Roadha Mihaaru
އަގުއޭރޯ އާއި ގްރީޒްމަން ބަދަލުކުރަން ސިޓީން ވިސްނަނީ

އަގުއޭރޯ އާއި ގްރީޒްމަން ބަދަލުކުރަން ސިޓީން ވިސްނަނީ

25 ޖެނުއަރީ 2018

މެންޗެސްޓާ (ޖެނުއަރީ 25) - މެންޗެސްޓާ ސިޓީން އެ ޓީމަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އާއި އެތުލެޓިކޯ މެޑްރިޑްގެ އެންޓޮއިން ގްރީޒްމަން ބަދަލުކުރުމަށް ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ޖެނުއަރީ 25) - މެންޗެސްޓާ ސިޓީން އެ ޓީމަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އާއި އެތުލެޓިކޯ މެޑްރިޑްގެ އެންޓޮއިން ގްރީޒްމަން ބަދަލުކުރުމަށް ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސިޓީން މި ސީޒަން ފެށުމުގެ ކުރިންނާއި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ ބޮޑަށް ފާރަލި ކުޅުންތެރިޔަކީ ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި އަލެކްސިސް ސަންޗޭޒް އެވެ. މި ސީޒަން ފެށުމުގެ ކުރިން ސަންޗޭޒަށް ސިޓީން 60 މިލިއަން ޕައުންޑުގެ ބިޑެއް ކުރި ނަމަވެސް އޭރު އެ ޓްރާންސްފާ ނުހިނގީ އާސެނަލުން އެއްބަސްނުވުމުންނެވެ.

މި ފަހަރުގެ ޓްރާންސްފާގައި ސިޓިން ސަންޗޭޒް ހޯދުމުގެ ރޭހުން ބޭރުވީ އޭނާ ކިޔާ މުސާރަ ބޮޑުވުމުންނެވެ. އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެއް ކުޅުންތެރިޔަކަށް ވުރެ މުޅި ޓީމުގެ މަސްލަހަތު މުހިއްމު ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އަގުއޭރޯ ހޯދުމަށް އެތުލެޓިކޯ އިން މި ސީޒަނުގެ ކުރިން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް އޭރު ސިޓީން އަގުއޭރޯ ދޫކޮށްލަން އެއްބަސްނުވީ ސަންޗޭޒް ނުލިބޭތީ އެވެ.

ބީޓީ ސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ސިޓީގެ ވިސްނުން މިހާރު ހުރީ ގްރީޒްމަން އަށެވެ. އަދި މި ސީޒަނަށް ފަހު ގްރީޒްމަން ހޯދުމަށް އެތުލެޓިކޯއާ ސިޓީން މަޝްވަރާކުރާނެ އެވެ. ސިޓީގެ ހުށަހެޅުމަކީ އަގުއޭރޯ އާއި ގްރީޒްމަން ބަދަލުކުރުމެވެ. އަދި ސިޓީން އޮތީ ގްރީޒްމަން އަށް ހަފްތާ އަކު މުސާރައިގެ ގޮތުގައި 560،000 ޕައުންޑް ދޭން ތައްޔާރަށެވެ.

ސްޕެއިނާއި ފްރާންސްގެ މީޑީއާތަކުން ރިޕޯޓްކުރާ ގޮތުގައި ގްރީޒްމަން ވަނީ މި ސީޒަނަށް ފަހު ބާސެލޯނާ އަށް ބަދަލުވުމަށް ނިންމައިފަ އެވެ. މި ކަމާ ގުޅިގެން އެތުލެޓިކޯ އިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ބާސެލޯނާ އިން ވަނީ އެކަން ދޮގުކޮށް ބަޔާނެއް ނެރެފަ އެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ ގާތް ފަރާތަކާ ހަވާލާދީ އާޖެންޓީނާގެ މީޑިއާ އަކުން ދާދި ފަހުން ރިޕޯޓްކުރި ގޮތުގައި ގްރީޒްމަން ވަނީ ސިމިއޯނީ ގާތުގައި ބާސެލޯނާ އަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެފަ އެވެ.

އުމުރުން 26 އަހަރުގެ ގްރީޒްމަން އެތުލެޓިކޯގެ ކޮންޓްރެކްޓްގައި ހުރީ އޭނާ އިހުތިޔާރުކުރާ ކްލަބަކުން 100 މިލިއަން ޔޫރޯ ހުށަހަޅައިފިނަމަ އޭނާ އަށް އެ ޓީމު ދޫކޮށްލެވޭ ގޮތަށެވެ.

ގްރީޒްމަން ހޯދުމުގެ ރޭހުގައި މެންޗެސްޓާ ޔުނައިޓެޑް ވެސް ވަނީ އުޅެފަ އެވެ. އެހެން ނަމަވެސް ސަންޗޭޒް އެ ޓީމަށް ގެނައުމާ އެކު މީޑިއާގައި ގްރީޒްމަން އާއި ޔުނައިޓެޑްގެ ވާހަކަތައް ވަނީ މަދުވެފަ އެވެ.