25 އޮކްޓޯބަރ 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގދ. ތިނަދޫއާ 1-1 އިން އެއްވަރުވެ، އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ އަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގދ. ތިނަދޫއާ 1-1 އިން އެއްވަރުވެ، އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ އަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މާޒިޔާ 20 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ދެ ވަނައިގައި 22 ޕޮއިންޓާ އެކު ޓީސީ ސްޕޯޓްސް ކްލަބް މިރޭ ދ. ކުޑަހުވަދޫ އަތުން މޮޅުވެއްޖެ ނަމަ އެ ޓީމާ ފަސް ޕޮއިންޓުގެ ފަރަގެއް އަންނާނެ އެވެ. އަދި އެއް ވަނައިގައި 24 ޕޮއިންޓާ އެކު އޮތް ނިއު ރޭޑިއަންޓް މާދަމާރޭ އއ. މާޅޮސް އަތުން މޮޅުވެއްޖެ ނަމަ އެ ޓީމާ މާޒިޔާއާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އަންނާނެ އެވެ. އެހެންވެއްޖެ ނަމަ މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ދެ ވަނަ ހޯދުމަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހޭނެ އެވެ.
ފުރަތަމަ ބުރުގައި ވެސް މާޒިޔާއާ 1-1 އިން އެއްވަރުކުރި ތިނަދޫ ވަނީ މިއަދު ހޯދި ޕޮއިންޓާ އެކު 12 ޕޮއިންޓް ހަމަކޮށް ލަނޑުގެ ތަފާތުން ހަތަރު ވަނަ އަށް އަރައިފަ އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދާފައިވާ ކްލަބް ގްރީންސްޓްރީޓްސް ފަސް ވަނަ އަށް ވެއްޓިފައިވާއިރު މާދަމާ ހަވީރު ށ. މިލަންދޫ އަތުން އެ ޓީމު ބަލިނުވެ ފަރުޖައްސާލައިފި ނަމަ އަލުން ހަތަރު ވަނަ ލިބޭނެ އެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު ދެ ޓީމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ހަތް ވަނަ މިނެޓުގައި އޭރިއާ ތެރެއިން މާޒިޔާގެ ކެޕްޓަން މުހައްމަދު އުމެއިރު ފޮނުވާލި ޝޮޓް ޖެހުނީ ދަނޑީގަ އެވެ. ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ތިނަދޫގެ ހޯސޭ އަވީލާ އޭރިއާ ތެރެއިން ނެގި ހުރަސް ގޯލް ކުރިމަތީ ހުހަށް ހުރި އިބްރާހިމް މުބީން އަހުމަދު ރަޝީދު (މުއްކި) ޖެހުމުން މާޒިޔާގެ ޑިފެންޑަރު މިހަލޮވިޗް ބޮޔާން ވަނީ ގޯލް ރޮނގު މަތިން ސަލާމަތްކޮށްފަ އެވެ.
ތިނަދޫގެ ރިޒޭ (ކ) އާއި މާޒިޔާގެ ޔާންބެ ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ މިހާރު
ދެ ވަނަ ހާފު ފަށައިގެން 59 ވަނަ މިނެޓުގައި އުމެއިރު ނުރައްކާތެރި ހިލޭ ޖެހުމެއް ފޮނުވާލި ނަމަވެސް ތިނަދޫގެ ގޯލްކީޕަރު ޒުހަނީބެކޯފް ރުސްލާން ވަނީ ސަލާމަތްކޮށްފަ އެވެ.
މެޗުގައި ގޯލެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ އޭގެ އިރުކޮޅެއް ފަހުން ތިނަދޫގެ މުހައްމަދު ރިސްވާނަށެވެ. އޭރިއާ ތެރެއިން މުޅިން ހުހަށް، އެކަނިމާއެކަނި ހުރެ އޭނާ ފޮނުވާލި ބޯޅަ މާޒިޔާގެ ސީރިއާ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. އަދި 58 ވަނަ މިނެޓުގައި މާޒިޔާގެ ގާސިމް ސައްމާމް (ސައްމޭ) ނެގި ހުރަހެއް އޭރިއާ ތެރެއިން ކްރޮއޭޝިއާ ފޯވާޑް ކެރިޗް އަންދްރޭ ބޮލުން ޖެހުމުން އަމާޒުވީ ދަނޑި އަށެވެ. އޭގެ މިނެޓެއް ފަހުން ތިނަދޫގެ ރިސްވާން ވަނީ އޭރިއާ ތެރެއިން އަނެއްކާ ވެސް ހުސް ފުރުސަތެއް ބޭކާރުކޮށްލައިފަ އެވެ.
މިއަދުގެ މެޗުގައި ގޯލް ހުޅުވާލީ 62 ވަނަ މިނެޓުގައި މާޒިޔާ އިންނެވެ. މި ގޯލް އުމެއިރު އޭރިއާ ތެރެއިން ބޮލުން ޖެހީ ޔަސްފާދު ހަބީބް (މުލަކޭ) ނެގި ހުރަހަކުންނެވެ. އެކަމަކު މާޒިޔާ އަށް ލީޑު ހިފެހެއްޓުނީ ދެ މިނެޓު ވަންދެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ތިނަދޫ އަށް އެއްވަރުކޮށްދިނީ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) އެވެ. ތިނަދޫ އިން އޭރިއާ ތެރެއަށް ކުރި ހުރަހެއް ހިފަން މާޒިޔާގެ ކީޕަރު ޔޫސުފް އެރި ވަގުތު އެ ޓީމުގެ މުހައްމަދު އިރުފާން (އިރޭ) ގައިގައި ޖެހި އޭނާ ބިންމައްޗަށް ވެއްޓުނު ވަގުތު އެ ބޯޅަ ނޫމާން ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.
