Roadha Mihaaru
މާފުށިން ހައްޔަރު ކުރި ކުއްޖާ ދޫކޮށްލީ ހެކި ނެތިގެން

ފުލުހަކަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރުކުރި ކުއްޖާ ދޫކޮށްލީ ހެކި ނެތިގެން

06 އޯގަސްޓް 2017

މާފުށީގައި ފުލުހެއްގެ ގަޔަށް ވަޅި ހެރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނުނު ކުޑަކުއްޖާގެ ބަންދުގެ މުއްދަތު ޖުވެނައިލް ކޯޓުން އިތުރު ނުކޮށް ރޭ ދޫކޮށްލީ މައްސަލައާ އެ ކުއްޖާއާ ގުޅުން ހުރި ކަމުގެ ހެކި ފުލުހުން ހުށަހަޅާފައި ނެތުމުންކަން އެނގިއްޖެ އެވެ.

މާފުށީގައި ފުލުހެއްގެ ގަޔަށް ވަޅި ހެރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނުނު ކުޑަކުއްޖާގެ ބަންދުގެ މުއްދަތު ޖުވެނައިލް ކޯޓުން އިތުރު ނުކޮށް ރޭ ދޫކޮށްލީ މައްސަލައާ އެ ކުއްޖާއާ ގުޅުން ހުރި ކަމުގެ ހެކި ފުލުހުން ހުށަހަޅާފައި ނެތުމުންކަން އެނގިއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ލޯންޗެއްގައި މާފުއްޓަށް ގޮސް، ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅެނިކޮށް އަތުލައިގަތް މީހުންގެ ތެރޭގައި ހިމެނުނު އެ ކުއްޖާ އަކީ ލޯންޗުގެ ފަޅުވެރިއެކެވެ. ޖަލަށް ވައްދަން އެއްޗެހިތައް ގެންދިޔަ މީހުންނާ އެ ކުއްޖާއާ އެއްވެސް ގުޅުމެއް އޮތް ކަމުގެ ހެއްކެއް ފުލުހުން ޝަރީއަތަށް ހުށަހަޅާފައި ނުވާ އިރު އެ ކުއްޖާ އަކީ ލޯންޗުގެ ފަޅުވެރިއެއް ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ވެސް ވަނީ ކޯޓުގައި ބުނެފަ އެވެ.

މި ކުއްޖާ އަކީ މުޖުތަމައަށް ނުރައްކާތެރި ކުއްޖެއް ކަމަށާއި ހެކި ފޮރުވަން މަސައްކަތް ކޮށްފާނެ ކަމަށް ފުލުހުން ކޯޓުގައި ބުނި ނަމަވެސް، ފުލުސް މީހާ އަށް ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި ފުލުހުން ވަނީ އެ ސަރަހައްދުގެ މޫދު އަޑިން ހޯދައިފަ އެވެ. އަދި އެ ކުއްޖާގެ ފަރާތުން މުޖްތަމައަށް ނުރައްކާވަނީ ކޮން ގޮތަކުން ކަމެއް ވެސް ފުލުހުން ބުނެފައެއް ނުވެ އެވެ. ކުއްޖާ ދޫކޮށްލި ނަމަވެސް، ޖަލަށް އެއްޗެހި ވައްދަން އުޅުނު މީހުން ގޮވައިގެން ދިޔަ ލޯންޗުގެ ކެޕްޓަން ވެސް ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުން އެ ކުއްޖާ ވަނީ، ލޯންޗުގައި ދަތުރުކުރި މީހުންނަކީ ކޮން ބައެއްކަން ނޭނގޭ ކަމަށާއި ހާދިސާ ހިނގި އިރު ލޯންޗުގައި ހުރީ ފަޅުވެރިއެއްގެ ގޮތުގައި އެ ލޯންޗުގައި މަސައްކަތްކުރާތީ ކަމަށް ކޯޓުގައި ބުނެފަ އެވެ.

ރައްޒާނަށް ހަމަލަ ދިން އަޒްހަރު. - ފޮޓޯ: ޕޮލިސް

ރައްޒާނަށް ހަމަލަ ދިން އަޒްހަރު. - ފޮޓޯ: ޕޮލިސް

މޮބައިލް ފޯނާއި ފޯނު ޗާޖަރާއި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގޯނިތަކެއްގައި ގެންގޮސް ޖަލަށް ވައްދަން އުޅެނިކޮށް ފުލުހުން ވަނީ އެކަން ހުއްޓުވައިފަ އެވެ. އެ މީހުން ހުއްޓުވަން އުޅުނު ފުލުހުންގެ ތެރޭގައި ހިމެނުނު އަލީ ރައްޒާނުގެ ގަޔަށް ވަޅި ހެރުމުގެ ސަބަބުން އޭނާ އަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ. ރައްޒާނަށް ހަމަލާ ދީފައި ވަނީ ލޯންޗުން މޫދަށް ފުންމާލައިގެން ރަށަށް އަރަން އުޅުނު މީހަކު ހިފަހައްޓަން އުޅެނިކޮށެވެ.

ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅުމާއި ފުލުހަކަށް ހަމަލާ ދިން މައްސަލައިގައި ކުޑަ ކުއްޖާގެ އިތުރުން 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކުރި އެވެ. ފުލުހުން ބުނި ގޮތުގައި ފުލުސް މީހާ އަށް ހަމަލާ ދިނީ އަޒުހަރު އިބްރާހިމް، 32، އެވެ. އޭނާ އަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.