Roadha Mihaaru
ރައީސްގެ އިއުތިރާފާއެކު މައްސަލަ ޕޮލިހާއި އޭސީސީއަށް

ގެކޮޅަށް ފައިސާ ވަތް ކަމަށް ރައީސް "އިއުތިރާފްވެވަޑައިގަތުމުން" މައްސަލަ އަނެއްކާވެސް ޕޮލިހާއި އޭސީސީ އަށް

15 އޯގަސްޓް 2017

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުން، ހަލާލު ނޫން ފައިސާ އެމަނިކުފާނުގެ ގެކޮޅު، ދޫވެއްސަށް ވަތް ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ "އިއުތިރާފްވެވަޑައިގެންފައި"ވާ ކަމަށާއި މައްސަލަ ތަހުގީގު ކޮށްދޭން އެދި ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަނަށް އަނެއްކާ ވެސް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުން، ހަލާލު ނޫން ފައިސާ އެމަނިކުފާނުގެ ގެކޮޅު، ދޫވެއްސަށް ވަތް ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ "އިއުތިރާފްވެވަޑައިގެންފައި"ވާ ކަމަށާއި މައްސަލަ ތަހުގީގު ކޮށްދޭން އެދި ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަނަށް އަނެއްކާ ވެސް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ރައީސަށް ތުހުމަތު ކުރެވޭ ކަންކަން ބަލައިދޭން އެދި މީގެ ކުރިން ވެސް އިދިކޮޅު ޕާޓީތަކުން ފުލުހުންނާއި އޭސީސީ އަށް މައްސަލަ ހުށަހެޅި އެވެ.

އެމްޑީޕީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ އަށް ވީގޮތް އެކި ޖަލްސާތަކުގައި ރައީސް ޔާމީން ގެންދަވަނީ ވިދާޅުވަމުން ކަމަށެވެ. ޕީޕީއެމުން ރޭ ބޭއްވި ބައްދަލުވުމުގައި، އެމްއެމްޕީއާރުސީގެ ފައިސާ އެމަނިކުފާނުގެ ގެކޮޅަށް ވެއްދެވި ކަމަށް "އިއުތިރާފްވެވަޑައިގަތުމަކީ" ކަމާ ގުޅުން ހުރި މުއައްސަސާތަކުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

ރައީސް އިޝާރާތްކުރެއްވި ފައިސާ އަކީ ކޮރަޕްޝަންގެ އަމަލުތައް ހިންގައި، ގާނޫނާ ޚިލާފަށް ދައުލަތުގެ ވަސީލަތްތައް ނާޖާއިޒު ގޮތެއްގައި ބޭނުންކޮށްގެން އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ހޯއްދެވި ފައިސާކަން ސާބިތުވެ އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައިވާ ކަން ވެސް ހިސާން ފާހަގަކުރެއްވި އެވެ.

"އެހެންވީމާ ދިވެހިރާއްޖޭގެ ކޯޓުތަކުން، ކޮރަޕްޝަންގެ އަމަލެއްގެ ގޮތަށް ސާބިތުވެ އެއީ ހިނގާފައިވާ އަމަލުތަކެއް ކަަމަށް ހުކުމް ކުރައްވާފައިވާ މައްސަލައަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ އެމަނިކުފާނު ވެސް އެ ފައިސާ ބޭނުންކުރެއްވި ވާހަކަ. އަދި އެމަނިކުފާނުގެ ޕާޓީން ރައްޔިތުންގެ މަޖިލީހަށް ކޮންމެހެން ހޮވަން ބޭނުންވާ ބައެއް މެމްބަރުން ހޮވުމަށް ހަރަދު ކުރެއްވި ވާހަކަ. މިއީ، ސިޔާސީ އިދިކޮޅު ފަރާތްތައް، އަދި ދިވެހި ރައްޔިތުންގެ ހައިސިއްޔަތުން އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް،" ހިސާން ވިދާޅުވި އެވެ.

ރައީސް އަމިއްލަފުޅަށް އެއްބަސްވެވަޑައިގަތުމުގެ ކުރިން ވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ބަލައިދޭން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުން އެކަން ނުބަލައި ދިގު ދަންމަމުންދާ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ މައްޗަށް ދިވެހި ރައްޔިތުން ކުރާ ތުހުމަތުތައް އޭސީސީ އާއި ފުލުހުން ވެސް އެކަށީގެންވާ ގޮތެއްގައި ބަލާފައެއް ނުވޭ. އަޅުގަނޑުމެން ކިތައް ފަހަރުތޯ، ރައީސް ޔާމީން ބައިވެރިވެވަޑައިގެންފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތައް ބަލައިދޭން އެދި ހުށަހަޅަންވީ؟ މިހާރު އަޅުގަނޑުމެން މި ނިންމީ، ރައީސް ޔާމީން ރޭ ވަޑައިގެންނެވި އިއުތިރާފްގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް މި މައްސަލަ އަނެއްކާވެސް ހުށަހަޅަން،" ހިސާން ވިދާޅުވި އެވެ.

