Roadha Mihaaru
"ފުލުހުންނަށް އަމާޒުކޮށް ނުރައްކާތެރި ކަންކަން ހިންގާ"

ސިޔާސީ ބޭނުމުގައި ފުލުހުންނަށް އަމާޒުކޮށް ނުރައްކާތެރި ކަންކަން އެބަ ހިންގާ: ސީޕީ އަރީފް

06 އޯގަސްޓް 2017

ސިޔާސީ މަގުސަދު ހާސިލް ކުރުމުގެ ބޭނުމުގައި ވަކިވަކި ފުލުހުންނަށް އަމާޒުކޮށް ނުރައްކާތެރި ނޭއްގާނީ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިޔާސީ މަގުސަދު ހާސިލް ކުރުމުގެ ބޭނުމުގައި ވަކިވަކި ފުލުހުންނަށް އަމާޒުކޮށް ނުރައްކާތެރި ނޭއްގާނީ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

މާލެ އިން މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅުނު ބަޔަކު ހިފަހައްޓަން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފުލުސް ކޮންސްޓަބަލް އަލީ ރައްޒާނަން ވަޅިން ހަމަލަ ދީ ޒަހަމް ކޮށްލުމާ ގުޅިގެން، ސީޕީ އަރީފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެ، ފުލުހުންނަށް ހަމަލާ ދިނުމަށް ގޮވާލަން ފެށުމާއެކު، ގަސްދުގައި ފުލުހުންނަށް ހަމަލާ ދިނުމަކީ މީގެ ކުރިން ހިނގާފައިވާ ކަމެއް ކަމަށެވެ. މީގެ ކުރިން ވެސް އެގޮތަށް ހިތާމަވެރި އެތައް ހާދިސާއެއް ހިނގި ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރައްޒާންގެ އާއިލާގެ މެމްބަރުންނާ ޕޮލިސް ކޮމިޝަނަރު މިއަދު ބައްދަލުކުރައްވަނީ. - ފޮޓޯ: ޕޮލިސް

ރައްޒާންގެ އާއިލާގެ މެމްބަރުންނާ ޕޮލިސް ކޮމިޝަނަރު މިއަދު ބައްދަލުކުރައްވަނީ. - ފޮޓޯ: ޕޮލިސް

"މިގޮތުން ކާށިދޫގައި ހުރި ކުށްވެރިޔަކު 2012 ވަނަ އަހަރު ޖުލައި މަހުގެ 23 ވަނަ ދުވަހު ޕޮލިސް ސާޖަންޓް އާދަމް ހަލީމަށް ހަމަލާދީ ކާށިދޫގައި އޭނާ ޝަހީދުކޮށްލާފައިވެ އެވެ. އެއީ ވެސް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ފުލުހުންގެ މުއައްސަސާއަށާއި ވަކިވަކި ފުލުހުންނަށް ހަޖުލާއި ރުޅި އާއި ނަފްރަތުގެ ބަސްތައް އޮއްސަމުން ދިޔަ ދުވަސްވަރެކެވެ،" ފުލުހުންގެ އެންމެ އިސްވެރިޔާ އަރީފްގެ ބަޔާނުގައި ވެ އެވެ.

އޭނާ ވިދާޅުވީ ފުލުހުންނަށް އަމާޒުކޮށް ނޭއްގާނީ ހަރަކާތްތަކެއް ހިންގަނީ ރައްޔިތުންގެ ގެދޮރާއި މުދަލާއި ފުރާނައިގެ ރައްކާތެރިކަމަށްޓަކައި ފުލުހުން ރެއާއި ދުވާލު އަދާކުރާ ގާނޫނީ ވާޖިބުގެ ހަނދާންކޮށް ޝުކުރުވެރިވުމުގެ ބަދަލުގައި ކަމަށެވެ.

އަރީފް ވިދާޅުވި ގޮތުގައި ކޮންމެ ފުލުހެއްގެ ހަކަތަ އާއި ޚިދުމަތާއި އަޒުމު ހޭދަކުރަނީ ދިވެހި ގައުމަށެވެ. އަދި ފުލުހުން މަސައްކަތް ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ހޯދައި، މަސްތުވާތަކެއްޗާއި މާރާމާރީ އާއި އެ ނޫން ވެސް ގާނޫނާ ހިލާފު ހުރިހާ ކަމަކުން މުޖުތަމައު ސަލާމަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އެކިކަންކޮޅުގައި ރެއާއި ދުވާލު ފުލުހުން އަދާކުރާ ގައުމީ ވާޖިބަކީ މި އެވެ. އޭގެ ސަބަބުން އަމާންކަމާއި ރައްކާތެރިކަން ލިބެނީ ހަމަ ދިވެހި ރައްޔިތުންނަށެވެ. ދިވެހި ފުލުހުންނަކީ އެ ރައްޔިތުންގެ ދަރީންނެވެ. ވީމާ މިއީ އެއް އާއިލާއެކެވެ،" އަރީފް ވިދާޅުވި އެވެ.

