Roadha Mihaaru

ރައީސް ޔާމީންގެ އަމާޒަކީ އިދިކޮޅު ފުނޑާލުން: ޕާޓީތައް

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންނާ ދެކޮޅަށް ދައުވާކޮށްގެން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވަނީ އިދިކޮޅު ފަރާތްތައް ފުނޑާލުން ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.

ރައީސްގެ އަމާޒަކީ އިދިކޮޅު ފުނޑާލުން: ޕާޓީތައް
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

01 އެޕްރީލް 2018

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންނާ ދެކޮޅަށް ދައުވާކޮށްގެން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވަނީ އިދިކޮޅު ފަރާތްތައް ފުނޑާލުން ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.

ތަފާތު އެކި ތުހުމަތުތަކުގައި މަޖިލީހުގެ އިދިކޮޅު ފަސް މެމްބަރަކު މި ވަގުތު ތިއްބެވީ ބަންދުކޮށްފަ އެވެ. އެއީ ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނެވެ.

އިދިކޮޅު ޕާޓީތަކުގެ ގުޅިފައިވާ ޕާލަމެންޓްރީ ގްރޫޕުން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނީ މެމްބަރުންނާ ދެކޮޅަށް ދައުވާ ކޮށްގެން ރައީސް ޔާމީން ބޭނުންފުޅުވަނީ އިދިކޮޅު މެމްބަރުންނަށް އޮތް މެޖޯރިޓީ ގެއްލުވައިލަން ކަމަށެވެ. އަދި ރައީސް ޔާމީނަކީ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ތަކުރާރުކޮށް ހިލާފުވެވަޑައިގަންނަވާ ވެރިއެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ޖޮއިންޓް ޕީޖީ ގްރޫޕުން ޑިމާންޑް ކުރަނީ މެމްބަރުންނާއި ސިޔާސީ ހައްޔަރީން ވަގުތުން ދޫކޮށްލުމަށް. އަދި ރައީސް ޔާމީން ގާނޫނާ އެއްގޮތަށް އަމަލު ކުރަން ބައިނަލްއަގުވާމީ ފަރާތްތަކުން ބާރު އެޅުމަށް. އަދި އިދިކޮޅު ފަރާތްތަކަށް ޖެއްސުން ކުރުން ހުއްޓާލުމަށް،" ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ރައީސް ޔާމީނާއި އެ މަނިކުފާނުގެ އިސް ބޭފުޅުންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އިދިކޮޅު ޕީޖީ ގްރޫޕްގެ ބަޔާނުގައި ގޮވައިލި އެވެ. އަދި އިންސާނީ ހައްގުތަކާ ދެކޮޅަށް މަސައްކަތް ކުރާ މީހުންނާ މެދު ފިޔަވަޅު އަޅަން ވެސް އެ ބަޔާނުގައި ގޮވައިލި އެވެ.

ބަޔާނުގައި ވަނީ ބައެއް މެމްބަރުންނާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ ކުރަން ނިންމާފައިވާކަން ފާހަގަކޮށްފަ އެވެ. އަދި މެމްބަރުން ބަހައްޓާފައި ހުންނަ ގޮޅިތަކުގެ ހާލަތު ދަށްކަން ވެސް އެ ބަޔާނުގައި ފާހަކުރި އެވެ.

އިންޓަ ޕާލަމެންޓްރީ ޔުނިއަން (އައިޕީޔޫ) އިން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވޭނެ ގޮތް ވީ އެންމެ އަވަހަކަށް ހަމަޖައްސަން ގޮވާލައިފަ އެވެ.

އައިޕީޔޫ އިން ބުނީ މެމްބަރުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާތީ ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލަތައް އަނބުރާ ގެންދަން ވެސް ގޮވާލާފައިވެ އެވެ. އެ ޖަމާއަތުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ އަދަދެއްގެ މެމްބަރުން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާތީ އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.