މީގެއިތުރުން، ރައީސަށް ތުހުމަތުކުރާ ކަންކަން ނުބަލާތީ، ފުލުހުންނާއި އޭސީސީގެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ހުށަހަޅަން އިދިކޮޅު ޕާޓީތަކުން ވަނީ ނިންމައިފަ އެވެ.

ހިސާން ވިދާޅުވި ގޮތުގައި ދޫވެއްސަށް ފައިސާ ވަތް ކަމަށް ވަރަށް ސާފުކޮށް ރައީސް ޔާމީން ރޭ ވިދާޅުވުމަށް ފަހު ޕީޕީއެމުގެ "ދަރުބާރު ފެކްޝަނުން" މިއަދު ނޫސް ބަޔާނެއް ނެރެ އެކަން ބަދަލުކުރަން މަސައްކަތް ކުރިއަސް ކަމުގެ ހަގީގަތް ދިވެހި އެއްވެސް ރައްޔިތަކަށް ނޯޅޭނެ އެވެ. ދިވެހިންގެ ކަންފަތަށް ރޭ އިވުނު ވާހަކަތަކަކީ ނީވޭ ވާހަކަތަކެއް ކަމަށް ވެސް ނުހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އަމިއްލަ ގެކޮޅަށް ފައިސާ ވަތް ކަމަށް ރައީސް ވިދާޅުވިއިރު އެ ފައިސާ އަށް ދެން ހެއްދެވި ގޮތެއް ވިދާޅު ނުވުމަކީ ފައިސާ ބޭނުންކުރެއްވި ކަމަށް ވާހަކަ ދެކެވިދާނެ ކަމެއް ކަމަށެވެ. ގެކޮޅަށް ވެއްދެވި ކަމަށް ރޭ ވިދާޅުވި ފައިސާ ބޭނުން ނުކުރައްވާ ނަމަ އެ ފައިސާ ދައުލަތާ ހަވާލުކުރިތޯ ސާފުވާން ޖެހޭ ކަމަށާއި އެކަމަކު މިހާތަނަށް ވެސް އެކަން ކުރެއްވި ކަން އެނގެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ކިހިނެއް ލިބުނު ފައިސާއެއް ކަން، ހޭދަކުރީ ކިހިނެއް ކަން، ތަފްސީލު ދެއްވާފައެއް ނުވޭ. އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ބުނެވިދާނެ އެ ފައިސާ އެމަނިކުފާނު ބޭނުންކޮށްފައިވާ ކަމަށް. އެކަމަށް ބާރު ލިބޭ އަނެއް ހެއްކަކީ އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅިގެން އޭސީސީން ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެމަނިކުފާނުގެ އެކައުންޓުގެ ތަފްސީލު ގެންދަވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވޭ. އެ އެކައުންޓަށް ޖަމާކުރެވުނު ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ބޭނުންކުރެވިފައިވާ ކަން ވެސް އެ ސްޓޭޓްމަންޓުތަކުން ފެންނަން ހުރި ކަމަށް ވެސް އަޅުގަނޑުމެންނަށް ވަނީ މައުލޫމާތު ލިބިފައި،" އަލީ ޒާހިރު ވިދާޅުވި އެވެ.

އެ ހެކިތަކާއެކު، އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހިވަޑައިގަންނަވަ އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ އިން ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުންތަކެއް ހޮވާފައިވާ ކަމަށް ވިދާޅުވެ އެ މެމްބަރުން އިސްތިއުފާ ދެއްވަން ރައީސް އެދިވަޑައިގެންނެވި ގޮތަށް އަމަލުކުރައްވަން ވެސް އަލީ ޒާހިރު ގޮވާލެއްވި އެވެ.

"އެ ބޭފުޅުން އިސްތިއުފާ ދެއްވުމަށް ފަހު އެ ފައިސާ އިން އެމަނިކުފާނު ކުރެއްވި އެއްވެސް ކަމެއް ނެތުމަކީ އެއްވެސް ޒިންމާއެއް ނެތުމަކީ ސުވާލު އުފެދޭ ކަމެއް،" އަލީ ޒާހިރު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ދޫވެއްސަށް ވަތް ކަމަށް ރައީސް ރޭ ވިދާޅުވިއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ އެއްވެސް ފައިސާއެއް، އަދި އެކަން ހިނގި ގޮތެއް ރައީސަށް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.