ރައްޒާނަށް ހަމަލަ ދިން އަޒްހަރު. - ފޮޓޯ: ޕޮލިސް

ރައްޒާނަށް ހަމަލަ ދިން އަޒްހަރު. - ފޮޓޯ: ޕޮލިސް

އޭނާ ވިދާޅުވީ ގާނޫނާ ޚިލާފަށް މާފުށީ ޖަލަށް ބަޔަކު އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަނާކޮށްފައިވާ ތަކެތި އަތުލުމަށް ހިންގި އޮޕަރޭޝަންގައި އުމުރުން 19 އަހަރުގެ ރައްޒާނަށް ގަސްދުގައި ދިނީ ލާއިންސާނީ ހަމަލާއެއް ކަމަށެވެ. ރައްޒާނުގެ ފުރާނަ އަށް ނުރައްކާވާ ފަދަ ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވެސް އަރީފް ވިދާޅުވި އެވެ.

މާލޭގައި ގިނަ އަދަދެއްގެ މާރާމާރީތަކެއް ހިނގައި ދާދި ފަހުން ދެ ޒުވާނަކު މަރާލި މައްސަލައަށް އިޝާރާތް ކުރައްވައި އަރީފް ވިދާޅުވީ މީހުންގެ ޖާނާއި ފުރާނައަށް ގެއްލުންވެ، ހިނގައިދިޔަ ކަންކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.

"ފުލުހުން، ފުލުހުންގެ ވާޖިބު އަދާކުރާނެ އެވެ. ފަހެއް ނުޖެހޭނެ އެވެ. ކުރިއަށް ހިނގާނެ އެވެ. އަޒުމާއި ހިތްވަރު ނެރޭނެ އެވެ. އެއީ މާތްވެގެންވާ އިސްލާމް ދީނުގެ ނޫރުން ނޫރު ލިބިގެންނެވެ. ދިވެހި ގައުމު ދެކެ ލޯބިވި ކާބަފައި ބަތަލުންގެ ރޫޙުން ރޫހު ދިރިގެންނެވެ. ގާނޫނަށް ތަބާވުމާއި ގާނޫނު ނެގެހެއްޓުމަކީ އުފަލެއް ކަމުގައި ދެކިގެންނެވެ،" ފުލުހުންނަށް މަދަދު ވެރިވުމަށް ގޮވާއްލައްވާ އަރީފް ނެރުއްވި ބަޔާނުގައިވެ އެވެ.

އަރީފް ވިދާޅުވި ގޮތުގައި މާފުށީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ރައްޒާނު ދައްކައިދިނީ ދިވެހި ފުލުހެއްގެ ފުރިހަމަ އަޒުމާއި ހިތްވަރާއި ހިންމަތެވެ. ފުލުހުންގެ ޚިދުމަތަކީ ނުރައްކާތެރި ނަމަވެސް މި ހިދުމަތުގެ ސަބަބުން އެތައް ރައްޔިތުންނަކަށް ރައްކާތެރިކަން ދެވޭ އަގުހުރި ޚިދުމަތެއް ކަން ރައްޒާން ދައްކައިދިން ކަމަށް ސީފީ އަރީފް ވިދާޅުވި އެވެ.

"ހަތިޔާރުގެ ކުރިމައްޗަށް ފުން ވިލުދޮޅިއެއްގެ އަނގަމައްޗަށް ރޭގަނޑު ދަންވަރު ފުންމާލައި ތިޔަ ދެއްކެވި ސާބިތުކަމަށްޓަކައި ރައްޒާނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަމެވެ. އަދި އުމުރުން އެންމެ 19 އަހަރުގައި ދިވެހި ޒުވާނެއްގެ ހައިސިއްޔަތުން ވަކިން ހާއްސަކޮށް ދިވެހި ފުލުހެއްގެ ހައިސިއްޔަތުން ތިޔަ ދެއްކި ނަމޫނާއަށް ފަހުރުވެރިވަމެވެ،" ބަޔާން ނިންމަވާލައްވަމުން އަރީފް ވިދާޅުވި އެވެ.

ރައްޒާނަށް އިއްޔެ ރޭ މެންދަމު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އަޒުހަރު އިބްރާހިމް 32، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރި ކުޑަކުއްޖާ ޖުވެނައިލް ކޯޓުން ދޫކޮށްލާފައިވާއިރު، އަނެއް ދެ މީހުންގެ ބަންދަށް ވަނީ ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ.