭ ފަސް މީހުންނަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ފަސް ބިދޭސީންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ކުރަނީ ކޮން ދައުވާއެއް ކަމެއް ނުބުނެ އެވެ.

އައިސްޕްލާންޓްގައި މެކޭނިކެއްގެ ވަޒީފާގައި އުޅުނު އުމުރުން 54 އަހަރުގެ އިއްސެގެ މަރާ ގުޅިގެން، އެތަނުގައި އޭނާއާ އެކު މަސައްކަތްކުރި ބަންގްލަދޭޝް މީހަކާއި އިތުރު ބިދޭސީންތަކެއް ހައްޔަރުކުރި އެެވެ. ވަޅިން ހަމަލާދީ އިއްސެ މަރާލި ކަމަށް އޭނާއާ އެކު މަސައްކަތް ކުރި ޝުމޮން މިއާ ވަނީ ތަހުގީގުގައި އެއްބަސްވެފަ އެވެ.

މިދިޔަ ޖޫން މަހުގެ ފަހުކޮޅު ހިންގި މި ގަތުލާ ގުޅިގެން ފުލުހުން ފަސް މީހުން ހައްޔަރުކޮށްފައި ވެ އެވެ.

އައިސް ޕްލާންޓު ހިންގުމާ ވެސް ހަވާލުވެ ހުރި އިއްސެ ޒަހަމްތަކާ އެކު މަރާލާފައި އޮއްވައި ފެނުނީ ފުލުހުން ގޮސް ދޮރު ހަލާކުކޮށްލައިގެން ވަދެ އޭނާ ހޯދަމުން ދަނިކޮށެވެ. ޅ. ހިންނަވަރަށް އުފަން އިއްސެ ފެނުނީ އައިސް ޕްލާންޓް ތެރޭގައި ސިމެންތިން ހަދާފައި ހުރި ހަނި ބައެއްގެ ތެރެއިންނެވެ.