Roadha Mihaaru
ރައްޒާނަށް ހަމަލަދިން މީހާ ޝަރީއަތް ނިމެންދެން ބަންދު

ރައްޒާނަށް ހަމަލަދިން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

06 އޯގަސްޓް 2017

ފުލުސް ކޮންސްޓަބަލް އަލީ ރައްޒާނަށް ރޭ މެންދަމު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އަޒުހަރު އިބްރާހިމް، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ފުލުސް ކޮންސްޓަބަލް އަލީ ރައްޒާނަށް ރޭ މެންދަމު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި އަޒުހަރު އިބްރާހިމް، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ކުށުގެ ރިކޯޑު އޮންނަ އަޒުހަރު 32، ގެ އިތުރުން މި މައްސަލާގައި ހައްޔަރުކުރި އަނެއް ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖާ، ޖުވެނައިލް ކޯޓުން މިރޭ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ކުޑަކުއްޖާ ދޫކޮށްލީ ބަންދުގެ މުއްދަތު ޖެހުމަށް ޖުވެނައިލް ކޯޓަށް ގެންދިއުމުން ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލާގައި އަޒުހަރުގެ އިތުރުން ބަންދުގައި މިހާރު ތިބީ އުމުރުން 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެކެވެ.

މާފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ރައްޒާނަށް ހަމަލަދިނީ މާލެ އިން މާފުއްޓަށް ދިޔަ ލޯންޗަކުން ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން އެ މީހުން ހިފަހައްޓަން އުޅުމުގެ ތެރޭގަ އެވެ. އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދޭއިރު، ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނިގޮތުގައި ރައްޒާނަށް ހަމަލަ ދިން ހ. ކުއްޅަވައްމާގޭ އަޒުހަރަކީ ތަފާތު އެކި ކުށްތަކުގައި ޝާމިލްވެ އެތައް ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރު ކުރި މީހެއް ކަމަށެވެ. އަޒުހަރު އަތުން ފެނުނު ދެ ގޯނީގެ ތެރެއިން ގިނަ އަދަދެއްގެ ފޯނާއި ޗާޖަރާއި ބެޓެރީ އާއި ހެޑް ސެޓް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި ރޭ ދަންވަރު މާފުއްޓަށް ކައިރި ކުރި ލޯންޗުން ފުންމާލައިގެން އަޒްހަރު މަސައްކަތް ކުރީ މާފުއްޓަށް އެ ތަކެތި ވެއްދުމަށެވެ. އެކަމަކު، އެ މީހުން ހުއްޓުވުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ހަރަކާތްތެރިވި ކޮންސްޓަބަލް ރައްޒާނުގެ ވާތް ފަރާތު، ކުރިމަތިން ކޮނޑާ ދިމާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމަށް ފުލުހުން ބުންޏެވެ.

ރައްޒާންގެ ހާލު ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާއި ޕޮލިސް ކޮމިޝަނާ އަހުމަދު އަރީފް މިއަދު ވަނީ ބައްލަވާލައްވައިފަ އެވެ. އަދި މި ތިން ބޭފުޅުން ވަނީ ރައްޒާންގެ އާއިލާގެ މެމްބަރުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ.