Roadha Mihaaru
މާޒިޔާ މަގާމް ދަމަހައްޓަން ތިނަދޫއާ ދެކޮޅަށް

މާޒިޔާ މަގާމް ދަމަހައްޓަން ތިނަދޫއާ ދެކޮޅަށް

23 އޯގަސްޓް 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގދ. ތިނަދޫއާ ދެކޮޅަށް ނުކުންނައިރު މާޒިޔާގެ އެންމެ ބޮޑު އަމާޒަކީ އެއް ވަނަ މަގާމު ދެމެހެއްޓުން ކަމަށާއި އެކަމަކު މެޗު ފަސޭހަނުވާނެ ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގދ. ތިނަދޫއާ ދެކޮޅަށް ނުކުންނައިރު މާޒިޔާގެ އެންމެ ބޮޑު އަމާޒަކީ އެއް ވަނަ މަގާމު ދެމެހެއްޓުން ކަމަށާއި އެކަމަކު މެޗު ފަސޭހަނުވާނެ ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

މާޒިޔާ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. މި ބުރުގެ މެޗުތަކަށް ފަހު ގައުމީ ޓީމަށް ފުރުސަތުދޭން ލީގު 17 ދުވަހަށް މެދުކަނޑާލާއިރު އެއް ވަނައިގައި ލީޑު ދަމަހައްޓަން މާޒިޔާ އަށް މި މެޗުން މޮޅެއް ހޯދުން މުހިއްމެވެ.

"މޮޅުވުމުގެ ސިލްސިލާ ދަމަހައްޓަން މި ފަހަރު ނުކުންނަން މި ޖެހެނީ ވަރަށް މޮޅު ޓީމަކާ ދެކޮޅަށް. ވަރަށް ރަނގަޅު ބިދޭސީ ކުޅުންތެރިންނާއި ކުރިން ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅެފައިވާ ލޯކަލް ކުޅުންތެރިންނާ ދެކޮޅަށް މި ކުޅެނީ. ތަޖުރިބާހުރި ކުޅުންތެރިން ގިނައީ. ބްރޭކަށް ދިއުމުގެ ކުރިން އެއް ވަނައިގައި އޮންނަން މި މެޗުގެ ތިން ޕޮއިންޓް މުހިއްމު،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ މި މެޗަށް ނުކުންނައިރު އެކި ގޮތްގޮތުން އެ ޓީމަށް ހުރި ގޮންޖެހުން ގިނަ ކަމަށެވެ.

"މާ ބޮޑު ތައްޔާރީތަކެއްވާން ފުރުސަތެއް ނެތް. ހޮނިހިރު ދުވަހު ކުޅެފައި ބުދަ ދުވަހު އަނެއްކާ މި ކުޅެނީ. އަހަރެން އުއްމީދުކުރަން މި މެޗުތައް ފެށުމުގެ ކުރިން ދަނޑުގެ ވިނަގަނޑު އެއްވަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް. މިހާރު އޮތީ ފުޓްބޯޅަ ކުޅޭ ދަނޑެއް ނޫން. މި ދަނޑުގައި މެސީ އާއި ރޮނާލްޑޯ ކުޅުނަސް ފެންނާނީ ގޯސްތަކެއް ހެދޭތަން،" ދަނޑުގެ ހާލަތާ ގުޅޭގޮތުން ސެކުލޮސްކީ ބުންޏެވެ.

ފާއިތުވި އަހަރުތަކުގެ އިތުރުން މި ސީޒަނުގައި ވެސް މާޒިޔާގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. އެންމެ ފަހުން ށ. މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗުގައި އަސަދުﷲ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މި ވަގުތު ކުޅުމާ ދުރު ހުންނަން ޖެހުނުއިރު، މިއީ ވެސް މާޒިޔާ އަށް އޮތް ބޮލުގެ ރިހުމެކެވެ.

މި ސީޒަނުގައި މާޒިޔާ އަށް އަސަދުﷲ ނުލައި ކުޅުނު މެޗުތަކުގައި ވަނީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ސެކުލޮސްކީ ބުނީ މި މެޗަށް ނުކުންނައިރު އަސަދުﷲ ނުލައި ކުޅެން ޖެހުމުގެ ކަންބޮޑުވުން އޮތް ނަމަވެސް ހަމަނޭވައެއް ލެވޭނެ ކަމަށެވެ.

"އެންމެ ފަހުން މެޗު އަހަރެމެންނަށް ގޯސްކޮށްދިޔައީ އަސަދުﷲ ގެއްލުމުން. މީގެ ކުރީގެ ތަޖުރިބާ އަށް ބަލާއިރު އަސަދުﷲ ނުލައި އަހަރެމެންނަށް މައްސަލަ އަންނަނީ ދިމާވަމުން. އެކަމަކު އެންމެ ފަހުން މިލަންދޫ އަތުން އަހަރެމެން މޮޅުވީ އަސަދުﷲ ދަނޑުމަތީގައި ނެތި. މިއީ އެގޮތަށް މޮޅުވި ފުރަތަމަ މެޗު. އަހަރެން އުއްމީދުކުރަނީ މި މެޗުގައި ވެސް އެގޮތަށް ކުރިއަށްދެވޭނެ ކަމަށް،" ސެކުލޮސްކީ ބުންޏެވެ.

މި ފަހަރު ޓްރާންސްފާ މާކެޓަށް މާޒިޔާ އިން ޓީމު ވަރުގަދަ ކުރުމަށް އެ ޓީމަށް ކުރިން ކުޅުނު ކީޕަރު ކިރްގިސްތާނުގެ ގައުމީ ޓީމު ކީޕަރު ޕަވެލް މަޓިއަޝް ދޫކޮށްލުމަށް ފަހު ވަނީ ވިކްޓަރީ އަށް ކުޅުނު ސީރިއާ ގައުމީ ޓީމުގެ ކީޕަރު މަހުމޫދު އަލް ޔޫސުފް ގެނެސްފަ އެވެ. މަހުމޫދު ލައިގެން މާޒިޔާ އިން މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް އެ ޓީމު ކޮޅަށް ލަނޑެއް ވަދެފައިނުވެ އެވެ.

"ސީޒަނުގެ ކުރީކޮޅުގައި ވެސް ހުރީ ވަރަށް މޮޅު ކީޕަރެއް (ޕަވެލް). މިހާރު ވެސް އަހަރެމެންނަށް ލިބިފައި މިހުރީ ރަނގަޅު ކީޕަރެއް (މަހުމޫދު). މަހުމޫދަކީ ކިހާ މޮޅު ކީޕަރެއްކަން އޭނާ އަންނަނީ ސާބިތު ކޮށްދެމުން. ޓީމަކަށް ވަރަށް މުހިއްމު މޮޅު ކީޕަރެއް. އެއީ ބާކީ ތިބި ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުން ދެއްކުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް،" ސެކުލޮސްކީ ބުންޏެވެ.

ޓީސީގެ އިއްބެ (ކ) މެއިން ބޯޅަ ކޮންޓްރޯލް ކުރާއިރު އޭނާ އަތުން ބޯޅަ ހޯދަން ތިނަދޫގެ އިމްރާން މަސައްކަތް ކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ އިއްބެ (ކ) މެއިން ބޯޅަ ކޮންޓްރޯލް ކުރާއިރު އޭނާ އަތުން ބޯޅަ ހޯދަން ތިނަދޫގެ އިމްރާން މަސައްކަތް ކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިނަދޫ ލީގު ފެށީ އއ. މާޅޮސް އަތުން ހޯދި މޮޅާ އެކު އެވެ. އެހެން ނަމަވެސް އޭގެ ފަހުން ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކްލަބް އަތުން ވަނީ ބަލިވެފަ އެވެ. އެ ޓީމު މި ވަގުތު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. މާޒިޔާއާ ދެކޮޅަށް މިރޭ ނުކުންނައިރު ތިނަދޫގެ ކޯޗު މާޓިނޭޒް ހުއާން މެނުއަލް ހުރީ ޓީމު ރަނގަޅު ޓްރެކަށް ގެންދިއުމަށް ކެތް މަދުވެފަ އެވެ.

"އަހަރެމެން އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް އެ ދެ މެޗުން އެ އަށް ވުރެން ރަނގަޅު ގޮތެއްވުން އަހަރެމެންނަށް ހައްގު. އެ މެޗުތަކުން ޕޮއިންޓް ގެއްލިފައިވާތީ މާޒިޔާ މެޗުގެ މުހިއްމުކަން އަހަރެމެންނަށް ބޮޑު. ފަސޭހައިން މެޗު ދާކަށެއް ބޭނުމެއް ނޫން އަހަރެން ބޭނުން ރަނގަޅު ވާދައެއް ކުރަން،" މާޓީނޭޒް ބުންޏެވެ.

މާޓީނޭޒް ބުނީ ރަނގަޅު ވާދައެއް ކުރެވިއްޖެނަމަ އޭނާގެ ޓީމަށް ނަތީޖާ ނެރެވޭނެ ކަމަށެވެ.

