Roadha Mihaaru
12 މެމްބަރުންނަށް ދައުވާގެ ލިޔުންތައް ހަވާލުކޮށްފި

އިދިކޮޅު 12 މެމްބަރުންނަށް ކުރާ ދައުވާގެ ލިޔުންތައް ހަވާލުކޮށްފި

24 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަތް މައްސަލާގައި މަޖިލީހުގެ 12 މެމްބަރަކަށް ދައުވާކުރާ މައްސަލައިގެ ލިޔުންތައް ކްރިމިނަލް ކޯޓުން މިއަދު އެ މެމްބަރުންނާ ހަވާލުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަތް މައްސަލާގައި މަޖިލީހުގެ 12 މެމްބަރަކަށް ދައުވާކުރާ މައްސަލައިގެ ލިޔުންތައް ކްރިމިނަލް ކޯޓުން މިއަދު އެ މެމްބަރުންނާ ހަވާލުކޮށްފި އެވެ.

މިދިޔަ ޖުލައި މަހުުގެ 24 ވަނަ ދުވަހު ގަދަކަމުން މަޖިލީހަށް ވަތް މައްސަލާގައި އިދިކޮޅު ކޯލިޝަންގެ 12 މެމްބަރެއްގެ މައްޗަށް، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ވަނީ އުފުލައިފަ އެވެ. މިއީ މަޖިލީހުގެ މިހާ ގިނަ އަދަދެއްގެ މެމްބަރުންގެ މައްްޗަށް އެއްފަހަރާ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ މެމްބަރުން ހާޒިރުކޮށް، އެ މައްސަލައިގެ ލިޔުންތައް ހަވާލުކޮށްފަ އެވެ. ދައުވާކުރާ 12 މެމްބަރުންގެ މައްޗަށް ވެސް ދައުވާ އުފުލަނީ އެއް މައްސަލައެއްގެ ގޮތުގަ އެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނު ބުނާގޮތުން އަޑުއެހުންތައް ފެށުމުގެ ކުރިން މައްސަލައިގެ ލިޔުންތައް ހަވާލުކުރަން ޖެހޭނެ އެވެ. އެއަށް ފަހު ދެން އޮންނާނީ އިބްތިދާއީ އަޑުއެހުންތައް ފެށުމެވެ.

ލިޔުންތަކާ ހަވާލުވުމަށް ފަހު ކޯޓުން ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ މެމްބަރުން މަޖިލީހަށް ވަނުމަކީ ކުށެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ދައުވާ ކުރުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އެއްވެސް ހަމަހަމަކަމެއް ނެތް ކަމަށް ވިދާޅުވެ، އިބޫ ވަނީ ޕްރޮސެކިއުޓާ ޖެނެރަލަށް ފާޑު ވިދާޅުވެފަ އެވެ.

"މިހާ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންގެ މައްޗަށް އެއްފަހަރާ ދައުވާކުރި ފުރަތަމަ ފަހަރު ކަން ނޭނގެ މިއީ ދުނިޔޭގައި ވެސް. ހަމަގައިމު ވެސް އަޅުގަނޑެއް ނުދެކެން މިހާ ގިނަ އަދަދެއްގެ މެމްބަރުންގެ މައްޗަށް ދައުވާކުރާ ތަނެއް،" އިބޫ ވިދާޅުވި އެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އެ ދައުވާތައް އުފުލުމުގެ ބޭނުމަކީ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ހޯދުން ކަމަށާއި އެކަމާ މެދު ކަންބޮޑުނުވާ ކަމަށެވެ. ކިތަންމެ ދައުވާއެއް ކުރިޔަސް ފަހަތަށް ނުޖަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަތަރު ލީޑަރުންގެ ވިސްނުންފުޅާ އެކު އަޅުގަނޑުމެން މިތިބީ ފަސް ނުޖެހި ކުރިއަށްދާ ގޮތަށް، ހަމަ ބާރަށް ކުރިއަށް ގެންދާނީ،" ރިޔާޒް ވިދާޅުވި އެެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ އިބޫގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ އިތުރުން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)ގެ މައްޗަށެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު އަންނާނެ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް އަޔަސް މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.

އެ ބޭފުޅުންގެ ތެރެއިން ސައުދާއި ވައްޑެ އާއި އަމީތުގެ މައްޗަށް ވަނީ އިތުރު ދައުވާއެއް ވެސް އުފުލައިފަ އެވެ. އެއީ އެ ތިން ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް މަޖިލީހަށް ވަތް މައްސަލާގައިވެ އެވެ. އެ މައްސަލާގައި ކުރަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ.

އެ 12 މެމްބަރުންގެ އިތުރުން މަޖިލީހުގެ އެހެން ދެ މެމްބަރެއްގެ މައްސަލަ ވެސް ކޯޓުގައި އެބައޮތެވެ. އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އެވެ. ގާސިމްގެ މައްސަލަ ކުރިއަށް ގެންދާއިރު ފާރިސްގެ ޝަރީއަތުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.