Roadha Mihaaru
ތިނަދޫ އަތުން ބަލިނުވެ މާޒިޔާ ސަލާމަތްވީ ފަހު ވަގުތު

ތިނަދޫ އަތުން ބަލިނުވެ މާޒިޔާ ފަހު ވަގުތު ސަލާމަތްވެއްޖެ

24 އޯގަސްޓް 2017

ފަހު ސިކުންތުކޮޅުގެ ތެރޭގައި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ޖެހި ލަނޑުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގދ. ތިނަދޫއާ 1-1 އިން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އެއްވަރުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ފަހު ސިކުންތުކޮޅުގެ ތެރޭގައި ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ޖެހި ލަނޑުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގދ. ތިނަދޫއާ 1-1 އިން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އެއްވަރުވެއްޖެ އެވެ.

މިރޭގެ މެޗުން މޮޅުވެ ލީގު އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑު ދެމެހެއްޓުމުގެ ފުރުސަތު މާޒިޔާ އަށް އޮތެވެ. އެއްވަރުވުމުން ލީގުގެ އެއް ވަނައިގައި އެ ޓީމު އޮތީ ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާ އެކު އެވެ. މާދަމާ ހަވީރު ދ. ކުޑަހުވަދޫ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗާއި މާދަމާރޭ އއ. މާޅޮހާއި ނިއު ރޭޑިއަންޓް ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން މާޒިޔާގެ ލީޑު އެއް ޕޮއިންޓަށް ކުޑަވާނެ އެވެ.

މި މޮޅާ އެކު ތިނަދޫ ލީގުގެ ފަސް ވަނައިގައި އޮތީ ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު އެވެ.

އަނިޔާގެ ސަބަބުން މިރޭ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ނުކުޅެ އެވެ. އޭނާގެ ބަދަލުގައި ޓީމުގެ އެންމެ ކުރިއަށް ކުޅެމުން ދިޔައީ ކްރޮއޭޝިއާގެ ފޯވާޑް ކެރިޗް އަންދްރޭ އެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް މުހައްމަދު އުމެއިރާއި އަސްހަދު އަލީ (އަޑޭ) މިރޭ ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.

ފުރަތަަމަ ޑިވިޝަނުގައި ކުޅުނު ގިނަ ކުޅުންތެރިންނާ އެކު އޮތް ތިނަދޫ އަށް ބަލާއިރު އެ ޓީމުގެ ކެޕްޓަންކަން މިރޭ ކުރީ އެ ރަށުގެ ކުޅުންތެރިއާ އަހުމަދު ޒައިދު އެވެ. އެ ޓީމުގެ ފުރަތަމަ އެގާރައިގައި ވަނީ އިބްރާހިމް މުބީން (މުއްކި) ހިމަނައިފަ އެވެ. އަދި ޓީމުގެ ބިދޭސީ ޑިފެންޑަރު އިވާން ސައެސީޑޯ ހުރީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ.

މެޗުގެ 12 ވަނަ މިނިޓްގައި ތިނަދޫ އޭރިއާ ތެރެއިން އެ ޓީމުގެ އަހުމަދު ޒުބައިރު އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މާޒިޔާގެ އަޑޭ އަށް އެ ބޯޅައިގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތެއްނުވި އެވެ. އަޑޭ ބޮލުން ފޮނުވާލި ބޯޅަ އެ ޓީމުގެ ޑިފެންޑަރުން ވަނީ ބޭރުކޮށްލައިފަ އެވެ.

މެޗުގެ 20 ވަނަ މިނިޓްގައި މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) ކައިރިން ނައްޓާލުމަށް ފަހު ތިނަދޫގެ އަހުމަދު ރިޒުވާން (ރިޒޭ) އަރިމަތިން ފުރަތަމަ ފޮނުވާލި ބޯޅަ މާޒިޔާ ކީޕަރު މަހުމޫދު އަލް ޔޫސުފް މަތަކުރި އެވެ. އެ ބޯޅަ ދެ ވަނަ ފަހަރަށް ރިޒޭ އަށް ލިބުމުން އޭނާ ހުރަސް ކޮށްލި ނަމަވެސް ޖަހާނެ ކުޅުންތެރިއަކު ނެތެވެ.

އޭގެ ފަހުން މެޗުގެ 35 ވަނަ މިނިޓްގައި އޭރިއާ ބޭރުން ރިޒޭ ތިރިތިރިން ޖެހި ބޯޅަ ކީޕަރު މަހުމޫދު ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އެ ކޯނަރުން ކުރިން މާޒިޔާ އަށް ކުޅުނު އަލީ ހައިޝަމް (ޗުމްޕު) ނަގައިދިން ބޯޅަ އޭރިއާ ތެރެއިން ހޯދުމަށް ފަހު ހުސްކޮށް ހުރެ އަހުމަދު ނޫމާން (ހެލްމެޓް) ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ފުރަތަމަ ހާފުގެ އެންމެ ހުސް ފުރުސަތު ލިބުނީ މާޒިޔާގެ އިސްމާއިލް އީސަ އަށެވެ. އުމެއިރު ނެގި ކޯނަރަކުން އޭރިއާ ތެރެއިން މެސީ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ދެ ވަނަ ހާފް ފަށައިގެން ތިނަދޫ އިން ކުޅުން ރަނގަޅު ކުރި އެވެ. އެގޮތުން އެ ޓީމުގެ މުއްކި ފޮނުވާލި ބޯޅަ ގޯލާ ސީދާނުވެ ދިޔައިރު، ރިޒޭ ފޮނުވާލި ދެ ހަަމަލާގެ ހުރަހަކަށްވީ ކީޕަރު މަހުމޫދު އެވެ.

