Roadha Mihaaru
ފުލުހަކަށް ވަޅިން ހަމަލާ ދިނުމުން ޒަޚަމްވެ އައިސީޔޫގައި

ފުލުހަކަށް ވަޅިން ހަމަލާ ދިނުމުން ޒަޚަމްވެ އައިސީޔޫގައި

05 އޯގަސްޓް 2017

މާލެއިން މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅޭ ކަމަށް ތުހުމަތުކުރެވިގެން އެ މީހުން ހިފަހައްޓަން އުޅުނު ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަަބަބުން ޒަހަމްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިިފި އެވެ.

ފުލުހުން ބުނީ ފުލުސް މީހާ ގަޔަށް އެއްޗެއް ހަރައި ޒަހަމްކޮށްލީ ލޯންޗުން ފުންމާލައިގެން މާފުއްޓަށް އަރަން އުޅުނު މީހަކު ހިފަހައްޓަން އެހެން ފުލުހުންތަކަކާ އެކު މަސައްކަތްކުރަނިކޮށް ކަމަށެވެ. ހަމަލާގައި ޒަހަމް ވެފައި ވަނީ މާފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކޮންސްޓަބްލް އަލީ ރައްޒާނެވެ. ވަޅި ހެރިފައި ވަނީ ރައްޒާންގެ ކުރިމަތިން ވާތު ކޮނޑާއި މެޔާ ދޭތެރެއަށް ކަމަށް ފުލުހުން ބުންޏެވެ.

ރޭ ދަންވަރު ހިންގި މި އޮޕަރޭޝަންގައި ބައިވެރިވި މި ފުލުސް މީހާ ޒަހަމްކޮށްލި ނަމަވެސް ލޯންޗާއި ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ބުންޏެވެ. އެއީ ރައްޒާނަށް ހަމަލާ ދިން މީހާ އާއި ލޯންޗުގެ ކެޕްޓަނާއި ލޯންޗުގައި ތިބި އިތުރު ދެ މީހެކެވެ. ހައްޔަރުކޮށްފައި ވަނީ 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ.

ޒަހަމްވި ފުލުސް މީހާ ކަރެކްޝަނަލް ސާވިސްގެ އެހީތެރިކަމާ އެކު މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ވަނީ، ޖަލަށް ވައްދަން އުޅުނު އެއްޗެހިތައް ވެސް އަތުލައިގެންފަ އެވެ. ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާ ވަރަކުން މި މައްސަލައިގެ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.