Roadha Mihaaru
ޖަވާބެއް ނުލިބުމުން އިދިކޮޅު ފަރާތްތަކުން ޕީޖީ އޮފީހަށް

ސިޓީގެ ޖަވާބެއް ނުލިބުމުން އިދިކޮޅު ފަރާތްތަކުން ޕީޖީ އޮފީހަށް

07 އޯގަސްޓް 2017

ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްއާ ބައްދަލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ފޮނުވި ސިޓީއަށް މިހާތަނަށް ވެސް ޖަވާބެއް ނުލިބުމުން، އެ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ބައެއް އިސްވެރިން ޕީޖީ އޮފީހަށް މިއަދު ވަޑައިގެންފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްއާ ބައްދަލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ފޮނުވި ސިޓީއަށް މިހާތަނަށް ވެސް ޖަވާބެއް ނުލިބުމުން، އެ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ބައެއް އިސްވެރިން ޕީޖީ އޮފީހަށް މިއަދު ވަޑައިގެންފި އެވެ.

ބިޝާމްގެ އެޕޮއިންޓްމެންޓަކަށް އެދި، އިދިކޮޅު ފަރާތްތަކުން ސިޓީ ފޮނުވާފައިވަނީ މިދިޔަ މަހު 30ގަ އެވެ. އެކަމަކު އެކަމާ ގުޅޭގޮތުން އެއްވެސް ޖަވާބެއް ނުލިބުމުން، އިދިކޮޅު ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންހެން އެ އޮފީހަށް މިއަދު ވަޑައިގެންނެވި އެވެ.

އޭގެ ތެރޭގައި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ވެސް އެ ޕާޓީތަކުގެ އެހެން އިސްވެރިން ހިމެނެ އެވެ.

ޕީޖީ އޮފީހަށް ވަޑައިގަތުމަށް ފަހު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިޝާމްއާ ބައްދަލުވާނެ ދުވަހެއް، މިއަދު ނުވަތަ މާދަމާ އަންގާނެ ކަމަށް އެތަނުން ބުނި ކަމަށެވެ.

ބިޝާމްގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރުމަށް ވެސް އިދިކޮޅު ފަރާތްތަކުން އެ ދުވަހު ވަނީ ސިޓީ ފޮނުވާފަ އެވެ.

އުއްތަމަ ފަނޑިޔާރާއި ޕީޖީއާ ބައްދަލުކުރުމަށް އެދި ސުޕްރީމް ކޯޓަށާއި ޕީޖީ އޮފީހަށް އިދިކޮޅު ފަރާތްތަކުން ވަކިވަކިން ފޮނުވި ސިޓީގައި ބުނެފައި ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ވަގުތުން ވަގުތަށް ހައްލު ހޯދިދާނެ ކަންކަން ހުރުމާއެކު، އެ ކަންކަމާ މެދު މަޝްވަރާ ކުރުމަށް ވަގުތެއް ހަމަޖައްސައިދިނުމަށެވެ.

ޝަރުއީ ދާއިރާގެ އެންމެ އިސް ބޭފުޅުންނާ ބައްދަލު ކުރުމަށް އެދުނު އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެކަމަކު ވެރިކަން ކުރާ ޕީޕީއެމުން އެކަން ދޮގުކުރެ އެވެ.