"އަހަންނަށް އެނގޭ މާޒިޔާ އަކީ އެންމެ ފަހުގެ ޗެމްޕިއަންކަން. އަހަރެން ދެކޭ ގޮތުގައި މިއީ 50-50 މެޗެއް. އެއީ އެ ޓީމުގެ ވެސް އަހަރެމެންގެ ވެސް މުހިއްމު ކުޅުންތެރިން ނެތި މި ކުޅެނީ. އަހަރެންނަށް އިތުބާރު އެބައޮތް ކުޅުންތެރިންނަށް. މި ކުޅުންތެރިންގެ އެބަހުރި މާޒިޔާއާ ދެކޮޅަށް ކުޅޭނެ ހިތްވަރު،" އޭނާ ބުންޏެވެ.

ގްރީން ސްޓްރީޓްސް އާއި ޓީސީއާ ދެކޮޅަށް ތިނަދޫ އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެހެން ނަމަވެސް އެ ދެ މެޗުން ވެސް އެ ޓީމު ބަލިވީ ލިބުނު ފުރުސަތުތައް ނިންމައިނުލެވުމުންނެވެ. މާޓީނޭޒް ބުނީ ކުޅުންތެރިން ތިބީ އެ ދެ މެޗުން ބަލިވުމުން މާޔޫސްވެފައިނޫން ކަމަށެވެ.

"ގްރީން ސްޓްރީޓްސް އާއީ ޓީސީއާ ދެކޮޅަށް ވެސް އަހަރެމެން ކުޅެފިން. ކުޅުންތެރިން އެ ދެ މެޗުގައި ނެރުނު ހިތްވަރު މި މެޗުގައި ވެސް ނެރޭނެ. އެ ދެ މެޗުގައި ހެދުނު ގޯސްތައް މި މެޗުގައި ރަނގަޅުކުރަން ބޭނުން. އަހަރެމެންނަކީ ވެސް ޕްރިމިއާ ލީގުގައި ވާދަކުރެވޭނެ ޓީމެއްކަން ދައްކަން އެބަޖެހޭ،" އޭނާ ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގައި 4-0 އިން މާޒިޔާ އަތުން އީގަލްސް މޮޅުވި މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ޕްރިމިއާ ލީގުގައި ތިނަދޫ އަށް ކުޅެމުން އަންނަ އުއްމީދީ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އެވެ. އެ މެޗުގައި ރިޒްވާން ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

"އަހަރެން ގާތުގައި ކޮންމެސް މީހެއް ބުނި. ރިޒްވާން ވަނީ މާޒިޔާ ކޮޅަށް ހެޓްރިކެއް ހަދާފައި ކަމަށް އީގަލްސްގައި ކުޅެމުން. އަހަރެންގެ އުއްމީދަކީ އޭނާ މި މެޗުގައި ވެސް ގޯލެއް ޖެހުން. އަހަރެން އެދެނީ ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން މި މެޗުގައި ހިފަން،" މާޓީނޭޒް ބުންޏެވެ.

ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ ޑިވިޝަންގެ ޓީމުތަކާ ދެކޮޅަށް ނުކުންނައިރު ތިނަދޫގައި ފުރަތަމަ ޑިވިޝަންގައި ކުޅެފައިތިބި ކުޅުންތެރިން ތިއްބަސް އެއްވެސް އެޑްވާންޓޭޖެއް ނެތް ކަމަށް މާޓީނޭޒް ވަނީ ބުނެފަ އެވެ.

"އަހަރެން މި ޓީމާ (ތިނަދޫ) ހަވާލުވުމުގެ މާ ކުރިން ޕްރިމިއާ ލީގުގައި ކުޅޭ މާލޭ ލީގުގެ ޓީމުތަކުގެ ކޯޗުން ވަނީ އެ ޓީމުތައް ގޮވައިގެން މަސައްކަތް ފަށާފައި. އަހަރެންގެ ޓީމުގައި ތަޖުރިބާހުރި މޮޅު ކުޅުންތެރިން ތިއްބަސް ޓީމު އެއްކޮށް ގޮވައިގެން މަސައްކަތްކޮށް ތައްޔާރުވާނެ ފުރުސަތެއް އަދި އެހާ ވަގުތެއް ވެސް ނުލިބޭ. އެ ހަގީގަތް ގަބޫލުކޮށްގެން ކޮންމެ މެޗަކަށް މި ނުކުންނަނީ،" މާޓީނޭޒް ބުންޏެވެ.

ތިނަދޫ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.