ކައުންޓަ އެޓޭކުގައި މެޗުގެ 54 ވަނަ މިނިޓްގައި މެސީ ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ފުންމައިގެން އަރައި އުމެއިރު ބޮލުން ޖަަހަން މަސައްކަތް ކުރި ނަމަވެސް އެ ބޯޅަ އޭނާ ބޮލުގައި ލައްވާލާ ގޮތެއްނުވި އެވެ.

އޭގެ މިނިޓެއް ފަހުން މާޒިޔާ އިން ވަނީ އީސަ އާއި އަޑޭގެ ބަދަލުގައި ބޮކުރީ އާއި އަހުމަދު އިމާޒް (އާއްކޮ) ކުޅެން އަރުވައިފަ އެވެ.

ތިނަދޫގެ މުއްކި (ކ) ކައިރިން މާޒިޔާގެ އީސަ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިނަދޫގެ މުއްކި (ކ) ކައިރިން މާޒިޔާގެ އީސަ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ 82 ވަނަ މިނިޓްގައި ތިނަދޫ އަށް ލީޑުނަގައިދިނީ ނިޔާ އެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ރިޒޭ އަރިމަތިން ނަގައިދިން ބޯޅަ އޭރިއާ ތެރޭގައި ހުސްކޮށްހުރެ ނިޔާ ވަނީ އެއް ފަހަރުން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ ލީގުގައި މާޒިޔާ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.

އޭގެ ދެ މިނިޓް ފަހުން ތިނަދޫގެ ކޮލަމްބިއާ ފޯވާޑް އަވީލާ ފެނާންޑޭޒް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ބޮކުރީ މާޒިޔާ އަށް އެއްވަރުކޮށްދިނީ މެޗުގެ އިތުރު ވަގުތުގަ އެވެ. އަރިމަތިން އައި ހުރަސް ބޮކުރީ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ތިނަދޫގެ ކީޕަރު ރުސްލާން އަތްމަތިން އޮއްސިގެން ގޮހެވެ.

މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނީ މިއީ އެ ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނުނު މެޗެއް ކަމަށާއި ޕޮއިންޓެއް ލިބުމަކީ ވެސް ހިތްހަމަ ޖެހުމެއް ކަމަށެވެ.

"އެގޭ އެ ޓީމު ކުޅޭނީ ކައުންޓަ އެޓޭކުގައިކަން. މިއީ އަހަރެމެންނަށް އެންމެ ރަނގަޅު މެޗެއް ނޫން. މެޗު ދިޔަ ގޮތާ ބަލައި ޕޮއިންޓެއް ވެސް ގޯހެއް ނޫން. ލީގުގެ ފަހު ހިސާބުތަކަށްދާއިރު މި ޕޮއިންޓުގެ މުހިއްމުކަން ފެންނާނެ،" ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ އަސަދުﷲ ނުލައި މި މެޗުގައި އެ ޓީމަށް އެޓޭކުގައި މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައިނުވާ ކަމަށާއި އޭނާ ނުލާ ކުޅެން ޖެހޭ މެޗުތަކުގައި އެހެން ގޮތްތަކަކަށް ރާވަން ޖެހޭ ކަމަށެވެ.

ތިނަދޫގެ ކޯޗު މާޓިނޭޒް ހުއާން މެނުއަލް ބުނީ މި މެޗުގެ ނަތީޖާ ނުކުތް ގޮތުން އޭނާ އަށް ލިބޭ ހިތްހަަމަޖެހުމަކާ ލިބޭ ހިތާމައެއް ވެސް އެބައޮތް ކަމަށެވެ.

"އަހަރެންނަށް ދެ އިހުސާސެއް ކުރެވޭ. ދެރަވަނީ މޮޅުވެވޭނެ މެޗަކުން އަހަރެމެންނަށް އެކަން ނުވީމަ. އެއީ މި ކުޅުންތެރިންނަށް މިރޭ ނުނިދޭނެ މިހާ މޮޅަށް ކުޅެފައި މޮޅުނުވީމަ. އެކަމަކު އަނެއް ކޮޅުން ހިތްހަމަ ޖެހުމަކީ ވަރަށް މޮޅަށް ކުޅެފި. ތިނަދޫ އަށް ކޮންމެ ޓީމަކާ ވެސް ވާދަކުރެވޭނެކަން މި މެޗުން ފެނިގެން ގޮސްފި،" މާޓީނޭޒް ބުންޏެވެ.

އޭނާ ބުނީ މިއީ ތިނަދޫ އަށް ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި މިއަށް ވުރެ ރަނގަޅު ކުޅުމެއް އެ ޓީމުގެ ފަރާތުން ފެނިގެންދާނެ ކަމަށެވެ.