މެޗުގެ ފަހު ބައިގައި މާޒިޔާގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފާހަގަވިއިރު ތިނަދޫ އިން ވަނީ ކައުންޓާ އެޓޭކުގައި ނުރައްކާކޮށް ލީޑު ނެގުމާ ގާތަށް ގޮސްފަ އެވެ. އެގޮތުން ލަނޑު ޖަހާނެ ފަސް ފުރުސަތު ލިބި ބޭކާރުވި އެވެ.
ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) އޭރިއާ ތެރެއިން ޖެހި ޝޮޓެއް ގޯލާ އަމާޒުނުވެ ދިޔައިރު އަވީލާގެ ހުރަހަކުން އޭނާ ބޮލުން ޖެހި ބޯޅަ ވެސް ގޯލަށް ނުވަނެ އެވެ. މީގެ އިތުރުން މުއްކި އަށް ތިން ފުރުސަތެއް ލިބި ބޭކާރުވި އެވެ.
މާޒިޔާގެ ސައްމޭ (ކ) ބޯޅަ ކޮންޓްރޯލްކުރާއިރު ތިނަދޫގެ މުއްކި ސަމާލުވެގެން. --ފޮޓޯ: ނިޝާން އަލީ މިހާރު
ތިނަދޫގެ ކޯޗު އަލީ ސުޒޭން ބުނީ މާޒިޔާ ފަދަ ވަރުގަދަ ޓީމެއްގެ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަނުޖެހެޔޭ ބުނެފި ނަމަ، އެ މީހަކު ވާނީ ފޮނި މީހަކަށް ކަމަށާއި އެކަމަކު މެޗުގެ ހާލަތަށް ބަލާއިރު އެއްވަރުމިވީ ވަރަށް ގިނަ ފުރުސަތު ލިބިފައި ކަމަށެވެ.
"ވަރަށް ގިނަ ފުރުސަތު އޭރިއާ ތެރެއިން މުޅިން ހުސްކޮށް ލިބި ބޭކާރުވި. ދެން މިއޮތީ ނިއު ރޭޑިއަންޓް މެޗު. އެ މެޗުގައި ވެސް މިވަރަށް ފުރުސަތު ހޯދައިފިއްޔާ ޕްރެޝަރު ކުރެވޭނެ. އެކަމަކު ނިއުގެ ފޯމަށް ބަލާއިރު އެ ފުރުސަތު ކުޑަވާނެ،" ސުޒޭން ބުންޏެވެ.
މާޒިޔާގެ ކޯޗު މަރްޔަން ސެކުލޮސްކީ ބުނީ މިއަދު އެއްވަރުވީ ރަނގަޅަށް ކުޅެ ގޯލް ޖަހަން ވެސް ފުރުސަތު ލިބިފައި ކަމަށާއި ލަނޑު ވެސް ޖެހީ ރަނގަޅު ވަގުތު ކަމަށެވެ.
"އެކަމަކު މައްސަލައަކަށްވީ މާ އަވަހަށް ބައިކޮޅަށް ލަނޑެއް ވަނުން. އެ ލަނޑު ނުވަން ނަމަ އަހަރެމެން އިތުރު ލަނޑެއް ޖަހައި މެޗު ނިންމާލީސް. ހަގީގަތުގައި ސީޒަނުގެ މުހިއްމު ވަގުތު އަހަރެމެންނަށް ހިތްދަތި ގޮތްތަކެއް މިވަނީ. ބައެއް ކުޅުންތެރިން ވަރުބަލިވެ އަނެއްކާ ޔާންބެ އަށް ވެސް އަނިޔާވީ މިއަދު،" ސެކުލޮސްކީ ބުންޏެވެ.
އޭނާ ބުނީ ލީގު ހޯދުމުގެ ފުރުސަތު އެއްކޮށް ގެއްލެންދެއް އެ މަސައްކަތްކުރާނެ ކަމަށާއި އެކަން ކުރަން އުނދަގޫ ވިޔަސް މަސައްކަތްކުރާނެ ކަމަށެވެ.
"އަހަންނަކީ ކުޅިވަރުގެ މީހެއް. އަހަރެން އުއްމީދު ދުލެއް ނުކުރާނަން،" ސެކުލޮސްކީ ބުންޏެވެ.
މާޒިޔާ ދަސްވެފައިވުމުގެ ފައިދާ ސުޒޭނަށް ނެގިދާނެތަ؟
ތިނަދޫ އަތުން ބަލިނުވެ މާޒިޔާ ސަލާމަތްވީ ފަހު ވަގުތު
މާޒިޔާ މަގާމް ދަމަހައްޓަން ތިނަދޫއާ ދެކޮޅަށް
ނިއު އާއި މާޒިޔާ މެޗުގެ މައްސަލަތަކެއް ބަލަން ފަށައިފި
މާޒިޔާ ބަލިކޮށް ނިއު އައްޑަަނަ އުފުލާލައިފި
ނިއު އާއި މާޒިޔާ މެޗު: ދެ ކޯޗުންނަށް ޗެލެންޖެއް!
މިލަންދޫ އަތުން ބަލިވެ ތިނަދުއަށް އިތުރު އިންތިޒާރެއް
ފޯމު ރަނގަޅުކޮށްގެން އެންޑީ އަދި އެނބުރި އަންނާނެ
ފުޓްބޯޅަ ހަލާކުކުރަންޏާ ސަޕޯޓަރުން ނާންނާނެ: ސުޒޭން
ފަހު ވަގުތު ޖެހި ލަނޑުން މޮޅުވެ ތިނަދޫ ހަތަރަކަށް